ކައުންސިލްތަކަށް ގްރާންޓްގެ ގޮތުގައި ދައުލަތުން ދޭ ފައިސާ ހަރަދު ނުކޮށް ބަހައްޓާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރުހުން ފާޅުކުރައްވައިފި އެވެ.
ބ. އޭދަފުށީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އަހަރު ނިމޭއިރު ކައުންސިލްތަކުން ގްރާންޓްގެ ގޮތުގައި ދީފައިވާ ފައިސާގެ ބޮޑުބައެއް ހޭދަނުކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން 2.2 ބިލިއަން ރުފިޔާ މިދިޔަ އަހަރު ކައުންސިލްތަކަށް ދޫކުރި ނަމަވެސް އަހަރު ނިމުނު އިރު 1.4 ބިލިއަން ރުފިޔާ ހޭދަނުކޮށް ކައުންސިލްތަކުގެ އެކައުންޓް ތަކުގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން މި އަހަރު ދޫކުރި ފައިސާއިން ވެސް ހަރަދު ކުރުމުގެ ޓްރެންޑް ހުރީ ހަމަ އެކަހަލަ ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ފައިސާއިން މުހިންމު ކަންކަން ކުރުމުގެ ބަދަލުގައި ތަޖުރިބާގެ ދަތުރުގެ ގޮތުގައި ރާއްޖެއިން ބޭރަށް ބޭކާރު ދަތުރުތަކެއް ބައެއް ކައުންސިލްތަކުން ކުރަމުން އަންނަ ކަމަށެވެ.
”މި ފައިސާ މިދެނީ ކައުންސިލް ތަކަށް މިދެނީ ހިދުމަތްތައް ފޯރުކޮށްދޭން. މުނިސިޕަލް ހިދުމަތް ކުރަން. އެއީ ލާޒިމް ކަމެއް އެ ފައިސާ ޒިންމާދާރުކަމާ އެކު ހަރަދުކޮށް އެ ރަށެއްގެ ފެންވަރު އެންމެ ރަނގަޅު މުނިސިޕަލް ހިދުމަތްތައް ދިނުން. އެކަމަކު މި ހުރީ ހަރަދު ނުކޮށް ބޭނުންނުކޮށް ބަހައްޓާފައި އެ ފައިސާ،” ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އާންމު ރައްޔިތުން ކުރާ ވިޔަފާރިތަކުގެ ތެރެއަށް ކައުންސިލްތަކަށް ނުވަދެވޭނެހެން ގާނޫނު އިސްލާހު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.






