ތުނބުޅި ބަހައްޓާފަ ޖުއްބާއެއްލާ ކޮންމެ މީހަކީ ދީނީ އިލްމުވެރިއެއް ނޫން: ރައީސް މައުމޫން

VsZ8txDOVc5v2bDd54dKHMua2EjnntRseglGGIqX-1.jpg

ތުނބުޅި ބަހައްޓާފައި އަރަބި ވައްތަރުގެ ޖުއްބާއެއްލާ ކޮންމެ މީހަކީ އަދި ދީނީ އިލްމުވެރިއަކަށް ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވީ ރޭ ޓީވީގެ ބޮޑުފެންޑާ ޕްރޮގުރާމްގެ މެހްމާނެއްގެ ގޮތުގައި ބައިވެރިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ

އެޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ދީނީ އިލްމުވެރިއަކަށްވާނީ ހަރުދަނާ އިސްލާމީ މުއައްސަސާއަކުން މަތީ ފެންވަރަށް ތައުލީމު ހާސިލްކޮށްގެން ތިބޭ މީހުން ކަމަށެވެ. އަދި ޔުނިވާސިޓީއަކުން ވަކި މުއްދަތެއްވަންދެން ކިޔަވާލުމަށްފަހު އެނބުރި އައިސް، ތުނބުޅި ދިގުކޮށް އަރަބި ހެދުމެއް ލުމަކުން އެއީ ދީނީ އިލްމުވެރިއަކަށް ނުވާނެކަމަށް މައުމޫން ވިދާޅުވި އެވެ.

ދީނީ އިލްމުވެރިއެއްކަމަށް ނިންމަނީ އަމިއްލައަށްތޯ އާއި އެކަން ނިންމާ ފަރާތަކާމެދުވެސް މައުމޫން ސުވާލު އުފެއްދެވި އެވެ.

”ކޮންމެވެސް ޔުނިވާސިޓީ އަކުން އެއްއަހަރު ދެއަހަރު ކިޔަވާލާފަ ދެން އޭނާގެ މަންޒަރަށް ބަދަލުތަކެއް ގެނެސްފަ. ތުނބުޅިއެއް ބަހައްޓާފަ، ދީނީ ވައްތަރުގެ، މިދެންނެވީ އަރަބި ވައްތަރުގެ ހެދުމެއް އަޅައިގެން އުޅުނީމަ އެއީ ދީނީ އިލްމުވެރިއަކަށް ވީތޯ؟ އެއީ ދީނީ އިލްމުވެރިއަކަށް ވީކީ ނޫނޭ“. ރައީސް މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ދީނީ އިލްމުވެރިއަކަށް ވާނީ ހަރުދަނާ އިސްލާމީ މުއައްސަސާއަކުން ދީނީ ތައުލީމު ހާސިލުކޮށްގެން ހުރި މީހެއް ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ރައްކާތެރިކުރުމާ ބެހޭ ގާނޫނު، ކިޔާ ގާނޫނެއް ހެއްދެވި ކަމަށާއި އެ ގާނޫނުގައި ދީނީ އިލްމުވެރިއަކަށް ވާނީ ސަރުކާރު ގަބޫލުކުރާ އިސްލާމިކް ޔުނިވާސިޓީއަކުން ނުވަތަ ކޮލެޖަކުން މަތީ ފާސް ހޯދައިގެން އަންނަ މީހުން ކަމަށް ކަނޑައަޅާފައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

”އެހެންވީމަ ކުއްލިއަކަށް މީހަކު ނުކުމެ ވާހަކަދެއްކީމަ އެއީ އަދި ދީނީ އިލްމުވެރިއަކަށް ނުވާނެ“ މައުމޫން ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top