ދިވެހި ޘަޤާފަތް ނެތިކޮށްލަނީ ބާ

DSCN1985.jpg

ފުރާންސް އަކީ އެފްރިކާގެ ގިނަ ޤައުމު ތަކެއް އިސްތިޢުމާރު ކުރި ޔޫރަޕްގެ ބޮޑު އިސްތިޢުމާރީ ބާރެކެވެ. އެފްރިކާގެ މިޤައުމުތަކުގެ ތެރޭގައި ޢަރަބި ބަހަކީ ދައުލަތުގެ ރަސްމީ ބަސް ކަމުގައިވާ އަދި ޢަރަބިބަހުން ވާހަކަ ދައްކާ ތިން ޢަރިބި ޤައުމެއް ފުރާންސްގެ އިސްތިޢުމާރީ ބާރުގެ ދަށުގައި ވިއެވެ. އެއީ: މޮރުކޯ 44 އަހަރު. އަލްޖީރިޔާ 132، ޓިއުނޭޝިޔާ 75 އަހަރު.

ފުރާންސްގެ ބާރާއި ނުފޫޒުން އެންމެ ފުރަތަމަވެސް މިތިން ޤައުމަށް ކުރިމަތިކުރުވި ކަމަކީ ސްކޫލު މަދަރުސާ އަދި ޔުނިވަރސިޓި ތަކުގައި ޢަރަބި ބަހުން ކިޔަވައިދިނުން މަނާ ކުރުމެވެ. މުޅި ތަޢުލީމީ ނިޒާމު ޢަރަބި ބަހުގެ ބަދަލުގައި ފުރާންސް ބަހުން ކިޔަވައިދޭ ގޮތަށް ނިންމުމެވެ.

ނަތީޖާ އަކަށް ވެގެން ދިޔައީ މިތިން ޤައުމުން ޢަރަބި ޘަޤާފަތް އުވިގެން ދިއުން، ޢަރަބި ބަހުން ވާހަކަ ދައްކާ މީހުން މަދުވުން، ޤުރްއާނަށް އޮތް ލޯބި ނެތުން، މީސްތަކުންގެ ހިތްތަކުގައި މިސްކިތަށް އޮތް ލޯބި ނެތުން، އިސްލާމީ އުސޫލުތަކަށް ވުރެ ފުރާންސްގެ އާދަކާދަ އާއި ޘަޤާފަތް މީހުންގެ ހިތްތަކުގައި މަޤުބޫލު ކަން އިތުރު ވެގެން ދިއުމެވެ. މި މުޖްތަމަޢު ތަކުގައި ހަމައެކަނި އޮތް އެއްޗަކީ މުސްލިމު ނަމެކެވެ. މިއަދާ ހަމައަށްވެސް މިތިން ޤައުމުގައި ޢަރަބި ޘަޤާފަތަށްވުރެ ފުރާންސްގެ ޘަޤާފަތުގެ މަޤުބޫލު ކަން އިތުރެވެ.

މިހާރު ޢަރަބި ބަހުން ވާހަކަދައްކާ މީހުން މުޖްތަމަޢު ތަކުން ފެންނަން ފަށާފައި، ޤުރްއާން ކިޔެވުމާއި ޙިފުޒު ކުރުން ޢާއްމުވެއްޖެއެވެ. ޢަރަބި ޘަޤާފަތް މަޑުމަޑުން ފެތުރެން ފަށައިފިއެވެ.

މިމުޖްތަމަޢުތަކުން ގެއްލިގެން ދިޔަ ތަރިކަ އަނބުރާ ހޯދުނީ އެތައް ބައެއްގެ ޤުރުބާނީ އަކުންނެވެ. އެތައް އަހަރެއްގެ މަސައްކަތް ތަކަކުންނެވެ. އިސްލާމްދީން ދޫކޮށް އެތައް ޖީލެއް މިދުނިޔެ ދޫކޮށް ވަނީ ގޮސްފައެވެ. މިއީ ލޯމަތިން ފެންނަން އޮތް ޙަޤީޤަތެކެވެ.

މިރާއްޖޭގައި ”އިސްލާމް“ މިމާއްދާ ދިވެހި ބަހުން ކިޔަވައިދިނުން ހުއްޓާލާ އިގިރޭސި ބަހުން ކިޔަވައިދޭން ފަށާނެ ކަމަށް ވަނީ އިޢުލާން ކުރެވިފައެވެ.

