އިސްލާމީ ޝަރީއަތުގެ ވާހަކަ ދައްކާއިރު ސާފުވެފައި އޮންނަންޖެހޭ ބައެއް މުހިއްމު މަފްހޫމުތަކުގެ މައްޗަށް ނަޒަރު ހިންގައިލުމެއް:

18163661-800x491-800x491-1.jpg

1. ‘ދީން’ މިމަފްހޫމުގެ މާނައިގެ މައްޗަށް ބަލައިލުން

އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ.މަންޒިލް

(22 ފެބްރުއަރީއާއި ގުޅޭ)

އަރަބި ކަރައިގެ ޖާހިލީ އަޅުކަމުގެ އަމަލުތަކަށް ބަލާލާއިރު އެންމެ އާއްމުކަމެއްގެގޮތުގައި ފާހަގަ ކުރެވެނީ ބުދަށް އަޅުކަންކުރުމެވެ. ބުދަށް އަޅުކަންކުރުމުގެގޮތުން އެކިސިފަސިފައިގައި ތަފާތުބުދުތައް ހަދައިގެން އަރަބީން އުޅުނެވެ. އިންސާނީ ސޫރައިގައްޔާއި އަދި އެކިއެކި ޖަނަވާރުފަދަ ސޫފިސޫފީގެ ސިފައިގައިވެސްމެއެވެ. ރަން ނުވަތަ ރިހިން، އިންސާނީ ސޫރައިގައި ބުދު ހެދިފައިވާނަމަ އެއަށް ‘ވަޘަން’ އޭ ކިޔުނެވެ. ހިލައިން ހެދިވފައިވާނަމަ ‘ޞަނަމް’ އޭކިޔުނެވެ. އިންސާނީނޫން ސޫރައިގައިވާ ބުދުތަކަށް ‘އަންސާބު’ ނުވަތަ ‘ނުޞުބު’ އޭކިޔުނެވެ. ބައެއް ބުދުތަކަކީ ވަކިވަކި ގަބީލާތަކުގެ ބުދުތަކެވެ. އައްލާތު އާއި މަނާތު އަދި އަލްއުއްޒާ ފަދަ ބުދުތަކެވެ. (ކީރިތި ޤުރުއާނުގެ އައްނަޖްމު ސޫރަތުގެ އޮނަވިހި އަދި ވިހިވަނަ އާޔަތުގައި މިބުދުތަކުގެ ނަންތައް ވާރިދުވެފައިވެއެވެ.) އަރަބިން އަޅުކަންކޮށްއުޅުނު ބުދުތައް، އަރަބި ކަރައިގެ އެކިއެކި ހިސާބުތަކުގައި ބެހެއްޓިފައި ހުއްޓެވެ. މިފަދަ ބުދުތައް މައްކާގެ ގެފުޅުގައިވެސް ބެހެއްޓިފައި ހުއްޓެވެ. ޖާހިލީ ޒަމާނުގައި، އަރަބީން، މިބުދުތަކަށް ޒިޔާރަތްކޮށް އަޅުކަންކޮށް އުޅުނެވެ.

އަޅުކަމުގެ ރަސްމުތަކަށް، އާދެ، އަޅުކަމުގެ އަމަލުތަކަށް، ބަލައިލާއިރު ތަފާތުކަންތައްތައް ފެނެއެވެ. ބުދުތަކަށް ޒިޔާރަތްކޮށް އެތަކެއްޗަށް ދުއާކޮށް، އެތަކެތީގެ ކިބައިން ކަންކަމަށް އެދުމެވެ. ބުދުތަކުގައި ބީހި އެތަކެތީން ބަރަކާތްލިބިގަތުމެވެ. ދަރިޔަކު ލިބުން ނުވަތަ އެފަދަ އުފާވެރި މުނާސިބާތްތަކުގައި އެބުދުތަކަށް އެއްޗެތިކަތިލައި ގުރުބާންކުރުމެވެ. އާއްމު ބުދުތަކުގެ އިތުރުން ވަކިވަކި ފަރުދުން އެމީހުންނަށް ހާއްސަ އަމިއްލަ ބުދުތައްވެސް ހަދައިގެން ގެންގުޅުނެވެ. އަދި އެމީހުންގެ ގޭގައި ދެންމެ މިދެންނެވިފަދައިން އެބުދުތަކަށް އަޅުކަންކޮށް އުޅުނެވެ. ޖާހިލީ ޒަމާނުގައި، އަރަބީންގެތެރޭގައި ފެތުރިފައިއޮތް  ބުދަށް އަޅުކަންކުރުމާއިގުޅޭ ވާހަކަތައް އަލްކަލްބީގެ ‘ކިތާބުލްއަޞްނާމި’ މިފޮތުގައި ބަޔާންކުރެވިފައިވެއެވެ.

