ރާއްްޖޭގައި 25 ދާއިރާއެއްގެ ވިޔަފާރިކުރުން ބިދޭސީންނަށް މަނާކޮށްފި އެވެ.
ތަފާތު ވިޔަފާރިތައް ކުރުމަށް ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާއިރު އޭގެތެރޭގައި ނުގަވައިދުން ވިޔަފާރި ކުރާ ބިދޭސީން އުޅޭ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަންނަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅާފައެވެ. މީގެ ތެރެއިން ބައެއް ދާއިރާތަކަކީ މިހާރުވެސް ބިދޭސީން ހަރަކާތްތެރިވަމުން އަންނަ ދާއިރާތަކެވެ.
އެ ދާއިރާތަކަކީ:
1- ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)
2- ހޯލްސޭލް ޓްރޭޑް – އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި
3- ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް
4- ޕޯސްޓަލް އަދި ކޫރިއަރ ސަރވިސަސް
5- ކާބޯތަކެތި ވިއްކުމުގެ ޚިދުމަތްތައް (ކެފޭ، ރެސްޓޯރަންޓް އަދި ބޭކަރީ ހިންގުން)
6- ތަކެތި ކުއްޔަށް ދިނުމުގެ ވިޔަފާރިތައް (އިމާރާތްކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)
7- އެމްޕްލޯއިމަންޓް އޭޖެންސީ އާއި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތްތައް
8- ޓްރެވަލް އޭޖެންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައް
9- ލޭންޑްސްކޭޕިންގ މަސައްކަތް
10- ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ގައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް
11- ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން
12- ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް
13- ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް
14- ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ މަސައްކަތް
15- ގާނޫނީ ވަކީލުންގެ ހިދުމަތްތައް
16- ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް
17- ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމާއި ހިންގުން
18- ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން
19- ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން
20- ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން
21- ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން
22- ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ފިޔަވައި)
23- މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތް
24- މައިނިންގ އޮފް ސޭންޑް
25- ފޮރެސްޓްރީ
ރާއްޖޭގައި ބިދޭސީންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާއިރު، ސަރުކާރުން ވަނީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ފަށައިފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިިިދިޔަ އާދިއްތަ ދުވަހު އެ މަސައްކަތުގެ ތެރެއިން ހޯދި ބިދޭސީންގެ 1800އަށް ވުރެ ގިނަ މީހުން މިހާތަނަށް ފުރުވައިލައިފައިވާ ކަމަށެވެ. އަދި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ވެސް ނުގަވައިދުން އުޅޭ 83 ބިދޭސީން ހޯދައިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.