17 ވަރަކަށް މަސްދުވަހު ބ. އަތޮޅު ހޮސްޕިޓަލްގައި ޚިދުމަތްކުރެއްވުމަށް ފަހު ޑރ. އަޒަމް އާއި ޑރ ރާނިޔާ އަދި ޑރ. އީޖާޒް އެ ހޮސްޕިޓަލަށް އަލްވަދާއު ކިއުއްވައިފިއެވެ.
މި ތިންބޭފުޅުންގެ ޝަރަފުގައި ތިންޑޮކްޓަރުންނަށް އަލްވަދާއު ދެންނެވުމުގެ ގޮތުން ހޮސްޕިޓަލްގެ މުވައްޒަފުންވަނީ ވަދާއީ ޕާޓީ ތަކެއްވެސް ބާއްވާފައެވެ.
ޑރ. އަޒަމް ވިދާޅުވީ އޭނާ ހޮސްޕިޓަލް ގައި ހޭދަކުރެއްވި ގާތްގަނޑަކަށް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ހޮސްޕިޓަލްގެ ފަރާތުން ލިބުނު އެއްބާރު ލެއްވުމާ ބ.އަތޮޅު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި އޭނާހޮސްޕިޓަލުން ވަކިވާން ޖެހުނީ މި ރޮނގުން ސްޕެޝަލިސްޓަކަށް ވުމުގެ ބޭނުމުގައި ނޭޕާލަށް ވަޑައިގަތުމަށްޓަކައެވެ.
“މާދަމާ (ބުރާސްފަތި ދުވަހު) ރަށުން ފުރާގޮތަށް ހަމަޖެހިފައި އޮތީ. އިރާދަކުރެއްވިއްޔާ މި ރޮނގުން ސްޕެޝަލިސްޓަކަށް ވުމުގެ ގޮތުން ވަރަށް އަވަހަށް ނޭޕާލަށް ފުރޭނެކަމުގެ އުއްމީދާއެކު އަހަރީ ޗުއްޓީއާވެސް އެކުގައި ފުރައިގެން މިދަނީ. ” އީވީއާ މައުލޫމާތު ހިއްސާ ކުރަަމުން އަޒަމް ވިދާޅުވިއެވެ.
ޑރ. އީޖާޒްވެސް ހޮސްޕިޓަލުން ވަކިވެގަތުމުގެ މައިގަނޑު ބޭނުމަކީ ޑރ އަޒަމް އެކޭ އެއް ފަދައިން ސްޕެޝަލިސްޓަކަށް ވުމުގެ ގޮތުންނެވެ. އަޒަމް ވިދާޅުވީ އޭނާގެ އަނބިކަނބަލުން ޑރ ރާނިޔާ ހޮސްޕިޓަލް ދޫކުރައްވައި ވަޑައިގެންނެވިއިރު މިވަގުތު ހުންނެވީ ޗުއްޓީއެއްގައިކަމަށެވެ.
ޑރ. އަޒަމް އާއި ޑރ ރާނިޔާ އަދި ޑރ. އީޖާޒަކީ އަކީ މި ފަހަކަށް އައިސް ބ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތްކުރެއްވި ޑޮކްޓަރުންގެ ތެރެއިން އާއްމުންގެ ވަރަށް ބޮޑު މަގްބޫލުކަމެއް ހޯއްދަވާފައިވާ ދިވެހި 3 ޑޮކްޓަރުންނެވެ.
އަޒަމް ވިދާޅުވީ ބ. އަތޮޅު ހޮސްޕިޓަލްގައި ޚިދުމަތް ކުރަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފާފައި ވާނޭ ކަމަށާއި އޭދަފުށްޓަކީ އޭނާގެ އާއިލީ ރަށްކަމަށް ވާތީ ރަށަށް ޚިދުމަތް ކުރަން އައީ އަމިއްލަ އަށް ސަރުކާރުގައި އެދިގެން ކަމުގައެވެ. މިއީ ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއް ކަމަށާއި އާއިލާ އާއި ރައްޔިތުންގެ ފަރާތުން ހީވެސް ނުކުރާވަރުގެ ސަޕޯޓެއް ލިބުނު ކަމަށެވެ.
އަޒަމް ވިދާޅުވީ ދެންވެސް ފުރުސަތެއް ލިބިއްޖެނަމަ މި ހޮސްޕިޓަލަށް އައުމަށް އުއްމީދު ކުރައްވާ ކަމުގައެވެ.
ޑރ އަޒަމްއަކީ އޭދަފުށީ ވޮއިސްގެ ލިއުންތެރިއެއް މެއެވެ. “ޑރ.އަޒަމްގެ ގަލަމުން” މި ސަފްހާ އަކީ އާއްމުންނަށް ވަރަށް ބޭނުންތެރި މުއްސަނދި މައުލޫމާތުތަކެއް ގެނެސްދޭ ސަފްހާ އަކަށް ވީ ހިނދު ޑރ އަޒަމްގެ ވަކިވުމަކީ އީވީއަށް ވެސް ލިބުނު ފުން ހިތާމައެކެވެ.
ތިން ޑޮކްޓަރުންނަށްވެސް އަލްވަދާއުއެވެ. އުއްމީދުކުރަނީ މޮޅު 3 ސްޕެޝަލިސްޓުންނަށްވެގެން އަނެއްކާވެސް ބ. އަތޮޅު ހޮސްޕިޓަލުން ފެންނާނެ ދުވަހަކަށެވެ.