ޖާހިލީ ޒަމާނުގައި އަރަބީން ބުދަށް އަޅުކަންކޮށް އުޅުމުގެ މާނައަކީ އެމީހުން މާތްﷲ ވޮޑިގެންވާކަން ގަބޫލުނުކުރުމެއްނޫނެވެ. އަދިކިޔެއްހެއްޔެވެ، އާއްމުގޮތެއްގައި އެމީހުން މާތްﷲ ވޮޑިގެންވާކަން ގަބޫލުކުރިއެވެ. ކީރިތި ގުރުއާނުގައި މިކަން ވަރަށް ސަރީހަކޮށް ބަޔާންކުރެވިފައިވެއެވެ. “އެމީހުންކުރެން (އަރަބި މުޝްރިކުން ކުރެން)، ކަލޭގެފާނު (މުހައްމަދުގެފާނު، މިހެން،) އައްސަވައިފިނަމަ: ‘އުޑުން ވާރޭވެއްސަވައި، އަދި ބިންގަނޑު (ހިކިހަނަފަސްވެ) މަރުވެދިޔުމަށްފަހު، އެވާރޭ މެދުވެރިކޮށް، އެބިންގަނޑަށް ދިރުންގެންނަވަނީ ކާކުހެއްޔެވެ؟’، ހަމަކަށަވަރުންވެސް، އެމުޝްރިކުން ބުނާނެތެވެ. (އެކަން މިންވަރުކުރައްވަނީ) ‘މާތްﷲއެވެ’… (އަލްޢަންކަބޫތު ސޫރަތުގެ 63ވަނަ އާޔަތް)”. އަދި ކީރިތި ގުރްއާނުގެ މިނޫންވެސް އެހެން އާޔަތްތަކުންނާއި އަރަބި ޖާހިލީ ހައްޖުގެ ތަލްބިޔާއިންވެސް، ޖާހިލީޒަމާނުގައި، އަރަބީން، މާތްﷲގެ ރައްބުވަންތަ ކަމަށް އީމާންވެ، އެކަން ގަބޫލުކުރާކަމަށް ހެކިލިބެއެވެ.  އާދެ، މާތްﷲ ވޮޑިގެންވުމާއި، މުޅިކާއިނާތާއި އަދި ކާއިނާތުގައި ލެއްވުނުހާ ތަކެއްޗެއް ހައްދަވައި، އެތަކެތީގެ ރައްބަކީ، މިލްކުވެރިޔަކީ، އަދި އެތަކެއްޗަށް ރިޒުގުދެއްވައި، އެތަކެތި ބައްލަވާ ވޮޑިގެންވާ ފަރާތަކީ މާތްﷲ ކަމާމެދު އެމީހުން އީމާންވާކަމަށް ހެކިލިބެއެވެ. ނަމަވެސް އެމީހުންގެ ނަޒަރުގައި، ބުދަށް އަޅުކަން ކުރުމަކީ މާތް ﷲއަށް އީމާންވާ އީމާންވުން ބާތިލުކުރާ ކަމެއްނޫނެވެ. އަދި، ކިޔެއްހެއްޔެވެ، އެމީހުން ދުށީ ބުދަށް އަޅުކަން ކުރުމަކީ އެމީހުންނާ މާތްﷲ ކުއްތަންކޮށް، އެކަލާނގެ އެމީހުންނާ ‘ކައިރިއަށް’ ގެނެސްދޭ ކަމެއްގެ ގޮތުގައެވެ. އައްޒުމަރު ސޫރަތުގެ 3 ވަނަ އާޔަތުގައި ނަންގަނެވިފައިވާ ފަދައިންނެވެ. “ތިމަންމެން (އަރަބި މުޝްރިކުން) އެއެއްޗިއްސަށް (ޔައުނީ ބުދުތަކަށް) އަޅުކަން ކުރުމުގެ ހަމައެކަނި ބޭނުމަކީ ތިމަންމެން (މާތް) ﷲ ކިބަޔަށް ކުއްތަން ކޮށްދިނުމެވެ.” މާނައަކީ ބުދަށް އަޅުކަން ކުރުމުގެ މަތުލަބަކީ، ބޭނުމަކީ، މާތް ﷲ އެމީހުންނާ ‘ކައިރިއަށް’ ގެނައުމެވެ. އެކަލާގެ ތަސައްވުރު ފަސޭހަކަމާއިއެކު ހިތަށްގެނެސް އަމިއްލަ ނަފުސުގައި އެކަން ހަރުކޮށްލުމެވެ.

