އާ ސަބްމެރިން ކޭބަލާ އެކު އިންޓަނެޓުގެ އަގު %50 ހެޔޮވާނެ: ފައްޔާޒު

large_169176568920DQcB.jpeg

ސަރުކާރުގެ ސަބްމެރިން ކޭބަލް؛ އޯސީއެމް - އައިއޭއެކްސް، ހުޅުމާލެއާ ގުޅައިލުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ

އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްގެން ދިވެހި ސަރުކާރުން އަޅާ އިންޓަނެޓް ސަބްމެރިން ކޭބަލް؛ އޯސީއެމް – އައިއޭއެކްސް އާ އެކު ދިރާގާއި އުރީދޫން ބޭރުން ހޯދާ އިންޓަނެޓްގެ އަގު 50 އިންސައްތަ ކުޑަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސަބްމެރިން ކޭބަލް؛ އޯސީއެމް – އައިއޭއެކްސް، ހުޅުމާލެއާ ގުޅާފައި ވަނީ މިއަދު ހަވީރެވެ.

އެ ކޭބަލް މިއަދު އިފްތިތާހުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހެވެ. އެ މަނިކުފާނުގެ އިތުރުން، ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކުގެ ވެރިން އެ މަޝްރޫއު އިފްތިތާހު ކުރުމުގައި ބައިވެރިވެ ވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ކޭބަލުގެ ޚިދުމަތް ފެށުމުން، މިހާރު އިންޑިއާ ނޫނީ ލަންކާއިން ރާއްޖޭގެ ސާވިސް ޕްރޮވަައިޑަރުން ހޯދާ އިންޓަނެޓް ދެބައިކުޅައެއްބައި އަގުގައި ލިބޭނެ ކަމަށެވެ. އަދި، އެއާ އެކު، ސްޕީޑު ދެގުނަވާނެ ކަމަށް ބެލެވޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން އުންމީދު ކުރަނީ މި ކޭބަލާ އެކު، ގާތްގަނޑަކަށް 50 ޕަސެންޓު މިހާރު ދިރާގު، އުރީދޫއިން އިންޓަނެޓު ގަތުމަށް ލިބޭ އަގުން ހެޔޮވާނެ ކަމަށް” އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލެއް ގުޅާލި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، މިއަދާ ހަމައަށް ރާއްޖެއަށް އިންޓަނެޓް ލިބެނީ ލަންކާ ނުވަތަ އިންޑިއާގެ ކޭބަލެއް މެދުވެރިކޮށް ކަމަށެވެ.

ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫއުގެ ސަބަބުން އެކި ދާއިރާތަކަށް ޒަމާނީ ކުރިއެރުންތަކެއް ލިބޭނެއެވެ. އެގޮތުން ސަރުކާރުގެ އިދާރާތައް ހަލުވި ސްޕީޑުގައި، މިހާރަށް ވުރެ އެތައް ގުނައެއް އަގުހެޔޮކޮށް ގުޅާލައި، ގަވް.އެމްވީގެ ޚިދުމަތް ފުޅާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގައި މުވާސަލާތީ ޚިދުމަތްދޭ ދެ ކުންފުނިން ވެސް އަންނަނީ އާ ސަބްމެރިން ކޭބަލްތަކެއް ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން، އުރިދޫއިން “ޕީސް” ކޭބަލްގެ ކަނެކްޝަނެއް ކުޅުދުއްފުއްޓާ ގުޅާލުމަށް ކުރާ މަސައްކަތް މިއަހަރުތެރޭ ނިމޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އަދި، ދިރާގުން އަންނަނީ، ސީމީވީ6 ކޭބަލް ރާއްޖެއާ ގުޅާލުމުގެ މަސައްކަތް ކުރަމުންނެވެ. އެ ދެ ކޭބަލަކީ ވެސް، ޔޫރަޕާއި، ސިންގަޕޫރާ ދެމެދު އަޅަމުންދާ ކޭބަލްތަކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top