އޭދަފުށީގައި ބިނާކުރުމަށް ނިންމާފައިވާ 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އޭދަފުށީގައި ބޭއްވި ޚާއްސަ ޖަލްސާގައި، އެރަށަށް 1000 ހައުސިންގ ޔުނިޓުގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރު އޭދަފުށީ ރައްޔިތުންނަށް ދެއްވި އެވެ.
އޭދަފުށީ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހާޒިރުވި މި ޖަލްސާގައި ރައީސް މުއިއްޒު ވަނީ ރިޔާސި ކެމްޕެއިން ތެރޭގައި އަދި އޭގެ ފަހުންވެސް އޭދަފުއްޓަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން ހަނދުމަފުޅު ހުރި ކަމަށް ވިދާޅުވެ ބައެއް ކަންކަން މި އަހަރު ނިމުމުގެ ކުރިން ފެށިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.
އޭދަފުށީގެ ތަރައްގީއަށް ގިނަ ވައުދުތަކެއް ވެފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.
އެގޮތުން އޭދަފުށީގައި 1000 ހައުސިން ޔުނިޓު ގާއިމުކުރުމުގެ މަސައްކަތުގެ އަމަލީ މަސައްކަތް މި އަހަރު ފަށައި، މި ދައުރުގެ ތެރޭގައި އެ މަސައްކަތް ނިންމާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އޭދަފުށީގެ ބަނދަރުގެ މަސައްކަތް ނިމޭނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރައްވާ ކަމަށާއި، އިންޑޯ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭ ކަމުގައިވެސް ވިދާޅުވި އެވެ. މި އަހަރުގެ ތެރޭގައި ޔޫއެސް ޑޮލަރުގެ ހިދުމަތް ދޭ އޭޓީއެމް އެއް އޭދަފުށީގައި ގާއިމުކޮށްދެއްވާނޭ ކަމަށާއި އަލަށް ގޯތި ދޫކުރާ ސަރަހައްދަށް އެކްސްޓެންޝަން ހިމެނޭ ގޮތަށް، ރަށުގެ ކަރަންޓާއި ފެން ފަދަ ޔުޓިލިޓީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މި އަހަރާއި އަންނަ އަހަރުގެ ބަޖެޓުން ހަރަދު ކުރަމުންދާނެ ކަމަށްވެސް ވިދާޅުވި އެވެ. އޭދަފުށިވެސް ހިމެނޭހެން، ކޮންވެންޝަން ސެންޓަރުތައް ގާއިމުކުރުމަށް ވައުދުވެފައިވާ ރަށްރަށުގައި، އަންނަ އަހަރު އެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އޭދަފުށީގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން މިހާރު ތައްޔާރުވެފައިވާކަަމަށާއި، އެ މަޝްރޫއުގެ ދަށުން ރަށުގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އޭދަފުއްޓަކީ ކުޅިވަރުގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. ރައީސް ވަނީ އެ ދާއިރާއިންވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމަށް ވިދާޅުވެފައެވެ.
“އެންމެ މުހިންމީ އިންޑޯ ކުޅިވަރު ކުޅޭވޭނެގޮތަށް ސްޕޯޓްސް އިންޑޯ މަލްޓި ކޮމްޕްލެކްސްއެއް އެޅުން. އެކަމުގެ އަމަލީ މަސައްކަތްވެސް މިއަހަރު ފެށޭނެ. މުޅި ރާއްޖޭގައި މަލްޓި އިންޑޯ ކޮމްޕްލެކްސްގެ އެޅުމަށް ނިންމާފައިވަނީ 5 ކޮމްޕްލެކްސް. އޭގެތެރެއިން އެރަށް މިރަށަކީ. 1200 މީހުންނަށް ކުޅިވަރު ބަލަން ތިބެވޭނެ ސްޓޭޓް އޮފް އާޓް ކޮމްޕްލެސްއެއް އެއީ” ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އޭދަފުށީގައި ވަނީ އިމިގްރޭޝަން އޮފީހެއް ހުޅުވައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީކޮށް ފަށައިފައެވެ. އޭގެ އިތުރުން ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުވެސް ކޮށްފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ތަރައްގީގެ ހުރިހާ މަޝްރޫއެއްވެސް ކުރިއަށްދަނީ ވަކި ތަރުތީބަކުންކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ހުރިހާ މަޝްރޫއެއް މިދައުރުގައި ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.






