ދީނީ ސަފްހާ: ނިޔާމަ ދަތުރު

33663062_1821059351270839_6008323664129294336_n.jpg

އެޑިޓަރުގެ ބަސް : “ނިޔާމަ ދަތުރު ” މި ނަމުގައި އަލްއަޚް އަބްދުﷲ ނައީމް އިބްރާހީމް ތަރުޖަމާ ކުރައްވާފައިވާ މި ފޮތަކީ އިސްލާމީ ދުނިޔޭގައި ނަން ހިނގާފައިވާ މުފައްކިރެއް ކަމަށްވާ މަވްލާނާ ވަޙީދުއްދީން ޚާން ލިޔުއްވައިފައިވާ اَللـَّهُ أَكْــــــــبَرُ މި ފޮތުން ނަގައިފައިވާ މަޒްމޫނުތަކެއްގެ މަޖްމޫޢާ އެކެވެ. މި ފޮތް ވަނީ ތިން ފަހަރުގެ މަތިން ޗާޕް ކޮށްފައޭ ދެންނެވުމުން ފޮތާމެދު ޝައުގުވެރިކަން ހުރިވަރު އަންގައިދީފިއެވެ. އަގުހުރި ދަރުސް ތަކެއް އެކުލެވިގެންވާ މި ފޮތް އޭދަފުށި ވޮއިސް ގައި ޝާއިޢު ކުރުމަށް ދެއްވި ކަމަށްޓަކައި ނައީމަށް ޝުކުރު އަދާ ކުރަމެވެ.

ދިވެހި އަދަބީ ދުނިޔެއަށް ވެންނެވުމަށް ނައީމް ނެންގެވި ގަލަމަށް އަދިވެސް ވަރުބަލި ކަމެއް ނާދެއެވެ. 70ގެ ފަހުގެ އަހަރުތަކުން ފެށިގެން މިއަދާ ހަމައަށް އައިއިރު އޭނާ ވަނީ ރާއްޖޭގައި ނުކުތް މަޝްހޫރު ގިނަ މަޖައްލާ ތަކަކާއި ނޫސްތަކަށް ލިއުއްވާފައެވެ. ހަފްތާ، އިލްމީ އޮއިވަރު، ފަތްތޫރަ، ފިނިހިޔާ ހަވީރު ފަދަ ނޫސްތައް ނައީމުގެ ލިއުއްވުން ތަކުން މުއްސަނދި ކޮށް ދެއްވިއެވެ. ޓީވީ މޯލްޑިވްސް އިން މިހާރުވެސް ގެނެސްދެމުން އަންނަ ހޭޔަންބޯ ޕްރޮގްރާމްގެ ނަސޭހަތުގެ ބަސްކޮޅު ވެސް ދުވަސް ތަކެއް ވަންދެން ލިއުއްވަމުން ގެންދެވި ނައީމަކީ މިހާރުވެސް ނުކުންނަމުން އަންނަ ދުވަހު ނޫސް އާފަތިސް އޮންލައިން ގެ “ފުރާނަ ” ވެސް މެއެވެ.

ފެށުމުގެ ބަސް

ގަލަމުގެ ބޭނުން ކުރަން އިންސާނުންނަށް ބާރާއި، އިޚްތިޔާރު ދެއްވި ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ޙަމްދާއި، ޝުކުރު ހުއްޓެވެ. މި ފަދަ މަސައްކަތެއް ކޮށް ނިންމައިލެވުނީމާ ހިތަށް އަރައެވެ. ﷲ ގެ ރަޙްމަތުގެ ބޮޑުކަމާއެވެ! އެހެން ނޫން ނަމަ އަޅުގަނޑު ފަދަ ނިކަމެތި އަޅަކަށް މި ފަދަ ކަމެއް ކޮށް ނިންމައިލެވޭނޭ އެއްވެސް ގޮތެއް އޮންނާނެތޯއެވެ؟ ލިޔަމުން ގޮަސް ވަރުބަލިވެ، އަތުގެ ވާގި ނެތޭ ގޮތް ވާން ފެށީމާ މި ޚިޔާލު މާ ބޮަޑަށް ކުރެވެއެވެ. އަތަށާއި، ސިކުނޑިއަށް ދެއްވައިފައިވާ އާދަޔާ ޚިލާފު ބާރެއްގެ ސަބަބުން ނޫން ނަމަ މި ފޮތް ވުޖޫދަކަށް ނައީހެވެ. އެ ބާރަކީ ﷲ ގެ ރަޙްމާންވަންތަކަމުން ދެއްވައިފައިވާ ނިޢުމަތެއް ކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ. އެއީ އަޅުގަނޑު ކުޅަ ކަމެއްގެ ބަދަލުގައި ދެއްވި އަގެއް ނޫނެވެ.

