ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުމުގެ މައްސަލައާ ބެހޭ ރިޕޯޓުގައި ހުރި ބައެއް ނުކުތާތަކުގެ މައްޗަށް އަވަސް ނަޒަރެއް ހިންގާލުން -3

big_4UNuJdV07rowsxaUFZT6UmQrA.jpg

އެމްޑީއެން އިން ނެރުނު ރިޕޯޓުގެ ބޭރުގަނޣު --ފޮޓޯ :އަވަސް

ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް

(8 އޮކްޓޯބަރ އާ ގުޅޭ )   ދެން މިކަމާއި ކޮންމެވެސް ވަރަކަށް ގުޅޭ އެހެން ކަމެއް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންވެ، އެވާހަކަ ވެސް ނަންގަނެލަން ޖެހެއެވެ. އެއީ ނިޔޫޒީލެންޑުގައި އުޅޭ ދިވެހި ފިރިހެނަކު އަންހެން ހެދުން އަޅައި ނެށުމުން އެކަމާ ރާއްޖޭގައި ނުރުހި ފާޑުކިޔާފައިވާތީ އޭ ބުނެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަމެވެ. އަދި މިފަދައިން ހެދުން އެޅުމަކީ ބައެއް ކަހަލަ ހަފުލާތަކުގައި ރާއްޖޭގައި ވެސް ކުރާކަމެއްކަން ރިޕޯޓުގައި ފާހަގަކުރެވިފައިވެއެވެ. ތެދެކެވެ. ރާއްޖޭގައި ވެސް، މަދުން ނަމަވެސް، މިފަދައިން ހެދުންއަޅައި އުޅެއެވެ. ނަމަވެސް، ރިޕޯޓުގައި ބުނެދޭން މަސައްކަތްކުރާފަދައިން މިއީ އާންމު ކަމެއް ނޫނެވެ. ކޮންމެ ޚިތާނުކުރާ ހަފުލާއެއްގައި މިގޮތަށް ހެދުންއަޅައި ނަށާ ހަދައެއް ނޫޅެއެވެ. އަދި އެ ބުނާ މީހަކަށް ފާޑުކިޔުން އަމާޒުވީ ވަކިގޮތަކަށް ހެނދުން އަޅައިގެންނެއް ނޫނެވެ. އެފަދައިން އޭނާ ހެދުން އެޅީ ބުރުގާ އެޅުމަށް ހަޖޫކިޔައި މަލާމާތް ކުރުމުގެ ބޭނުމުގައިކަމަށްވާތީއެވެ. އަދި މިކަން ދާދި ފަހުން، އޭނާ ނަށައި ބަރަހަނާވި ބަރަހަނާވުމަކުން ވެސް ފާހަގަކުރެވިފައިވެއެވެ. އަދި މީގެ އިތުރުން އޭނައަށް ފާޑުކިޔުން އަމާޒުވީ އޭނައަކީ އެއްޖިންސުގެ ގުޅުން މީހުންގެ ތެރޭގައި ފަތުރައި އެކަމަށް ދައުވަތުދޭ މީހެއްގެ ގޮތުގައި ވެސް ބެލެވިގެންނެވެ. އެ ރިޕޯޓުގައި ބުނެފައިވާ ފަދައިން، އޭނައަށް ފާޑުކިޔުން އަމާޒުވީ ފަހަރެއްގައިވެސް، އޭނާ ހަމައެކަނި އަންހެނެއްގެ ހެދުން އަޅައިގެން ނަށައިގެނެއް ނޫނެވެ. މިނަންގަތް ވާހަކަތަކަކީ ދިވެހި ނޫސްތަކުގައި ރިޕޯޓުކުރެވިފައިވާ ވާހަކަތަކެކެވެ. ނަމަވެސް އަންހެން ހެދުންލީކަން ނޫން އެހެން ކަމެއް ރިޕޯޓުގައި ފާހަގަ ނުކުރެވެއެވެ. މިއިންވެސް ދަލީލު ލިބެނީ މި ރިޕޯޓަކީ އިސްލާހުގެ މަސައްކަތްކުރުމުގެ ނިޔަތުގައި ކަމާ ބެހޭ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ ރިޕޯޓެއް ނޫންކަމެވެ. ބަޔަކު ތަމްވީލުކޮށްގެން، ހަތިޔާރެއްގެ ގޮތުގައި، ލަޓިބުރިއެއްގެ ގޮތުގައި، ބޭނުންކުރުމަށް ބޭރު ބަޔަކަށް ދޭން ތައްޔާރުކުރާ އެއްޗެއްގެ ގޮތުގައެވެ. މި ފަދަ އެއްޗަކުން އިސްލާހެއް ގެނެވޭނެ ހެއްޔެވެ؟ ހެޔޮ ބަދަލެއް ގެނެވިދާނެ ހެއްޔެވެ؟ ޖަވާބު ކިޔުންތެރިޔާގެ ވިސްނުމަށް ދޫކޮށްލަމެވެ.

