މީގެ ކުރިން ދުވާލަކު 50-60 ވޭޕް ސްޓިކް ސްކޫލްތަކުން ފެނުނު ކަމަށާއި، މިހާރު ހަފްތާއަކަށް ބެލިޔަސް 1-2 ނުފެނޭ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވޭޕް މަނާކުރުމަށްފަހު މާލޭގެ ސްކޫލުތަކުން ފެންނަ ވޭޕް ސްޓިކްތައް ވަރަށް ބޮޑު ތަނުން މަދުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފާހަގަކުރައްވަމުން ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރުމުގެ ކުރިން ދުވާލެއްގެ މައްޗަށް 60 އެއްހާ ވޭޕް ސްޓިކް ފެނިކަމުގައި ވިޔަސް، މިހާރު ހަފްތާއެއްގެ މައްޗަށް އެކެއް ނުވަތަ ދޭއް ވެސް ނުފެންނަ ވަރަށް މަދުވެއްޖެ ކަމަށެވެ.
“ޖެނެރޭޝަން ބޭން” ގައި އިއްޔެ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވޭޕް މަނާކުރުމުގެ ކުރިން 200 އަށްވުރެ ގިނަ ސްކޫލުގެ ޕްރިންސިޕަލުންނާއި ބެލެނިވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށާއި އެ ފަރާތްތަކުން ވޭޕް މަނާކުރުމަށް އެދިފައިވާ ކަމަށެވެ. ދުންފަތް ބޭނުންކުރާ ވަރަށް ގިނަ ބެލެނިވެރިން ވެސް ވަނީ ތިމަންނާއަށް މިކަމުގެ ތެރެއަށް ވަދެވިފައި ނުނިކުމެވިގެން އުޅޭނަމަވެސް ތިމަންނާގެ ދަރިން މިކަން ކުރާކަށް ނޭދޭ ކަމަށް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މިއީ ވަަރަށް ކުރިއެރުމެއް ކަމަށާއި، ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަމަށެވެ. އެއީ ދަރިވަރުންގެ ހެވާއި ލާބަ އާއި އަދި ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށްޓަކައި ސަރުކާރުން ނިންމި ނިންމުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ބޮޑު ކުރިއެރުން ހާސިލުވީ ހަމައެކަނި ވޭޕް މަނާކުރުމުން ނޫންކަމަށާއި މުޖުތަމައު ހޭލުންތެރި ކުރުވުމަށް ކުރެވުނު މަސައްކަތްތައް ވެސް އެކަމުގައި މުހިންމު ރޯލެއް އަދާކުރި ކަމަށެވެ.
2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުން ތަންފީޒުކުރަން ވަނީ އިއްޔެ ފަށައިފައެވެ.






