ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބ.އަތޮޅަށް ކުރައްވަމުން ގެންދަވާ 4 ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އޭދަފުއްޓަށް ވަޑައިގެންފި އެވެ.
ރައީސް އޭދަފުއްޓަށް ވަޑައިގެންފައި މިވަނީ ބ. ކަމަދުއާއި ކުޑަރިކިލާއި ކެންދުއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ތަރައްގީގެ މަޝްރޫއު ތަކެއްވެސް ފައްޓަވައިދެއްވުމަށް ފަހުއެވެ.
ރައީސް އޭދަފުއްޓަށް ވަޑައިގަތުުމުން އޭދަފުށީގެ ވަރަށް ގިނަ ރައްޔިތުންވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
އެ އެންމެންނާއި ވަކިވަކިން ސަލާން ކުރެއްވުމަށްފަހު އެމަނިކުފަނު ވަނީ ބ.އަތޮޅުގައި އާރްޓީއެލް ފެރީގެ ޚިދުމަތް ރަސްމީ ގޮތުން ފައްޓަވައި ދެއްވާފައެވެ.
ރައީސް ގެ މިދަތުރުފުޅުގައި މިރޭ އޭދަފުށީގައި ޚާއްސަ ޖަލްސާއެއް އޮންނާނެއެވެ. އޭގެ އިތުރުން ބ.އަތޮޅު ހޮސްޕިޓަލުގައި މެމޯގްރަފީ، ނުވަތަ ކެންސަރަށް ސްކްރީން ކުރުމުގެ ޚިދުމަތް އަލަށް ފައްޓަވައި ދެއްވުމާއި އިތުރު މަަޝްރޫއުތަކެއްވެސް މި ދަތުރުފުޅުގައިފައްޓަވައި ދެއްވާނެކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.
ރައީސް ރާއްޖެތެރެއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުތަކަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުގައި، ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.







