”ހައްޖުމަހުގެ ފުރަތަމަ 10ދުވަހަކީ ދުނިޔޭގައިލެއްވި އެންމެ މާތް ދުވަސްތައް.“

DSCN1354.jpg

އޭދަފުށި މަސްޖިދުލް މުޢީނުންދީނުއްޘާނީ --އީވީ .ފައިލް ފޮޓޯ

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމަށް އަލިއަޅުވާލައްވައި މިއަދުގެ ޚުތުބާގައި ބުނެފައިވަނީ މާތް ﷲ ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރި ވެގެންވާ މައްސަރުތައް ކަމަށާއި އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ހައްޖު މަސް ކަމަށެވެ.

އެގޮތުން ހައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ މާތްﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތައް ކަމަށާއި މާތް ނަބިއްޔާ މުސްލިމުންނަށް އިރުޝާދު ދެއްވާފައިވަނީ މި ދުވަސްތަކުގައި ތަކްބީރާއި، ތަހްމީދާއި، ތަސްބީހަ ކިޔުން ގިނަ ކުރުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

“އަޅުގަނޑުމެން ކުރާ އަޅުކަމަކީ ހަމައެކަނި ﷲ ތައާލާއަށް ކުރާ އަޅުކަމަކަށް ހަދަން ޖެހޭނެއެވެ. އަދި ޝިރުކު ކުރުމާއި ޝިރުކުގެ އަހުލުވެރިންގެ ކިބައިން ބަރީއަވާން ޖެހޭނެއެވެ. އިޚުލާސްތެރިކަން ފަނޑުކޮށް ކިލަނބުކޮށްލާފަދަ އެންމެހާ ކަންކަމުން ދުރުވެ، ރައްކާތެރިވާން ޖެހޭނެއެވެ. ދެއްކުންތެރިކަމާއި އަޑުއެރުވުން ފަދަ ކުޑަ ޝިރުކުތަކަށް ޖާގަ ދީގެން ނުވާނެއެވެ.” ޚުތުބާގައި ބުނެފައިވެއެވެ.

މި ދުވަސްތަކުގައި ކުރެވެން އޮތް ސާލިހު އަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނޭ ކަމަށާއި އިންސާނާ އަހަރުގެ އެހެން ދުވަސްތަކުގައި ކުރާ ހެޔޮ އަމަލުތަކަށް ވުރެ މި ދިހަ ދުވަހުގެ ތެރޭގައި ކުރާ ހެޔޮ އަމަލުތަކުގެ ސަވާބު ބޮޑުވެގެންވާކަން ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅުތަކުން ހާމަވާކަން ވެސް ޚުތުބާގައި ފާހަގަކުރައްވާފައިވެއެވެ.

މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން، މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ނިޔަތް ގަނެފައިވާ އެތައް ބަޔަކަށް، ހައްޖަށް ދެވޭ ގޮތްނުވި ކަމުގައި ވިޔަސް، ފަރްޟު ހައްޖުވުމަށް އެކަމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ފަރާތްތަކަށް ﷲގެ ހަޒްރަތުން ދަރުމަ އާއި، ސަވާބު ލިބޭނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އަދި އަމިއްލަ ގައުމުގައި، އަމިއްލަ ވަޒަނުގައި، ތިބިކަމުގައި ވިޔަސް ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ އާއި ސަވާބު ލިބިގަތުމަށް މަސައްކަތް ކުރުމުގެ މަގު ތަނަވަސްވެފައިވާކަން ފާހަގަކުރައްވަމުން ޚުތުބާ ގައި ވަނީ ރޯދަ ހިފުމާއެކު މި ބަލިމަޑުކަމުން ސަލާމަތްކޮށްދިނުމަށް އެދި ދުއާކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top