ބޭރު ބޯޓުފަހަރުގެ މައްސަލަ ބޭރުކޮށްލުމުން މަސްވެރިން ނުރުހިއްޖެ!

large_161530337356Aa2r.jpg

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް ހުއްޓުވާފައި -- ފޮޓޯ: މަހިބަދޫ މަސްވެރިން / ފޭސްބުކް

ރާއްޖޭގެ ކަނޑުތަކުގައި ދާ އަަޅައިގެން މަސްވެރިކަން ކުރާ ބޭރުގެ ބޯޓު ފަހަރު އިތުރުވަމުން އަންނާތީ، މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލުމުން މަސްވެރިން އެކަމާ ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

އެގޮތުން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދާއަޅާ ބޯޓުފަހަރު ގިނަވަމުންދާތީ މެންބަރު ތޯރިގު ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި އެއީ ހަގީގަތުގައިވެސް މަސްވެރިންނަށް ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު “ސަން” އަށް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި ލޭނު އަޅައިގެން އަދި ދާ އަޅައިގެންވެސް ބޭރުގެ ބޯޓު ފަހަރުން މަސްވެރިކަން ކުރާ ކަމަށެވެ.

އާންމުކޮށް މިފަދަ އުޅަނދުތައް ފެންނަނީ މަސްވެރިކަމުގައި އުޅޭ އުޅަނދުފަހަރަށް ކަމަށާއި ބޭރުގެ އުޅަނދުތަކުން ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅޭ މައްސަލަ ކޯސްޓުގާޑަށް ރިޕޯޓު ކުރަނީވެސް ދިވެހި މަސްވެރިންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

“ކޯސްޓު ގާޑުން އަންނަންދެން މަސްވެރި އުޅަނދުތަކުން ބޭރުގެ މަސްބޯޓު ހިފަހައްޓައިގެން އޮންނަން އެބަޖެހޭ. އޭރަށްވެސް އެބަ ގެއްލޭ އަޅުގަނޑުމެންގެ މަސްވެރިކަމުގެ އެއްދުވަސް ނޫނީ ދެ ދުވަސް. ކޯސްޓުގާޑަށްވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރަނގަޅަށް މޮނީޓާ ކޮށް ނުބެލެހެއްޓޭ ކަމަކީވެސް އަޅުގަނޑުމެންގެ ކަންބޮޑުވުމެއް،”

އޭނާ ވިދާޅުވީ އަބަދުވެސް އިވޭނީ މަސްވެރި އުޅަނދަކުން ބޭރުގެ މަސްބޯޓެއް ހިފަހައްޓައިގެން ކޯސްޓުގާޑަށް ރިޕޯޓު ކުރާ ހަބަރު ކަމަށާއި، ކޯސްޓުގާޑުން ގަވާއިދުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާކޮށް ބަލަހައްޓަން ޖެހޭ ކަމަށެވެ.

“މިހާތަކަށް އައިސް ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގެ ވަރަށް އެތެރެއަށް ވަދެ ދާއަޅައިގެން މަސްވެރިކަން ކުރޭ،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދާ އަޅައިގެން މަސްވެރިކަން ކުރުމުން ހަމައެކަނި ނެގެނީ މަސް ނޫން ކަމަށައި ކަނޑުގެ އެހެން ދިރުންތައްވެސް އެގެ ސަބަބުން ނެތި ދާކަމަށެވެ. މިއީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ނެތި ދިޔުމުގެ ބިރު އޮތް ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ތޯރިގު ވިދާޅުވީ ދާ އަޅައިގެން މަސްވެރިކަން ކުރާ ބޯޓުތައް މި ދުވަސްވަރު އިންތިހާއަށް އިތުރުވެފައިވެ މަސްވެރިކަމަށް އިންތިހާއަށް އަސަރުކުރުމުންދާ ކަަމަށް މަސްވެރިން ރިޕޯޓްކުރަމުންދާ ކަމަށެވެ. އެހެންކަމުން އެކަމަށް އިތުރަށް ސަމާލުވެ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު އިތުރަށް ބެލެހެއްޓުމަށް މެމްބަރު ވަނީ ގޮވާލައްވައިފަ އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވި 39 މެމްބަރުންގެ ތެރެއިން، ފެންނަ ކަމަށް ވޯޓުދެއްވީ 10 މެމްބަރުންނެވެ. އަދި 26 މެމްބަރަކު ވޯޓުދެއްވީ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top