މި’ކައިރިއަށް’ ގެނައުމުގެ މާނަ ފަހުމުވެ ދިޔުމަށްޓަކައި އިންސާނާގެ ހިތަށް އެއްޗެތި ވިސްނި ފަހުމު ވެވޭގޮތް ދެނެގަންނަން ޖެހެއެވެ. އިންސާނާގެ ހިތަށް އެއްޗެތި ވިސްނި ފަހުމުވުން ބިނާވެފައި އޮންނަނީ ހިތަށް ކުރީން ނަގައިގަނެވިފައިވާ ތަސައްވުރު ތަކުގެ މައްޗަށް ބިނާކޮށެވެ. މިސާލަކަށް ފޮތެކޭ ބުނުމުން އޭގެ މާނަ ވިސްނެނީ ފޮތުގެ މާނައަކީ ކޮބައިކަން ކުރިން އެނގިއޮވެފައި އަދި އޭގެ ތަސައްވުރު، އެސިފަކުރެވޭގޮތް، ހިތަށް ނެގި، ހިތުގައި ހަރު ކޮށްލެވިފައި ވާތީއެވެ. މީގެ އިތުރުން، އިންސާނާގެ ހިތަށް، ފަސޭހައިން ނަގައިގެނެވި، އޭގެ ހަގީގަތް ދެނެގަނެވެނީ އޭނާގެ އަމިއްލަވެށި ކަމުގައިވާ ތަބީއީދުނިޔެއާ (ފިޒިކަލް ވާރލްޑްއާއި) ގުޅިފައިވާ ހިއްސީ (ކޮންކޮރީޓް) މަފްހޫމުތަކެވެ. ގަސްގަހާގެހި، މާމެލާމެލި، ޖަނަވާރާއި ދޫނިސޫފި ފަދަ މަފްހޫމުތަކެވެ. މިފަދަ މަފްހޫމުތަކަކީ އިންސާނާގެ ހިއްސުތަކުގެ ޒަރިއްޔާއިން އޭގެ ހަގީގަތް ދެނެގަނެވި، އަދިއެހެންމެ، އޭނާގެހިތަށް އެއެއްޗެތީގެ ހަގީގީ ތަސައްވުރު ނަގައިގަނެވޭ ތަކެއްޗެވެ. ނަމަވެސް ތަބީއީ ދުނިޔެއިން ބޭރުގައިވާ މާވަރާއީ ދުނިޔެއާއި (މެޓަފިޒިކަލް ވާރލްޑްއާއި، ނުވަތަ، ކީރިތި ޤުރުއާނުގެ އިބާރާތުނުން ނަމަ ‘ޣައިބު’ގެ ދުނިޔެއާއި) ގުޅިފައިވާ މައުނަވީ (އެބްސްޓްރެކްޓް) މަފްހޫމުތަކުގެ ހަގީގީ ތަސައްވުރު ދެނެގަތުމަކީ އިންސާނާގެ ސިކުޑިއަށް ކުޅަދާނެވެގެންވާ ކަމެއްނޫނެވެ. މިސާލަކަށް މާތްﷲ، މަލާއިކަތުން، ސުވަރުގެ، ނަރަކަ، މިލަފުޒުތަކުގެ ހަގީގީ ތަސައްވުރު ހިތަށްގެނެސް ގަތުމަށް އިންސާނާގެ ސިކުނޑިވަނީ ނުކުޅެދިފައެވެ. ސަބަބަކީ މިއީ އިންސާނާގެ ތަޖުރިބާއިން ބޭރުގައިވާ ކަންކަމަށްވާތީއެވެ. އޭނާއަށް، މާތް ﷲ ނުވަތަ މަލާއިކަތްބޭކަލުން، ފެނިފައެއް ނުވެއެވެ. އަދި ސުވަރުގެއާއި ނަރަކަ ފެނި ތަޖުރިބާކުރެވިފައެއް ނެތެވެ.

