ރައީސް މައުމޫނަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ޚާއްސަ އައްޑަނައެއް އަރުވަނީ

hbn.jpg

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނައެއް އެރުވުމަށް ރައީސް މުޢިއްޒު މިއަދު ނިންމެވީ، ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިން ރާއްޖެ ސަލާމަތްކުރުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބުދުލްގައްޔޫމް ކުރެއްވި ތަޢުރީފު ޙައްޤު މަސައްކަތްޕުޅުތަކާއި ގުޅިގެން ކަމަށެވެ.

މީގެ އިތުރުން ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ހަނދާނީ އައްޑަނައެއް އެރުވުމަށް ރައީސް، މިއަދު ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ އައްޑަނަތައް އެރުވުމަށް ރައީސް ނިންމެވީ އެދުވަހުގެ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުގައި މި އައްޑަނަތައް އެރުވުން އޮންނާނީ، މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު ސޯޝަލް ސެންޓަރުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ޖަލްސާ ފެށޭނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ.

ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގައި 19 މީހަކު ޝަހީދުވި އެވެ. އެއީ ސިފައިންގެ އަށް ބޭފުޅަކާއި އާންމުންގެ 11 މީހެކެވެ. އެ އުދުވާނީ ހަމަލާ އަކީ މައުމޫންގެ ވެރިކަން ވައްޓާލަން ދިވެހިންގެ ބަޔަކު ސްރީ ލަންކާހެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން މާލެ އަރައި ދިން ހަމަލާއެކެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަމުން އަންނަނީ އެ ދުވަހު ދިވެހިން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top