ދެން މިބައި ނިންމާލުމުގެ ގޮތުން ހުދޫދާ ބެހޭ ގޮތުން މިއަދު މުސްލިމުންގެ މެދުގައި ކުރެވޭ ބަހުސްތަކާއި ދިރާސާތުތަކުގެ ކުރު ޚުލާސާއެއް ހުށަހަޅާލާނަމެވެ. މިއަދޭ މިދެންނެވީ މިޒަމާނުގެ ވާހަކައެވެ. ނަވާރަ ވަނަ ގަރުނުން ފެށިގެން މިކަމާ ބެހޭ ގޮތުން ކުރެވެމުންދާ ދިރާސަތުތަކުގެ ވާހަކެއެވެ.

ހުދޫދުގެ މި ޒަމާނުގެ ދިރާސަތުތަކަށް ނަޒަރު ހިންގާލާއިރު، މުސްލިމުންގެ ލިޔުންތައް ދެ ބަޔަކަށް ބަހާލެވެއެވެ. އެއްބަޔަކީ ޝަރީއަތާއި ފިގުހަކީ އެކައްޗެއްކަމަށް ބަލައި، ފިގުހުގައި އިސްލާމީ ހުދޫދުތަކަށް ދެވިފައިވާ ސޫރައަކީ، ސިފައަކީ، އެއަށް އެއްވެސް ބަދަލެއް ނުގެނެވޭނޭ އެއްޗެއްގެ ގޮތުގައި ދެކިލައްވާ ލިޔުންތެރިންގެ ލިޔުންތަކެވެ. އަނެއްބައި ލިޔުންތަކަކީ ފިގުހުގައި ހުދޫދުތަކާއި އަދިވެސް މުޖުތަމައު ހިންގުމަށް ކަނޑައަޅާލެވިފައިވާ ހުކުމްތަކުގެ ސޫރަތަކަކީ އެއަށް ސޫރީ ބަދަލެއް ގެނެވިދާނޭކަންކަމެވެ. މިސާލަކަށް، ވައްކަން ކުރުމުން އޮންނަ އުގޫބާތުގެ ސޫރަ – އަތްކެނޑުން – މިއީ އެކަމަށް ބަދަލުގެނެސް އެހެން ސޫރައެއް، ސިފައެއް –މިސާލަކަށް ޖަލަށްލުން – ގެނެވިދާނޭ ކަމެކެވެ.

މިޒަމާނުގައި މިކަން އެންމެ ފުރަތަމަ ފާހަގަކުރައްވައި ނިޒާމީ ސިފައެއްގައި ލިޔުއްވި ބޭކަލަކީ ސައްޔިދު އަހުމަދު ޚާނެވެ (އަވަހާރަވީ 1898މ ގައި). އޭނާގެ ވާހަކަތައް ލިޔެވި ޝާއިއު ކުރެވުނީ އޭނާ ނެރުއްވި ‘ތަހުޒީބުލްއަޚުލާގް’ މި މަޖައްލާގައެވެ. އަދި އޭނާގެ ފިކުރު ‘އިސްލާމީ އިލާހިއްޔާތުގެ އިލްމުގެ އާ މާނަކުރުމެއް’ މި ފޮތުގައި ޚުލާސާކުރެވިފައިވެއެވެ. ދެން، އެއަށްފަހު އައްލާމާ އިގުބާލު (އަވަހާރަވީ 1938މ. ގައި) އޭނާގެ ‘އިސްލާމީ ދީނީ ފިކުރު އާކުރުން’ މި ފޮތުގެ މައިގަނޑު ވާހަކައެއްގެ ގޮތުގައި ބަޔާންކުރެވިފައިވެއެވެ. މީގެ އިތުރުން މުހައްމަދު އަސަދު (އަވަހާރަވީ 1992މ. ގައި) އޭނާގެ އެކިއެކި ލިޔުއްވުންތަކުގައި މި މައްސަލައަށް އިޝާރަތްކުރައްވާފައިވެއެވެ. މި ލިޔުއްވުންތަކުގެ ތެރޭގައި އޭނާ ލިޔުއްވި ކީރިތި ޤުރުއާނުގެ ތަރުޖަމާއާއި ތަފްސީރު، ‘އިސްލާމް ދީން ހަތުރު އަނގޮޅިއެއް މަތީގައި’، ‘އަހަރުމެންގެ މި ގާނޫނު’، ‘އިސްލާމް ދީނުގައި ވެރިކަން ހިންގުމުގެ އުސޫލުތައް’ މި ފޮތްފޮތް ހިމެނެއެވެ. އަދި މީގެ އިތުރުން މުހައްމަދު ޝަހްރޫރު ގެ ‘ފޮތް’ މި ލިޔުއްވުމާއި އަބްދުއްލާހި އައްނައީމުގެ އިސްލާމީ ތަޖުދީދާއި ބެހޭ އެކިއެކި ލިޔުންތައް ވެސް ހިމެނެއެވެ. މިހުރިހާ ލިޔުންތަކުގެ ތެރެއިންވެސް އެންމެ ތަފްސީލީ ގޮތެއްގައި މިމައްސަލައިގެ މައްޗަށް މި ޒަމާނުގައި ބައްލަވާލެއްވި އިލްމުވެރިޔަކަށް ފެންނަނީ ފަޒްލުއްރަހްމާނު މާލިކުއެވެ. އޭނާގެ ‘ހަދާސަތު’އާއި ‘އިސްލާމީ (ފިގުހީ) މަންހަޖުގެ ތާރީޚު’ އަދި ‘ކީރިތި ޤުރުއާނުގެ މައިގަނޑު މައުޟޫއުތައް’ މި ފޮތް ފޮތް ހިމެނެއެވެ.