މިފަދަ، މާވަރާއީ ދުނިޔެއާ ގުޅޭ، މަފްހޫމުތަކުގެ ހަގީގަތް އެންމެ ފުރިހަމަގޮތުގައި ދެނެގަނޭވޭ ގޮތުގެ އެކަށޭނަކަން އިންސާނުންގެ ކިބައިގައި ނެތަސް، އެއެއްޗެތީގެ ހަގީގަތާއި ކައިރިއަށް އެހެން އެއްޗެއް މެދުވެރިކޮށް ވާސިލުކޮށް ދެވެއެވެ. މިސާލަކަށް ސުވަރުގެ މިލަފުޒުން ދޭހަ ކޮށްދޭން ބޭނުންވާ އަސާސީމާނަ – އެންމެ ފުރިހަމަ އަރާމާއި އުފާ ލިބިގެންވާތަނެއް – ‘ ދޭހަ ކޮށްދިނުމުގެ ގޮތުން ކީރިތި ޤުރުއާނުގައި ‘ޖަންނަތު’ (ބަގީޗާ) މިލަފުޒު ބޭނުންކުރެވިފައި ވެއެވެ. ކީރިތި ޤުރުއާން ބާވާލެއްވުނު ޒަމާނަށް ބަލާލާއިރު، ބަގީޗާއަކީ އެދުވަސްވަރުގެ އަރަބީން ދުށްގޮތުގައި އެތާގައިވާ ގަސްގަހާގެއްސާއި ފެނުގެ ސަބަބުން ހަނަފަސް ސަހަރާގެ ދިލަ ހޫނުން ސަލާމަތްކަން ލިބިދޭ އަރާމު ތަނެކެވެ. އުޚުރަވީ ސުވަރުގޭގެ ހަގީގަތް، ‘ބަގީޗާ’ މިލަފުޒުން، ހިތަށް ތަސައްވުރު ނުކުރެވުނު ކަމުގައިވިޔަސް، އެއިން ގަސްދުކުރެވޭ އަސާސީމާނަ ވިސްނައިގަނެވެއެވެ.  (އަޅުގަޑުމެން ދިވެހިބަހުން މިމާނައިގައި ބޭނުން ކުރާ ‘ސުވަރުގެ’ މި ލަފުޒާއި ‘ޖަންނަތު’ މިދެލަފުޒުގެ އަސްލު ތަފާތުވިޔަސް މަތުލަބު އެއްގޮތެވެ. ‘ސުވަރުގެ’ މިލަފުޒަކީ ސަންސްކިރީތު ލަފުޒެއްކަމަށްވާ ‘ސްވަރްގަ’ މިއަސްލުން އައިސްފައވާ ލަފުޒެކެވެ. އަދި އަސްލު މާނަ ގުޅެނީ ހިންދީ ކައުނިއްޔާތު ނުވަތަ ކައުނުގެ އިލްމު (ކޮސްމޮލޮޖީ) އާއެވެ.  ‘ސްވަރްގަ’ ނުވަތަ ‘ސްވަރްގަ ލޯކާ’ އިން އިޝާރަތް ކުރަނީ އިންސާނާގެ ދުނިޔަވީ ހަޔާތް ނިމުމަށްފަހު ގެންދެވޭ އާސްމާނީ ހަތް ދަރަޖައިން ދަރަޖައަކަށެވެ. މިދަރަޖަތަކަކީ ހެޔޮގޮތުގައި އެމީހުންގެ ދުނިޔަވީ ހަޔާތް ވެއަތުކުރާ މީހުންނަށް ހާއްސަ ދަރަޖަތަކެކެވެ. އަރާމާއި އުފާ ލިބުންވާ ދަރަޖަތަކެކެވެ.)

