ބ. އަތޮޅު ކައުންސިލްގެ ފަރާތުން އެ އަތޮޅުގެ ރަށްރަށުގައި އިއްޔެ ކުރިއަށް ގެންދަން ފެށި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއަކީ ވަރަށް ތަހުޒީބު މަސައްކަތެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިއްޔެ ހެނދުނު ބ. ކުޑަރިކިލުގައި ބޭއްވި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު އިފްތިތާހް ކުރުމަށް ބ. ކުޑަރިކިލުގައި އއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ ބ. އަތޮޅުން އިސްނަގައިގެން ފެށި މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ އަތޮޅު ތަކަކުންވެސް މިކަންކަމާ ދޭތެރޭގައި ވިސްނާ ފިކުރުކުރަންޖެހޭ ކަމެއްކަމަށެވެ. ހަމަ އެއާއެކު އަތޮޅުގެ ކަންކަން ކުރިއަށް ގެންދިއުމުގައި 21 ވަނަ ގަރުނުގައި ވިސްނުމާއި ފިކުރު ގެންގުޅެންވީ ގޮތުގެ މައްޗަށް ރިއާޔަތްކުރުމަށް މުހިންމު މިސާލަކަށް ވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ރަށްރަށުގައި ދިރިއުޅެމުން ގެންދާއިރު ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ވިސްނަންޖެހޭނެއެވެ. އަދި އެކަމަށް ޓަކައި އެމީހަކަށް ފަރުދީ ގޮތުން ކުރެވެން އޮތް ކަމެއް ކުރުން މުހިންމު ކަން ފާހަގަ ކުރެއްވި އެވެ.
”ތިޔަ ބޭފުޅުންގެ ވިސްނުންފުޅު މިއަދު މިފަދަ މަޝްރޫއަކަށް މުޅި އަތޮޅަށް މިކަން ޚާއްސަ ކުރައްވައިގެން ފައްޓަވާކަމީ އެހެން އަތޮޅު ތަކުގައިވެސް ފިކުރު ތަހުޒީބުގެ ވިސްނުން އޮތް ކަމުގައި ވިޔަސް މީގެ ރީތި ނަމާއި ޝަރަފް މުޅި ބ. އަތޮޅަށް ލިބިގެންދާ ވަރަށް ތަހުޒީބު ހަރަކާތެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަނީ.” މިނިސްޓަރު ވިދާޅުވިއެވެ.
ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ މި މަޝްރޫއުގެ ދަށުން އެއަތޮޅު ކޮންމެ ރަށެއްގެ ރަށުކައުންސިލް އިދާރާގައި 15 ކިލޯވޯޓްގެ ސޯލާ ޕީ.ވީ ސިސްޓަމެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.