މިތަނުގައި މިވާހަކަ ނަންގަނެލުމުގެ ބޭނުމަކީ ހުދޫދުގެ ވާހަކަދައްކާއިރު، އަދި އެކަމާ ބެހޭ ގޮތުން، އިސްލާހު އެދިގެން، ރިޕޯޓެއް ތައްޔާރުކުރާ ނަމަ، މިވާހަކަތައް އެނގުމީ މި މައްސަލަ އިސްލާހު ކުރުމުގެ މަގު ފަހިވާނޭ ކަމަކަށް ފެންނާތީއެވެ. މުސްލިމުންގެ ތެރޭގައިވެސް މިފަދަ އިލްމީ ބަހުސުތައް ކުރެވެމުންދާކަމާއި އަދި އެ ބަހުސުތަކުގެ ނަތީޖާއަކީ ކޮބައިކަން ދެނެގަތުމަށެވެ. އަދި މި ފަދަ ބަހުސުތަކުގެ މައުލޫމާތު މަދްރަސީ ފޮތްތައް މެދުވެރިކޮށް ކިޔަވާ ކުދިންނަށް ފޯރުކޮށްދިނުމަށެވެ. އެކުދިންގެ ސިކުނޑިތައް ވެސް ހުޅުވި، ކަންކަމާ ބެހޭ ގޮތުން ބުއްދި ބޭނުންކޮށް ފިކުރުކުރުމުގެ މަގު ފަހިކޮށް، އެކުދިންގެ އިލްމީ އާފާގު ފުޅާކޮށްދިނުމުގެ ގޮތުންވެސް މެއެވެ. ކުރިން ވެސް ނަންގަނެވުނު ފަދައިން މިތަނުގައި މި މައްސަލައިގެ ހުރިހާ ތަފްސީލު ބަޔާންކޮށެއް ނުދެވެއެވެ. ނަމަވެސް، މިކަމުގެ ޝައުގުވެރިކަން ހުރި ބަޔަކަށް މިއަދު މިކަމާ ބެހޭ މައުލާމާތު ހޯދައި ލިބިގަތުމަކީ ދާދި ފަސޭހަކަމެވެ. ދެންމެ އިޝާރަތްކޮށްލި ލިޔުންތަކުގެ ތެރެއިން ގިނަ ލިޔުންތަކަކީ އޮންލައިންކޮށް ބަލައި ކިޔެން ހުރި ލިޔުންތަކެވެ. ކިޔުމުގެ ހުނަރާއި ކެތްތެރިކަން ލިބިގަނެ، މިފަދަ ލިޔުންތައް ބަލައިލުމުން، މައްސަލައިގެ އިތުރު ތަފްސީލު ލިބޭނެއެވެ.