‘ސުވަރުގެ’ ފަދައިން، މާތް ﷲއީވެސް ތަބީއީ ދުނިޔެއިން ބޭރުގައިވާ މާވަރާއީ ދުނިޔެއާގުޅޭ މައުނަވީ މަފްހޫމަކަށް ވުމުން، އެމަފްހޫމުގެ ހަގީގީ ތަސައްވުރު ހިތުގައި ބިންވަޅުނަގައި ހަރުކޮށްލުމަކީ އިންސާނުންގެ ސިކުނޑިއަށް އެކަށިގެންވާ ކަމެއްނޫނެވެ. މިސަބަބަށްޓަކައި، މާތްﷲ ރަމްޒުކޮށްދޭ ތަސްވީރެއް – ބުދެއް – ހަދައި އަރަބީން މާތްﷲ އެމީހުންގެ ‘ކައިރިއަށް’ ގެންނަން މަސައްކަތްކުރީއެވެ. އާދެ، އެމީހުންގެ ނަޒަރުގައި ބުދުތަކަކީ އެމީހުންނާއި މާތްﷲއާއި ގުޅުވާލަދޭ މެދުވެރިއެކެވެ. ކުރީގައި ނަންގަނެވުނު އައްޒުމަރު ސޫރަތުގެ 3 ވަނަ އާޔަތުގައި ބަޔާން ކުރެވިފައިވާ ފަދައިންނެވެ.

އަރަބީންގެ މުޝްރިކުން ބުދަށް އަޅުކަންކުރަނީ ކީއްވެގެންކަން ބަޔާންކޮށް ދެއްކި ހުއްޖަތް ކީރީތި ޤުރުއާން ބަލައެއް ނުގަނެއެވެ. އަދި އެކަމަށް ރައްދުވެސް ދިނެވެ. މިކަމުގެ ތަފުސީލު ފަހުންގެނެސް ދެވޭނެއެވެ. ކީރތިޤުރުއާނުގައި ‘ދީން’ މިލަފުޒު ބޭނުން ކުރެވިފައިވާގޮތުގެ މައްޗަށް ބަލައިލާއިރުއެވެ. މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ އަރަބީންގެ ދީނީ އާދަކާދައެވެ. އެއާދަކާދަ ބިނާވެފައިއޮތީ ބުދަށް އަޅުކަންކުރުމުގެ މައްޗަށެވެ. އެކަމުގެ ބޭނުމަކީ ބުދުތަކުގެ ޒަރިއްޔާއިން މާތްﷲ އެމީހުންގެ ‘ކައިރިއަށް’ ގެނެސް، އެމީހުންނާއި މާތްﷲއާ ގުޅުވާލަ ދިނުމެވެ. އަދި އެކިސިފަސިފައިގައި ބުދަށް އަޅުކަން ކޮށް އެބުދުތަކަށް ކިޔަމަންތެރިކަން އަދާކުރުމުގެ މައްޗަށެވެ. މިއިން، އެމީހުންގެ ނަޒަރުގައި ދީނުގެ މާނައަކީ ކޮބައިކަން ސާފުވެގެންދެއެވެ. އާދެ! ބުދަށް އަޅުކަންކޮށް އެއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ބުދަށް އަޅުކަންކުރުމުގެ ގޮތުން އެމީހުން ކުރި ކަންކަމީ އެމީހުންގެ ދީނީ ކަންކަމެވެ. ބުދުތަކަށް، ގުރުބާންކުރުމާއި، އެއެއްޗިއްސަށް ދުއާކޮށް، އެއެއްޗެތީގެ ފަރާތުން ކަންކަމަށްއެދުމާއި، އެއެއްޗެތީގައި ބީހި ބަރަކާތްހޯދުންފަދަ އަޅުކަމުގެ ރަސްމުތަކެވެ.

ދެން އަޅުގަނޑު ބަލާލަން ގަސްދުކުރަނީ ކީރިތި ގުރުއާނުގައި ‘ދީން’ މިލަފުޒު ބޭނުން ކުރެވިފައިވާގޮތުގެ މައްޗަށެވެ. ތާރީޚީގޮތުން، ކީރިތި ޤުރުއާނުގެ ސޫރަތްތައް ބާވާލެއްވުނު ތަރުތީބަށް ރިއާޔަތްކޮށް، ކީރިތި ޤުރުއާނުގައި ‘ދީން’ މިލަފުޒު ބޭނުން ކުރެވިފައިވާ ގޮތާއި އަދި އޭގެ މަފްހޫމު ތަތައްވުރު ވަމުން، އާދެ، ތަރައްގީވެ ފުރިހަމަވަމުން އައިގޮތުގެ މައްޗަށެވެ. މިލިޔުމުގެ ދެންއޮތްބައިގައެވެ.

