ބ. ގޮއިދޫ ރައްޔިތުންނަކީ ބ. އަތޮޅުގެ އެހެން ރަށްރަށާއި ހިލާފަށް ކަންކަމުގައި ވަރަށް ފޯރިނަގާ ބަޔެކެވެ. އެކަން އެންމެ ބޮޑަށް ފާހަގަކުރެވޭނީ އަތޮޅު ފެންވަރުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތްތަކުންނެވެ. ދާދިފަހުން އޭދަފުށީގައި ނިމިގެންދިޔަ އަތޮޅު ބަށި މުބާރާތާ، ފުޓްބޯޅަ މުބާރާތުގެ ތަށި އެމީހުންގެ ރަށަށް ގެންދިޔައީވެސް އެމީހުންގެ “ބަރު ހަތިޔާރު” ކަމުގައިވާ ސަޕޯޓަރުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުގައެވެ.
މިފަހަރު ސަޕޯޓަރުންގެ ވާހަކައެއް ނޫނެވެ. އެރަށު އަންހެނުންގެ އާދަޔާ ހިލާފު ވާހަކައެކެވެ. ކޮންމެ ދުވަހަކު މެންދުރު ފަހު އެރަށުގެ ގިނަ އަންހެނުން މަސްވެރިކަމަށް ކަނޑުމައްޗަށް ނުކުންނަވާހަކައެވެ. ފިރިހެނުން ރަށުގައި ތިއްބާފައި، މަސް ބޭނުމަށް ކޮޔޮޅުންގެ ގޮތުގައި މިހާރު މަހަށްދަނީ އެރަށު އަންހެނުންނެވެ. މިއީ ދިވެހި ތާރީޚުގައިވެސް ދިވެހި އަންހެނުންތަކެއް ދިވެހިމަސްކަނޑުތަކުގައި މަސްވެރިކަން ކުރާ ފުރަތަމަ ފަހަރެވެ. އެހެންކަމުން މި ތާރީޚީ ރެކޯޑުވެސް ގޮއިދޫ އަންހެނުން ހޯދީއެވެ.

ގޮއިދޫން މިއަދު މަހަށް ނުކުމެ އުޅުނު ބަޔަކު ނަނަށް ދަމަނީ. މިދުވަސްވަރު ގޮއިދޫގެ އަންހެނުން ކޮންމެ ދުވަހަކު މަހަށް ދާކަމަށް އެރަށު ކައުންސިލުން ބުނޭ / ފޮޓޯ: އީވީ
ގޮއިދޫ ކައުންސިލުން ބުނީ މިކަން ފެށުނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށާ، ކޮންމެ ދުވަހަކު ހަވީރު އަންހެންވެރިން މަހަށްނުކުމެ ރަނގަޅު މަސްވެރިކަމެއް ކަުރަމުންދާކަމަށެވެ. ކައުންސިލް މެންބަރު އިލްޔާސް އިބްރާހީމް ވިދާޅުވީ މިއީ މިއަހަރު އަލަށް ފެށުނު ކަމެއްކަމަށާ، އެހެން އަހަރުތަކާ ހިލާފަށް މިކަން ވައިގައި ހިފާފައި މިވަނީ މަސްވެރިކަންވެސް ވަރަށް ބޮޑަށް ރަނގަޅުވެެގެން ކަމަށެވެ. އަދި އަންހެނުން މިކަމަށް ނުކުންނާތީ، އެކަމާ ހައިރާން ނުވާކަމަށް އޭނާ ވިދާޅުވިއެވެ
“މިރަށުގެ އަންހެނުންނަކީ އާދަޔާ ހިލާފު ބައެއްކަން އަތޮޅުގެ އެންމެންނަށް އެނގޭނެ ދެއްތޯ. އެމީހުންނަކީ އަންހެނުންނޭ ކިޔާފައި ފިރިހެނުންނަށް ދޫކުރަން ނުޖެހޭ ކަންކަމުގައި ދޫކުރާ ބައެއް ނޫން. ކޮންމެ އަހަރަކު އަތޮޅު ބަށި މުބާރާތާ، ފުޓްބޯޅަ މުބާރާތަށްވެސް މިއޮއް ބޮޑު ކަނޑު ހުރަސްކޮށް ކޮންމެ ދުވަހަކު ހަމަ މިމީހުން ދޭނޫންތޯ އޭދަފުއްޓަށްވެސް. ކުރާކަމެއް ވަރަށް ޖޯޝާއެކު ގޮއިދޫ އަންހެނުން ކުރާނެ އިނގޭތޯ” އިލްޔާސް ވިދާޅުވިއެވެ