މިއީ ކަންބޮޑުވާންޖެހޭ ވާހަކަ އެކެވެ. އިސްލާމި ޤައުމުތަކުގެ މާޒީއަށް ވިސްނާލާ އިރު މިފަދަ ކަންކަމަކީ ދުރާލާ ރޭވިގެން ހިނގާފައިވާ ޙަޤީޤަތްތަކެވެ. މިކަން ތަންފީޒު ވެގެން ގޮސްފިނަމަ މިއީ ދިވެހިޤައުމަށް ދެވޭނެ ވަރަށް ބޮޑު އަނިޔާއެކެވެ. އިސްތިޢުމާރީ ބާރެއްގެ ފެށުމެވެ. މިޤައުމުގައި ފިކުރީ ހަގުރާމަ އިޢުލާން ކުރުމެވެ. މިޤައުމުގެ ޘަޤާފަތް އުވާލުމެވެ. ދިވެހިބަސް ދިވެހި ޤައުމުން ނައްތާލަން ކުރާ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެން ދިއުމެވެ. ދެންފެށޭނީ ތަޖްވީދު ޢިލްމާއި ކީރިތި ޤުރްއާން އިގިރޭސި ބަހުން ކިޔަވައިދިނުމެވެ. ދިވެހިބަސް ކިޔަވައިދިނުން ވެގެން ދާނީ އިޚްތިޔާރީ މާއްދާ އަކަށެވެ. މުޅި ތަޢުލީމީ ނިޒާމުން ދިވެހި ބަސް އުވިގެން ދިޔައީ އެވެ. ޤައުމެއްގައި އެޤައުމެއްގެ ބަސް އުވިގެން ދިއުމަކީ އެބައެއްގެ ޘަޤާފަތް އުވިގެން ދިއުމެވެ. އެބައެއްގެ ޘަޤާފަތް އުވިގެން ދިއުމަކީ އެބައެއްގެ ދީން އުވިގެން ދިއުމެވެ. ފުރާންސްގެ އިސްތިޢުމާރީ ވެރިކަމުގައި މަޣްރިބު ކަރައިގެ ޤައުމުތަކަށް ވެގެން ދިޔަގޮތުގެ ނަމޫނާއަކީ މީއެވެ.

މިކަން ފެށިއްޖެނަމަ ދިވެހި އެތައް ދަރިންނެއްގެ ވަޒީފާ ގެއްލިގެން ދިއުން، ރާއްޖޭން ބޭރު މީހުންނަށް އިސްލާމް މާއްދާ ކިޔަވައިދިނުމަށް ހުޅުވާލެވޭ ދޮރަކަށް ވެގެން ދިއުން، ސުންނީ ޖަމާޢަތް ފިޔަވާ އެހެން ޖަމާޢަތް ތަކުގެ މީހުން ރާއްޖޭގައި އެމީހުންގެ ދީނާއި، މަޒުހަބު ކިޔަވައިދިނުމަށް ހުޅުވުގެން ދާނެ ދޮރަކަށް ވެގެން ދިއުމެވެ. ނަތީޖާ އަކީ ދިވެހި މުޖްތަމުޢުގައި އޮތް ހަމަޖެހުން ނެތިގެންދިއުމާއި މަޒުހަބީ ކޯޅުމަކަށް މިކުޑަ މުޖުތަމަޢު ވެގެން ދިއުމެވެ. ދީނުގެ ނަމުގައި މީހުންގެ ފުރާނަ ދުއްވާލާ ހިސާބަށް ކަންކަން ދިއުމާއި ތަފާތު މަޒުހަބުތަކާއި، ދީންތައް އޮންނަ ޤައުމުތަކުގައި ފެންނަމުންދާ މަންޒަރު ތަކަކީ މިއީ އެވެ.