ކީރިތި ޤުރުއާނުގައި ‘ދީން’ ބޭނުންކުރެވިފައިވާ ގޮތާއި އެލަފުޒުގެ މަފްހޫމު ތަތައްވުރުވެ، ބިނާވަމުންއައިގޮތް

ދީން ޖަޒާ ދިނުމުގެ މާނައިގައި

ތާރީޚީގޮތުން، ކީރިތި ޤުރުއާނުގެ ސޫރަތްތައް ބާވާލެއްވުނު ތަރުތީބަށް ބަލާލާއިރު، އެއްމެފުރަތަމަ ‘ދީން’ ބޭނުން ކުރެވެފައިވަނީ އަލްފާތިޙާ ސޫރަތް، އާދެ، އަލްޙަމްދު ސޫރަތުގައެވެ. ކީރިތި ޤުރުއާނުގެ ސޫރަތްތައް ބާވާލެއްވުނު ތާރީޚީ ތަރުތީބަށް ބަލާއިރު، އަލްޙަމްދު ސޫރަތަކީ ހަތަރުވަނައަށް ބާވާލެއްވުނު ސޫރަތެވެ. އަލްޙަމްދު ސޫރަތުގެ ކުރިން ބާވާ ލެއްވުނީ އަލްޢަލަގު، އަލް މުއްދައްޘިރު އަދި އަލްމުއްޒައްމިލު، މިއިން ކޮންމެ ސޫރަތަކުންވެސް ބައެކެވެ. އަލްޙަމްދު ސޫރަތުގެ ހަތަރުވަނަ އާޔަތުގައި ‘ދީން’ ނަންގަނެވިފައި ވެއެވެ. އެއާޔަތުގައިވަނީ “مالك يوم الدين ” މިފަދައިންނެވެ. މާނައަކީ ‘ޖަޒާދިނުމުގެ (ބަދަލު ދިނުމުގެ) ދުވަހުގެ ވެރި (މާތްﷲ)އެވެ’.

ދީން މިއާޔަތުގައި އައިސްފައިވަނީ ‘ޔަވްމި’ (ދުވަސް) އާއި ގުޅުވައި ލެވިގެންނެވެ. އަރަބި ގަވާއިދުގައި ބުނާ ‘އިޟާފާ’ގެ ޞީޣާގައެވެ. އެހެންލަފުޒަކާއި އެއްކުރެވި ގުޅުވާލައިގެން އުފެދިފައިވާ ބިނާއެއްގެ ސިފައިގައެވެ. ދެންމެ އިޝާރާތް ކުރެވުނުފަދައިން ‘ދީން’ މިއާޔަތުގައި ބޭނުން ކުރެވިފައިވަނީ ‘ޖަޒާދިނުން’ ނުވަތަ ‘ބަދަލު ދިނުން’ މިމާނައިގައެވެ. މިލިޔުމުގެ ފުރަތަމަ ބައިގައި ނަންގެނެވިދިޔަ ބައިތުގައިވާ واعلم بأنك ما تدين تدان (ދަންނާށެވެ! އިނބައާމެދު ކަންތައް ކުރެވޭނީ އިނބަ އެހެންމީހުންނާ ދޭތެރޭ ކަންތައް ކުރިފަދައިންނެވެ) މިބައިތުގައި ‘ދީން’ ބޭނުން ކުރެވިފައިވާ މާނައިގައެވެ.  ‘ޔަވްމު’ގެ ލަފުޒީ މާނައަކީ ‘ދުވަސް’ މިއެވެ. އެހެންކަމުގައިވިޔަސް، ތާރީހީގޮތުން ފާހަގަކޮށްލެވޭ ހާދިސާއަކާ ގުޅުވާލެވޭ ދުވަހެއްގެ ނުވަތަ ދުވަސްތަކެއްގެ މާނައިގައިވެސް އަރަބި ބަހުގައި، ‘ޔަވްމު’ ބޭނުންކުރެވެއެވެ. އާދެ، ‘ބޮޑުދުވަހެއް’ މިމާނައިގައެވެ. އަރަބި ޖާހިލީޒަމާނުގައި ކުރެވުނު ހަނގުރާމަތަކުގެ ދުވަސްތަކަށް އިޝާރާތްކޮށް ‘އައްޔާމުލް އަރަބި’އޭ (އަރަބީންގެ ދުވަސްތައް) ކިޔައިއުޅެއެވެ. އާދެ، އެދުވަސްތަކަކީ ތާރީހީ މުހިއްމު ހާދިސާތަކެއް ހިނގި ބޮޑުދުވަސްތަކެއްގެ ގޮތުގައި ބެލެވިފައިވާތީއެވެ. ހަމަ މިމާނައިގައި، މިލިޔުމުގެ ފުރަތަމަބައިގައި ނަންގަނެވުނު އެހެން ޅެންބައިތެއްގައިވެސް ބޭނުން ކުރެވިފައިވެއެވެ. އާދެ، އަމްރު ބިން ކުލްޘޫމުގެ ޅެންބައިތުގައެވެ. ‘وأيام لنا…’ (އަހަރުމެންނަށް [ހަނގުރާމަމަތީ ކާމިޔާބު ލިބުނު] ދުވަސްތަކެއް ވެއެވެ)، މިބައިތުގައެވެ.

