ބ. އަތޮޅުގެ ބާޒާރު: ކަރާގެ އަގު ވެއްޓި، ކުރުނބާގެ އަގު ރަނަށް

20190508_125839.jpg

އޭދަފުށި ފިހާރައެއްގެ ބޭރުގައި ހުރި ކަރާ ވަށިގަނޑުތަކެއްގައި ދިވެހި ކަރާ އާއި، އިންޑިޔާ ކަރާ އަގުޖަހާފައި. ކަރާގެ އަގު ދަނީ ދަށަށް / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ބ. އަތޮޅުގެ ބާޒާރުއަގުތަކަށް ބަލާލާއިރު ރަމަޟާންމަހުގެ ފުރަތަމަ ދުވަހާ އަޅާބަލާއިިރު ދިވެހި ކަރާގެ އަގު ބޮޑުތަނުން ވެއްޓި، ކުރުނބާގެ އަގު ރަނަށްވެއްޖެއެވެ.

ރޯދަމަސް ފެށުމާއެކު ކުއްލިއަކަށް ކަރާ ކިލޯއެއްގެ އަގު 40ރ އަށް ބަދަލުވެ، ދަނޑުވެރިން ހެއްވާލިއެވެ. އެހެންނަމަވެސް ބ. އަތޮޅުގެ މައި ވިޔަފާރިރަށް އޭދަފުށީގައި މިއަދު ކަރާ ކިލޯއެއްގެ އަގުވަނީ 25ރ އާއި 30ރ އާ ދެމެދުގެ އަގުތަކަށް ވެއްޓިފައެވެ. އަދި އިންޑިޔާ ކަރާ ކިލޯއެއް މިއަދު ލިބެންހުރީ 20ރ އަށެވެ. ވިޔަފާރިވެރިން ބުނަނީ ދިވެހި ކަރާ ގޮއިދޫއާ، ކިހާދުން ގިނަ އަދަދަކަށް ލިބެމުން އަންނަކަމަށާ، އަދި އަގުވެސް ބޮޑުތަނުން ދަށަށްގޮސްފައިވާކަމަށެވެ. ބައެއް ވިޔަފާރިވެރިން ބުނާގޮތުން ބޭރުކަރާގެ ބާޒާރުގައި ގިނަވެއްޖެނަމަ އަދިވެސް ދިވެހިކަރާގެ އަގު ދަށްވުމަކީ ގާތްކަމެއްކަމަށެވެ.

ކަރާގެ އަގު ދަށަށްދިޔައިރު ކުރުނބާގެ އަގުވަނީ މިއިން ޒަމާނަކުވެސް މައްޗަށް ނުދާވަރަށް ބ. އަތޮޅުގައި އުފުލިފައެވެ. އޭދަފުށީގައި މިއަދު ދޮންދަނބުރުކު ކުރުނބައެއް ވިއްކަނީ 25ރ އަށެވެ. ރޯދަމަސް ފެށުނު އިރު ކުރުނބާގެ އަގުހުރީ 15ރ ގައެވެ. ބ. މާޅޮހުން އޭދަފުއްޓަށް ކުރުބާ އެތެރެކުރާ އަބްދުއްރަހްމާން ޔޫސުފް (ކުޑަބެ) ބުނީ ކުރުނބާގެ އަގު މަތިވެގެން އުޅެނީ ޑިމާންޑާ އެއްވަރަށް ރުއްރުކުގެ މަތިވަރު ނެތުމުންކަމަށެވެ. އޭނާ ބުނީ ކުރުނބާގެ އަގު ދިޔަޔަސް ދެންދާނީ މައްޗަށްކަމަށެވެ.

މާޅޮހުން އޭދަފުއްޓަށް ގެނައި ކުރުނބާ އިހަލެއް މިއަދު މީހަކު އޭދަފުއްޓަށް ބާލަނީ. ކުރުނބާގެ އަގު މިއިންޒަމާނަކު ނުދާހާ މައްޗަށް މިއަދުވަނީ އުފުލިފައި / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ކަރައާއި ކުރުނބާގެ އަގުތަކަށް ބޮޑު ބަދަލެއް އައިއިރު ތަރުކާރީއާ، މޭވާގެ ބައެއް ބާވަތްތައް އަތޮޅުގެ މައި ބާޒާރުގައި މިއަދު ތިޔާގިވެފައި ގިނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބޭރު އަނބު، ބޭރު ފޭރު، އަންނާނު، ފެޝަންފުރުޓް، ޕިޔާޒް، ކައްޓަލަ ދަނޑި އަލުވި، ކިއުކަންބާ، ކެރެޓް، ކެބެޖް ފާހަގަކޮށްލެވެއެވެ. ރޯދައަށް އަގު މައްޗަށް އުފުލުނު ކެރެޓް، ލޮނުމެދު، ކެބެޖް، ޓޮމާޓޯގެ އަގު މިހާރުވަނީ ދަށަށްދާން ފަށާފައެވެ. ނަމަވެސް ބިހާ، ފިޔާ އަދި އަލުވީގެ އަގު ވަނީ މައްޗަށް ޖެހެންފަށާފައެވެ.

ވިޔަފާރިވެރިން ބުނަނީ އާންމު މޭވާ، ތަރުކާރީ އަގުތަކަށް ބަދަލު ނައިސް ބެހެއްޓޭނީ މާލެދަތުރުކުރާ ނާލު ބޯޓު ފަހަރު އޭދަފުއްޓާ، މާލެއާދެމެދު ދަތުރުކުރާ އަދަދު އިތުރުވެގެންކަމަށެވެ. ބާޒާރުގައި ތަކެތި ތިޔާގިނަމަ އަގުތައް ހިފެހެއްޓޭނެކަމަށްވެސް އޭދަފުށީ ވިޔަފާރިވެރިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top