ދިވެހި ޤައުމާއި އިސްލާމްދީނާއި ޘަޤާފަތާ، އާދަކާދަ ޙިމާޔަތް ކުރުމުގައި އަޅުގަޑުމެންގެ ކާބަފައިން ވަނީ ވަރަށް ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. މިއަދު އަޅުގަޑުމެންގެ އެއްބައި ވަންތަ ކަމުގެ އަސްލަކީ ކާބަފައިންގެ ބުރަ މަސައްކަތުގެ ނަތީޖާއެވެ. ދިވެހި ބަހާ ޘަޤާފަތް ޙިމާޔަތް ކުރުމަށް ވަނީ ޤާނޫނެއް ހެދިފައެވެ. ހެދިފައިވާ ޤާނޫނު ތަކާ ޚިލާފަށް މަސައްކަތް ކުރުމަކީ ޤައުމުގެ މުސްތަޤުބަލު އަނދިރި ކޮށްލުމެވެ. ދިވެހި ޘަޤާފަތް ނެތިކޮށްލުމަށް ޓަކައި އެޅިގެން ދިޔަ ބިންގަލަކަށް އަޅުގަޑުމެން މަރުޙަބާ ކިޔަނީ ހެއްޔެވެ؟ ދިވެހި ޘަޤާފަތާ ތާރީޚް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތް ތަކުން ހަނުތިބުމަކީ މިޤައުމުން ދިވެހި ވަންތަކަން ނައްތާލުމަށް ދެވޭ ހިތް ވަރެކެވެ. މިޤައުމުގައި ދިވެހިބަހުން “އިސްލާމް” މިމާއްދާ ކިޔަވައިދޭތާ 100 އަހަރަށް ވުރެ ގިނަދުވަސް ވީއެވެ. މިކަމުން ކިޔަވާ ކުދިންނަށް ނުވަތަ ޤައުމަށް ލިބުނު ގެއްލުމަކީ ކޮބައިތޯއެވެ. މަދަރުސާތަކުގައި ކިޔަވައިދިން އެންމެ ޒަމާންވީ ފޮތަކަށް މިއަދު ފެންނަން އޮތީ 1943 ވަނައަހަރު މަދަރުސަތުއްސަނިއްޔާގެ ދަރިވަރުންނަށް ކިޔަވައިދި ދިނުމަށް ޓަކައި އައްޝައިޚް މުޙައްދު ޖަމީލު ދީދީ ލިޔުއްވި “ތަޢްލީމު އައްދިޔާނާ” މިފޮތެވެ. ކާބަފައިންގެ މިފަދަ އަގުހުރި މަސައްކަތް ތައް ނެތިކޮށްލުމަށް މަސައްކަތް ކުރުމަކީ ޤައުމަށް ވެވޭނެ އެންމެ ބޮޑު ޚިޔާނާތެވެ. އިސްތިޢުމާރީ ބާރުތަކަށް ހުޅުވާލެވޭނެ ދޮރެކެވެ.

ތިމާ އުފަން ބިން ދެކެ ލޯބިވުމަކީ ތިމާގެ ހިތުގައި އިސްލާމްދީނަށް ލޯބި އޮތްކަމުގެ ޙަޤީޤަތެކެވެ. ތިމާގެ ހިތުގައި އިސްލާމްދީނަށް ލޯބި ނެތް މީހަކު، ތިމާ އުފަން ބިން ދެކެ ލޯބި ވުމަކީ ނާދިރުކަމެވެ.

އަޅުގަނޑުގެ އެދުމަކީ ކޮންމެ ދިވެއްސަކީ އިސްލާމްދީން ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާމީހަކަށްވުމެވެ. ޤައުމަށް ތެދުވެރި ވަފާތަރިއަކަށް ވުމެވެ. ދުނިޔެވީ އެދުންތަކަށް ޤައުމު ނިކަމެތި ނުކުރުމެވެ. ކާބަފައިންގެ ތެރެއިން ތެދުވެރިންގެ މަގު އިޚްތިޔާރު ކުރުމެވެ. ޤައުމުގެ ޒިންމާތަކާ ހަވާލުވާ ކޮންމެ ވެރިޔަކީ އަދުގެ ތުއްތު ކުދިންގެ މުސްތަޤުބަލާ ދޭތެރޭ ވިސްނާނެ މީހަކަށްވުމެވެ. ފުރިހަމަ ގޮތުގައި ޤައުމުބިނާ ކުރެވޭނީ ކޮންމެ ދިވެއްސަކީ ރަގަޅަށް ދިވެހިތާރީޚާ ޘަޤާފަތް ދަންނަ މީހަކަށް ވެގެންނެވެ.
ޢަރަބި ހަރުބަހެއްގެ މާނާގައިވަނީ: ”އެބަޔަކަށް އެބައެއްގެ ތާރީޚް ނޭގޭނެ ނަމަ އެބަޔަކަށް އެބައެއްގެ މުސްތަޤުބަލު ބިނާކުރާކަށެއް ނޭގޭނެ އެވެ.”

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top