މިދެންނެވި މާނައިގެ މައްޗަށް ރިއާޔަތްކޮށް يوم الدين ގެ އިޟާފީ ބިނާއަށް ނަޒަރު ހިންގައިލުމުން ހިތަށް ގެނެވެނީ ހަނގުރާމައެއް ނިމިދިޔަފަދަ ބޮޑު ދުވަހެއްގެ ތަސައްވުރެވެ. އަދި ހަނގުރާމައިގެ ކާމިޔާބު ލިބުނު މީހުންނާއި ބަލިވެ ނާކާމިޔާބުވި މީހުންގެ ނަސީބު ކަނޑައަޅާލެވުމުގެ ތަސައްވުރެވެ. ކާމިޔާބުވި މީހުންނަށް އެމީހުންގެ ހައްގު ޖަޒާ ލިބޭދުވަހެވެ. އަދި ބަލިވެ ނާކާމިޔާބުވި މީހުންނަށްވެސް އެމީހުންނަށް ކަނޑައެޅިފައިވާ ޖަޒާ ލިބޭ ދުވަހެވެ. އަދި يوم الدين މިއިބާރަތުގެ ކުރިއަށް مالك ގުޅުވާލުމުން އިޟާފީބިނާ ދެފަށްވެ، (ޖަޒާދިނުމުގެ ދުވަހުގެ ވެރި) އެދުވަހުގެ އަމުރުވެރިފަރާތަކީ، އާދެ، ހުރިހާ ބާރަކާއި އިޚުތިޔާރެއް ލިބިގެންވާ ފަރާތަކީ، ކޮބައިކަންއެނގެއެވެ. އެއީ ގަދަ ކީރިތިވަންތަ މާތްﷲއެވެ. އަދި يوم الدين އާއި مالك ގުޅުވާލުމުން يوم الدينން ހިތަށް ނެގޭ ދުނިޔަވީ ތަސައްވުރު ފުރޮޅިގެންދަނީ މާވަރާއީދުނިޔެއާއި ގުޅޭ ތަސައްވުރަކަށެވެ. އާދެ، يوم އިން ގަސްދުކުރެވޭ ބޮޑުދުވަހަކީ އާހިރަތްދުވަހެވެ. ދުނިޔަވީ ހަޔާތްނިމި އުޚުރަވީ ހަޔާތާ ކުރިމަތިލާންޖެހޭ ދުވަހެވެ. އަދި الدين އިން ގަސްދު ކުރެވެނީ އެދުވަހު ލިބޭނޭ ޖަޒާއެވެ. މިޖަޒާ ދިނުމުގެ ދުވަހުގައި ހުރިހާ ބާރަކާއި އިޚުތިޔާރެއް ލިބިގެންވާ އަމުރުވެރިފަރާތަކީ ހަމައެކަނި ގަދަ ކީރިތިވަންތަ މާތް ﷲކަމެވެ.

