”ބޭރުގެ އޮންލައިން ވިޔަފާރިތަކަށް ދިމާވި ދަތިތައް ދެން ދިމާނުވާނެ“

qw-29.jpg

އީކޮމާސް ނުވަތަ ބޭރުގެ އޮންލައިން ވެބްސައިޓްތަކުން ވިޔަފާރި ކުރުމަށް ދިމާވި ދަތިތަކަށް ހައްލު ގެންނަމުންދާ ކަމަށާއި އެ ދަތިތައް ދެން ދިމާ ނުވާނެ ކަމަށް މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޑޮލަރުގެ މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއަށް އައި ހީނަރުކަން އެ ކުންފުނިން ވަރަށް ރަނގަޅަށް މެނޭޖްކޮށްފައިވާ އިރު ޑޮލަރުގެ ދަތިކަމާ ގުޅިގެން އީކޮމާސް އަދި އޮންލައިން ވެބްސައިޓްތަކުން ވިޔަފާރި ކުރުމަށް އާންމުންނަށް ދިމާވި ދަތިތަކަށް މިހާރު ހައްލު ހޯދައިދީފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި ހަވާލާދީ އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ކުރިން ދިމާވި ފަދަ މައްސަލަތަކެއް ދެން ތަކުރާރު ނުވާނެއެވެ. މިހާރު އެ ބޭންކުން ޓީޓީ ހަދައިދިނުމާއި ބޭރު ފައިސާ ދޫކުރުމުގެ ކަންކަމުގައި ހާލަތު ބަދަލުވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކުރީގެ ހާލަތަށް ރުޖޫއަވުމަށް ވަރަށް ބާރަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް މިފަދަ ބޭރު ފައިސާގެ ތާށިކަމެއް ކުރިމަތިވާން މެދުވެރިވި ސަބަބު ބަޔާންކޮށްދެއްވަމުން ސައީދު ވިދާޅުވީ، މިއީ ފާއިތުވި ސަރުކާރުތަކުން ނަގާފައިވާ 1.4 ބިލިއަން ޑޮލަރުގެ ބޮޑު ދަރަނި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދައްކަން ޖެހުމުން ދިމާވި ހާލަތެއް ކަމަށެވެ. މީގެ އިތުރުން، އެ ދަރަނީގެ ބޮޑު ބަޔަކީ ގައުމުގެ އިގްތިސާދަށް އެއްވެސް ކުރިއެރުމެއް ނުލިބޭ، އަދި އާމްދަނީ އުފެއްދުމުގެ ގާބިލުކަން ނެތް ކަންކަމަށް ނަގާފައިވާ ލޯނުތަކަކަށް ވުމުން، ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top