ﷲ އަށް ޝުކުރު ކުރުމަށް ފަހު ދެން އަވަސް ވެގަންނަނީ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ޞަލަވާތާއި، ސަލާމުން ވެދުން ކުރާށެވެ. މި ޞަލަވާތާއި، ސަލާމުގައި އެކަލޭގެފާނަށް ތަބާވެ ވަޑައިގަތް ޞަޙާބީންނާއި، އާލުން ޝާމިލު ކުރަމެވެ. އަޅުގަނޑުމެންނަށް ދުވާލުގެ އަލިކަމުގެ ތެރޭގައިވެސް އަނދިރީގައި ތިބެން ނުޖެހި މި ވަނީ އެކަލޭގެފާނުގެ މެސެޖްގެ ސަބަބުންނެވެ. އެހެން ނޫންނަމަ ސައްޔިދުނާ ޢުމަރުގެފާނު ވިދާޅު ވެފައިވާ ފަދައިން އަޅުގަނޑުމެން ތިބީ އަމިއްލަ އަތުން ފުށް މޮޑެގެން ހަދާ ބުދުތަކަށް ސަޖިދަ ކޮށްފައި، ބަނޑަށް ޖެހުނީމާ ހަމަ އެ ބުދު ފިހެގެން ކައިކައެވެ. ހެޔޮ މަގަކީ ކޮބައި ކަމާއި، ދިރިއުޅުމުގެ ބޭނުމަކީ ކޮބައިކަމާއި، ސަލާމަތުގެ އައްސޭރިއަށް ދެވޭނީ ކިހިނެއްކަން އަންގަވައި ދެއްވާން ﷲ ފޮނުއްވި ރަސޫލުބޭކަލަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. މި ފޮތް ލިޔުމުގެ ޚިޔާލު ބޮލަށް ވަންނަނީ އެކަލޭގެފާނު ދެއްކެވި މަގުގައި އެއްފައި ނަމަވެސް އަޅައިގެން ހުރެވުނީމައެވެ. އުއްމީދަކީ އެ މަގުން ކައްސާނުލައި ކުރިއަށް ދިއުމެވެ. ތައުފީގު ދެއްވާނީ ކުޅަދުންވަންތަ ﷲ އެވެ.

މި ފޮތަކީ އިސްލާމީ ދުނިޔޭގައި ނަން ހިނގާފައިވާ މުފައްކިރެއް ކަމަށްވާ މަވްލާނާ ވަޙީދުއްދީން ޚާން ލިޔުއްވައިފައިވާ اَللـَّهُ أَكْــــــــبَرُ މި ފޮތުން ނަގައިފައިވާ މަޒްމޫނުތަކެއްގެ މަޖްމޫޢާ އެކެވެ. މި މަޒްމޫނުތައް އަޅުގަނޑު ލިޔެފައި ވަނީ މީގެ އަށް އަހަރު ކުރިން އާފަތިސް ނޫހަށް “ދަންމަރު” މި ނަމުގައި ލިޔުނު ކޮލަމަކަށެވެ. މާ ފަހުން އެ ލިޔުންތައް ފެނިގެން ފޮތަކަށް ހެދުމުގެ ޚިޔާލު ކުރެވުނީއެވެ.

މި ދިޔަ ފެބްރުއަރީ މަހު މަވްލާނާ ވަޙީދުއްދީން ޚާންގެ ފައިންޕުޅު ފެނުމުގެ ޝަރަފު ދެވަނަ ފަހަރަށް އަޅުގަނޑަށް ލިބުނެވެ. އެ ދުވަހަކީ އޭނާގެ ތަޤްރީރެއް އޮތް ދުވަހެކެވެ. ތަޤްރީރު އޮތީ ދިއްލީގައި ހުންނަ އިސްލާމީ މަރުކަޒުގައެވެ. އަޅުގަނޑުވެސް އެ ތަޤްރީރު އަޑު އަހަން އިނީމެވެ. މީގެ ކުރިން އަޅުގަނޑު ތަރުޖަމާ ކުރި ފޮތެއް އެ ދުވަހު އޭނާއަށް އެރުވީމެވެ. އެއީ “ކާމިޔާބީގެ މަގު” މި ފޮތެވެ. އޭނާ ތަޤްރީރުގެ ތެރޭގައި އަޑު އަހަން ތިބި މީހުންނަށް އެ ފޮތް ދައްކަވައިފައި ވިދާޅުވިއެވެ.

