ނޯޓް: ”ރައްޔިތުންގެ އަޑު“ މިއީ ބ.އަތޮޅުގެ ރައްޔިތުންގެ ޚިޔާލަށް ހުޅުވާލާފައިވާ ސަފްހާއެކެވެ. ފުރަތަމަ ބޭނުމަކީ އަތޮޅުގެ ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކާ އެމަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ސީދާގޮތުންނާއި ނުސީދާ ގޮތުން ލިބޭ ފައިދާ ނުވަތަ ގެއްލުމާ ބެހޭ ގޮތުން ޚިޔާލު ފާޅު ކުރެވޭ ޕްލެޓްފޯމެއް ގާއިމު ކޮށްދިނުމެވެ. ހަމައެފަދައިން އަމިއްލަ ޖަމާއަތުން ނުވަތަ ވަކި ފަރުދެއްކަމަށް ވިޔަސް ރަށުގައި ހިންގާ ހަރަކާތަކުން ރައްޔިތުން ނަސް ލިބޭ ގެއްލުމެއް ނުވަތަ ފައިދާއެއްގެ ވާހަކަ ބުނަން ބޭނުންވާ މީހުންނަށް މި ނޫސް މެދުވެރިކޮށް ހާމަ ކޮށްދިނުމެވެ. ތިޔަ ބޭފުޅުންގެ ޚިޔާލަށް އަޅުގަނޑުމެން މަރުހަބާ ކިޔާނަމުއެވެ.
މިފަހަރުގެ ސުވާލު އަމާޒު ކުރެވިފައިވަނީ އޭދަފުށީ ކައުންސިލަށެވެ. އޭދަފުށިން ގޯތި ދިނުމުގެ ކަންތައް އޮތީ ކިހާ ހިސާބެއްގައިތޯ ކުރެވޭ ސުވާލެވެ.
ސ: ގޯއްޗަށް އެދި އޭދަފުށިގެ 662 މީހުން ފޯމް ހުށައެޅިތާ ހަމަހެއްހާ ދުވަސްވީއިރު، ގޯތި ދޫކުރުމުގެ ކަންކަން މިހާރު ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ؟ މިމަސައްކަތުގެ ސްޕީޑް ލަސްވަނީ ކީއްވެތޯ؟
ޖަވާބުދެއްވީ އޭދަފުށީ ކައުންސިލްގެ ނާއިބް ރައީސް ހައްވާ ސަމީހާ
ޖ: “އޭދަފުށިން ގޯއްޗަށް އެދި ހުށައެޅި 662 ފޯމް މައުލޫމާތުތައް ޗެކް ކުރުމަށްފަހު، މިމަހުގެ ތެރޭގައި އިތުރު މައުލޫމާތު ސާފުކުރުމަށް ވަނީ އަތޮޅު ކައުންސިލަށް ފޮނުވިފައި. އަތޮޅު ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާނީ ފޯމް ހުށައެޅި ފަރާތްތަކުގެ ނަމުގައި ރާއްޖޭގެ އެއްވެސްތަނެއްގައި ގޯއްޗެއް އޮތްތޯ ބެލުން. އެކަން ކުރިޔަށް އެބަދޭ. އަޅުގަނޑުމެންނަށް ބައެއް މައުލޫމާތު މިހާރު ލިބިފަވެސް އެބަހުރި. ގޯތި ދޫކުރުމުގެ މަސައްކަތް ކުރިޔަށް ދާވަރު ލަސްކަމަކަށް ނުދެންނެވޭނެ. ލޮކްޑައުން ވުމާގުޅިގެން ރަސްމީ އިދާރާތަކުން ކުރަންޖެހޭ ކަންކަމަށް މަޑުޖެހުމެއް އައި ނަމަވެސްސް ރަށު ކައުންސިލުން މިދަނީ މިކަން ވީހާ އަވަހެއް ކުރެވޭތޯ ބަލަމުން.”