ގޮއިދޫން އިއްޔެ ބަޔަކު މަހަށް ދަނީ. މިދުވަސްވަރު ގޮއިދޫގެ އަންހެނުން ކޮންމެ ދުވަހަކު މަހަށް ދާކަމަށް އެރަށު ކައުންސިލުން ބުނޭ / ފޮޓޯ: އީވީ
އޭނާ ވިދާޅުވީ މަސްވެރިކަމުގައި އެންމެ މަޖާކަމަކީ މަހުންލަފައި، މަސްބަހާ ގޭގެއަށް މަސްހިފައިގެންވެސް ދާނީ ހަމަ މިމީހުންކަމަށާ، ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް ދޯނިފަހަރު މަހަށް ފުރާކަމަށެވެ.
“ކޮންމެ ދުވަހަކުވެސް ހަވީރު ހަތަރެއް ޖަހާއިރު މަހަށް ފުރާނެ. މިއަދުވެސް ޑިންގީއާ، ދޯނިފަހަރުގައި 15 ވަރަކަށް އުޅަނދު ދިޔަ މަހަށް، ކޮންމެ ދޯންޏެއްވެސް ތިރީހުން ސާޅީހުން ބާނައިގެން އިރު އޮއްސުމުގެ ކުރިން ރަށަށް ލަފާނެ”
މަސްވެރިކަމަށް އިއްޔެ ނުކުތް ދޯންޏެއްގެ ކޮޔޮޅަކަށް ހުރި މެދުއުމުރުން މަތީގެ އަންހެނަކު އީވީއަށް ބުނީ “މީ ހަމަ ބޮޑު މަޖާގަނޑެއް. މިދިމާއިން ވަރަށް ލައްޓިއާ، ކަންނެލި ގަނޭ. އަންހެނުންނަށް ނުކުރެވުނު މަސްވެރިކަމެއް ފިރިހެނުންނަކަށް ވަކިނުކުރެވޭނެ”. އޭނާގެ މަސައްކަތަށް ފަޚުރުވެރިވަމުން އީވީއަށް މައުލޫމާތު ދެމުން ބުނެލިއެވެ.

އިއްޔެ ގޮއިދޫގައި މަހަށްދިޔަ އަންހެން ގްރޫޕެއް މަސްބަހަނީ. މިދުވަސްވަރު ގޮއިދޫގެ އަންހެނުން ކޮންމެ ދުވަހަކު މަހަށް ދާކަމަށް އެރަށު ކައުންސިލުން ބުނޭ / ފޮޓޯ: އީވީ
ގޮއިދޫގެ އަންހެނުންނަކީ އާދަޔާ ހިލާފު ހުނަރާ އެއްވަރަށް މުރާލި ބައެއްކަން އަނެއްކާވެސް މިވަނީ ސާބިތުކޮށްދީފައެވެ. އަތޮޅުގެ އެހެންރަށްރަށުގެ އަންހެނުންނަށް ގޮންޖަހާލާފައި ގޮއިދޫ އަންހެނުން މަސްވެރިކަމުގެ މި މޫސުން ނިމުމާއެކު ދެން ދާނެ ދިމާލެއްވެސް ނޭނގެއެވެ. އަނެއްކާވެސް އިވޭނީ އެ ކަނބަލުން އެހެން އަންހެނުން ސިއްވާލާނެ އާ ޚަބަރެއްކަން ނޭނގެއެވެ.

ގޮއިދޫން މިއަދު މަހަށް ނުކުމެ އުޅުނު އަންހެން ކުއްޖެއް މަސްތަކެއް ދައްކާލަނީ. މިދުވަސްވަރު ގޮއިދޫގެ އަންހެނުން ކޮންމެ ދުވަހަކު މަހަށް ދާކަމަށް އެރަށު ކައުންސިލުން ބުނޭ / ފޮޓޯ: އީވީ