“ނިކަން ދެކިބަލާށެވެ. އަހަރެން މީގެ ދެ ދުވަހެއް ކުރީން ދިވެހިރާއްޖެއާ ބެހޭ ލިޔުމެއް ކީމެވެ. އެ ލިޔުމުގައި އޮތީ ކަނޑުގެ ދިޔަ ބޮޑުވަމުން ދާތީ ދިވެހިރާއްޖެ ވަރަށް އަވަހަށް އަޑިއަށް ހިނގައިދާނެ ވާހަކައެވެ. އެއީ ހިތާމަވެރި ވާހަކައެކެވެ. އެހެންވީމާ ހިތަށް ވަންނަނީ ދިވެހިރާއްޖޭގެ މީހުން އުޅޭނީ އަބަދުވެސް އެ ފިކުރުގައި ކަމަށެވެ. އެކަމަކު މި ފޮތް ލިބުނީމާ ހިތަށް އެރިއެވެ. އެ ތާނގައި އޮންނަނީ ހަމައެކަނި ހިތާމައެއް ނޫނެވެ. މި ކަހަލަ ދަޢުވާގެ މަސައްކަތްވެސް ބަޔަކު އެބަ ކުރެއެއް ނޫން ހެއްޔެވެ؟ މި ނޫނަސް މި ކަހަލަ ފޮތްތައް ތަރުޖަމާ ކޮށްގެން ނެރޭ ކަމަށް ވަނީ އެނގިފައެވެ.”

މިހެން ވިދާޅު ވެފައި ފިކުރު ބޮޑުވާ ކަހަލަ ކަމެއް ދިމާވިޔަސް އެކަމާ ހާސް ވެގެން ނޫޅެ ދިރިއުޅުމާއިގެން ކުރިއަށް ދާން ބާރު އެޅުއްވިއެވެ.

އަޅުގަނޑު މި ފޮތް ތަރުޖަމާ ކޮށްގެން ނެރޭ މައިގަނޑު ބޭނުމަކީވެސް އެއީއެވެ. ފިކުރު ބޮޑު ކުރުމާއި، ހާސްވެގެން ކޮޅުކޮޅު މައްޗަށް ދުވުމާއި، ތިމާގެ އަމިއްލަ ޒިންމާ އެހެން މީހެއްގެ ބޮލުގައި އަޅުވާފައި ރެކިގަނެގެން ދާން މަސައްކަތް ކުރުމާއި، އެކަކު އަނެކެއްގެ އަބުރާ ބެހުމާއި، މި ނޫނަސް މި ފަދަ ކަންތައްތަކުން ދުރުހެލިވެގެން ދިރިއުޅެން ފަށަން ވެއްޖެއޭ ދެންނެވުމަކީ އަޅުގަނޑުގެ އެންމެ ބޮޑު ބޭނުމެވެ. ދިރިއުޅުމުގައި މައްސަލަތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެއީ ޠަބީޢީ ކަމެކެވެ. އެހެން ނަމަވެސް އެ މައްސަލަތައް ޙައްލުކުރަން މަސައްކަތް ކުރަން ވާނީ ހެޔޮ ވިސްނުމަކާ އެކުގައެވެ. ރަނގަޅު ގޮތަކީ ކޮބައިކަން ބަލާފައި އެ ގޮތަކަށެވެ.

ﷲ އަޅުގަނޑަށާއި، ހުރިހައި މުސްލިމުންނަށް ހެޔޮ ވިސްނުން ދެއްވައި، ރަނގަޅު ގޮތް ދެނެގަތުމުގެ ތައުފީގު ދެއްވާށިއެވެ. އާމީން!

24 ނޮވެމްބަރ 2007

ޢަބްދުﷲ ނަޢީމު އިބްރާހީމް


ﷲ ވޮޑިގެންވުން

ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމުގެ އެންމެ ބޮޑު ހެއްކަކީ ޚުދު އިންސާނާގެ ވުޖޫދެވެ. ﷲ ވޮޑިގެންވާ ކަމަށް އިންކާރުކުރާ މީހާ އިންސާނާ ފަދަ މަޚުލޫޤެއްގެ ވުޖޫދާމެދު އިންކާރު ކުރާ މީހެއް ފަދައެވެ. އިންސާނާގެ ވުޖޫދު ޤަބޫލުކުރާނަމަ ﷲ ވޮޑިގެންވާ ކަމާމެދު ޝައްކު އުފެދޭނޭ ޖާގައެއް ނެތެވެ.

ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި އިންސާނާ އުފައްދަވާފައިވަނީ އެކަލާނގެ ރޫޙުފުޅާ އެކީގައެވެ. އޭގެ މާނައަކީ އިންސާނާ އެކަލާނގެ ސިފަފުޅުތަކުން ޒީނަތްތެރި ކުރެއްވުމެވެ. ދިރިހުރުމާއި، ޢިލްމާއި، އިޚުތިޔާރާއި، ވިސްނުންފަދަ ސިފަތަކަކީ ޙަޤީޤަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ސިފަފުޅުތަކެކެވެ. އިންސާނާއަށް ލިބިފައި މިވަނީ އެ ސިފަފުޅުތަކުގެ ހިޔަންޏެކެވެ. ޙިއްޞާއެއް ނޫނެވެ. އެއްވެސް ގޮތަކުން އިންސާނާ އެކަލާނގެޔާ ކުފޫ ހަމަވެގެންނެއް ނުވެއެވެ. އެހެންނަމަވެސް އިންސާނާއަކީ، އެ އިންސާނާ ބޯލަނބަންޖެހޭ މަތިވެރި އިލާހުގެ އެއްކައުވަންތަކަމުގެ ނުވަތަ އެކަލާނގެ ވޮޑިގެންވާކަމުގެ ދަލީލެކެވެ.

ލޮލަށް ނުފެންނަ ކަލަކަށް އީމާންވާން ބޭނުންވާ ދަލީލުތައް އިންސާނާގެ އުފެދުމުގައި އެކުލެވިފައިވެއެވެ.

އިންސާނާއަށް މުސްތަޤިއްލު ވުޖޫދެއް ލިބިފައިވެއެވެ. ފެނުމާއި، އަޑުއިވުމާއި، ވާހަކަ ދެއްކުމުގެ ބާރު ލިބިފައިވެއެވެ. އޭނާ ވިސްނައި، ބާވަތް ބާވަތުގެ ރޭވުން ރާވައެވެ. ކަންތައްތައް ކުރަނީ އަމިއްލަ ޚިޔާލަށް ފެންނަ ގޮތަކަށެވެ. މާއްދީ ތަކެތި ފައިދާހުރި ތަކެއްޗަށް ބަދަލު ކުރެއެވެ. ރިމޯޓް ކޮންޓްރޯލް ބޭނުން ކޮށްގެން ޖައްވީ އުޅަނދުފަހަރު ދުއްވައެވެ. އޭނާއަށް އަމިއްލަ ވުޖޫދުގެ އިޙްސާސް ކުރެވެއެވެ. މި ސިފަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި މިލްކުވެވޮޑިގެންވާ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.

އިންސާނާ އާއި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ތަފާތަކީ އިންސާނާގެ ވުޖޫދަކީ އެއްވެސް ބާރެއްނެތް ވަގުތީ އެއްޗަކަށް ވެފައި، ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ އަބަދަށް ދެމިވޮޑިގެންވާ ފަރާތަކަށްވާ ކަމެވެ. އިންސާނާއަކީ މަޚުލޫޤެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ ޚާލިޤެވެ. އިންސާނާއަށް ލިބިފައިވާ އިޚުތިޔާރުވަނީ ވަކި ޙައްދެއްގެ ތެރޭގައި ހިފެހެއްޓިފައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމަކަށް ޙައްދެއްނެތެވެ. އިންސާނާއަށް ލިބިފައިވާ ހުރިހައި ސިފަތަކަކީ ޤުދުރަތުގެ ހަދިޔާއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ސިފަފުޅުތަކަކީ އެކަލާނގެއަށް މިލްކުވެ ވޮޑިގެންވާ ސިފަފުޅުތަކެކެވެ.

އިންސާނާގެ ވުޖޫދަށް އީމާންވާމީހާ ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމަށް އިންކާރު ކުރުމަކީ ޙައިރާންވާންޖެހޭ ކަމެކެވެ. އެހެނީ އެއީ ޚުދު ތިމާގެ ވުޖޫދަށް އިންކާރުކުރުން ފަދަ ކަމެކެވެ.(ނުނިމޭ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top