މިއާޔަތުން، ‘ދީން’ މިލަފުޒު، ކީރިތި ޤުރުއާނުގައި، ތާރީޚީގޮތުން ނަންގަނެވުނު އެއްމެ ފުރަތަމަފަހަރު، އޭގެ ސީދާ މާނައަކީ ‘ޖަޒާ ދިނުން’ކަން ސާފުވެއެވެ. މިއިން ދޭހަވަނީ ދުނިޔަވީ ހަޔާތްނިމި، އިންސާނުން އަލުން ދިރުއްވައި، އެހެން ހަޔާތަކާ ކުރިމަތިލާންޖެހޭ ދުވަހެއް އަންނާނޭކަމެވެ. އާދެ، އާޚިރަތް ދުވަސް އަންނާނޭ ކަމެވެ. އަދި އެދުވަހުން، ކޮންމެ މީހަކަށްމެ، އެމީހަކަށް ހައްގު ޖަޒާދެވޭނޭ ކަމެވެ. މިހިސާބުން ބަލާލަން ބޭނުންވަނީ މިޖަޒާ ދިނުން ބިނާވެފައިވާނީ ކޮންކަމެއްގެ މައްޗަށްތޯއެވެ. މިކަމުގެ ޖަވާބު ‘ޖަޒާދިނުމު’ގެ މާނައިގައި ކީރިތި ޤުރުއާނުގައި ‘ދީން’ ބޭނުންކުރެވިފައިވާ އެހެން އާޔަތްތަކުން ލިބިދެއެވެ. މިސާލެއްގެގޮތުން އައްޡީނު ސޫރަތުގެ ހަތަރުވަނަ އާޔަތުން ފެށިގެންގޮސް އަށްވަނަ އާޔަތުގެ ނިޔަލަށް ބަލާލަމާތޯއެވެ.

4  لقد خلقنا الإنسان في أحسن تقويم.  ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާ އުފައްދަވައިފައިވަނީ އެންމެރީތި ސީދާކަން ބޮޑު ގޮތުގައެވެ. (އެބަހީ، ހެޔޮއަމަލު ކުރުމުގެ އެކަށޭނަކަން، އޭނާގެ ފިތުރަތުގައި، ލައްވައި އެކަން ކުރެވޭނޭ ގޮތުގައެވެ.)

5  ثم رددناه في أسفل سافلين.  އެއަށްފަހު، (އޭނާ ނުސީދާ، ނުރަނގަޅުގޮތް ޚިޔާރުކޮށް، އޭނާކުޅަ ނުރަގަނޅު އަމަލު ތަކުގެ ސަބަބުން)، އެންމެ ދަށުދަރަޖައަށް (އެއްވެސް ލަދެއްނެތި ހަޑި ހުތުރު އަމަލުތައް ކޮށްއުޅޭ އަޚުލާގީގޮތުން ދަށު ދަރޖައިގެ މީހުންގެތެރޭގައި) އޭނާ ތިމަން ރަސްކަލާނގެ ހިމެނުއްވީމުއެވެ.

6  إلا الذين آمنوا وعملوا الصالحات فلهم أجر غير ممنون.   (މާތްﷲއަށް) އީމާންވެ، ހެޔޮ އަމަލުކުޅަ މީހުން ފިޔަވައެވެ. ފަހެ، އެމީހުންނަށް، މެދުކެނޑުމެއްނެތްގޮތެއްގައި ނިޢުމަތްތައް (ލިބުން މިންވަރުކުރެވިފައި) ވެއެވެ.

7  فما يكذبك بعد بالدين.  މިހެން ކަން އޮތްއިރު، ‘ދީނާ’، (އެބަހީ ޖަޒާދިނުމުގެ ދުވަހާއި) ބެހޭގޮތުން (އިންސާނާ) ކަލޭގެފާނުގެ (މުހައްމަދުގެފާނުގެ) ބަސްފުޅު ދޮގުކޮށް ގަބޫލުނުކުރަނީ ހެއްޔެވެ؟

8  أليس الله بأحكم الحاكمين. ނިޔާކުރައްވާ ހުރިހާ ފަރާތްތަކުގެތެރެއިންވެސް އެންމެއިންސާފުވެރިގޮތުގައި ނިޔާކުރައްވާ ފަރާތްކަމުގައި (މާތް)ﷲ ވޮޑިގެންނުވޭ ހެއްޔެވެ؟ (ނުނިމޭ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top