އިސްރާއުއާއި މިއުރާޖުގެ ވާހަކައިގެ މައްސަލަ

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު ފެތުރުމާ ބެހޭ ރިޕޯޓުގައި ދެން އޮތް މައްސަލައަކީ އިސްރާއުއާއި މިއުރާޖުގެ ހާދިސާއެއީ ‘ފޭބަލް’އެއްގެ ގޮތުގައި ސިފަކުރެވިފައި އޮތްކަމެވެ. ‘ފޭބަލްގެ’ މާނަ ދެ ގޮތަކަށް ބޭނުންކުރެވެއެވެ. އެއް މާނައަކީ ޖަނަވާރުން ހިމަނައިގެން، އަޚުލާގީ މެސެޖެއް ދިނުމަށްޓަކައި ކިޔައިދެވޭ ވާހަކަ، މިއެވެ. މިސާލަކަށް ‘ދެ ބުޅަލުގެ އަރާރުން’، ‘ރާމާމަކުނާއި މާވަޑިކަލޭގެ’ ފަދަ ވާހަކަތަކެވެ. ދެވަނަ މާނައަކީ ހަގީގަތެއް ނެތް ޚިޔާލީ ވާހަކަ މިއެވެ. މީގެ މައްޗަށް އެއްޗެއް ބުނުމުގެ ކުރިން އިސްރާއާއި މިއުރާޖުގެ މާނަ ލިޔެލަން ޖެހެއެވެ. މައްސަލަ ސާފުވެ ދިޔުމަށްޓަކައެވެ.

އިސްރާއު އާއި މިއުރާޖު ސިފަކުރެވިފައިވަނީ ކީރިތި ރަސޫލާގެ ‘ރޭނގަޑުގެ ދަތުރުފުޅެއް’ގެ ގޮތުގައެވެ. ކީރިތި ގުރުއާނުގެ އިސްރާއު ސޫރަތުގައެވެ. ‘އިސްރާ’އިން އިޝާރަތްކުރެވެނީ އެގޮތުގައި މައްކާއިން ބައިތުލް މަގްދިސަށް ކުރެވުނު ދަތުރުފުޅަށެވެ. އަދި މިއުރާޖު އިޝާރަތްކުރެވެނީ ބައިތުލް މަގްދިސް އިން ‘ހަތް އުޑަށް’، ‘މާތްކަލާނގެ ހަޒުރަތަށް’، ކުރެވުނު ދަތުރެއްގެ ގޮތުގައެވެ.

މި ދެ ހާދިސާގެ ހަގީގަތަކީ ކޮބައިކަން ސާފުގޮތެއްގައި ޝަރީއަތުގެ ނައްސުތަކުން އެނގޭކަން ނެތެވެ. އެހެންވެ، މިކަމުގަ ހަގީގަތް ބަޔާންކޮށްދިނުމުގެ ގޮތުން، މުސްލިމުން، ތަފާތު ގޮތް ގޮތަށް މިކަން މާނަކުރެއެވެ. އެންމެ އިހުއްސުރެވެސް ފެށިގެންނެވެ. ގިނަ ބަޔަކު މާނަކުރީ މި ދަތުރުފުޅު ކުރެވުނީ ކީރިތި ރަސޫލާގެ ޖިސްމާއި ރޫހު ވެސް ޝާމިލުވެގެންނެވެ. އަނެއް މާނައަކީ މި ދަތުރުފުޅު ކުރެވުނީ ހަމަ އެކަނި ރޫހު ޝާމިލުވެގެންނެވެ. ރޫހާނީ ދަތުރުފުޅެއްގެ ގޮތުގައެވެ. އާދެ، ހުވަފެނީ ތަޖުރިބާއެއްގެ ގޮތުގައެވެ. އިހުގެ އިލްމުވެރިންނަށް ބަލާލާއިރު މިދަތުރުފުޅަކީ ރޫހާނީ ދަތުރުފުޅެއްކަމުގައި ދެކިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ކީރިތި ރަސޫލާގެ އަނބިކަނބަލުން އާއިޝަތުގެފާނާއި އަދި ހިޖުރައިން ދެވަނަ ގަރުނުގެ އިލްމުވެރިންގެ އިސް ސަފުތަކުގެ ތެރޭގައި ގުނާލެވޭ އަލްހަސަނު އަލްބަސްރީ ހިމެނިވަޑައިގަންނަވައެވެ. ކޮންމެ އަކަސް މި ތަފާތު މާނަކުރުންތަކުން ދޭހަވަނީ އެންމެ އިހުއްސުރެން ވެސް މުސްލިމުން މި ދެ ހާދިސާގެ ހަގީގަތް ފަހުމުކޮށް ގަތުމަށް ބުއްދީގެ ހަމަތައް ބޭނުންކޮށްގެން މަސައްކަތްކުރާކަމެވެ.

ދެން ރިޕޯޓުގައި އޮތީ މި ހާދިސާއަކީ ސައިންސުގެ އަލީގައިވެސް ސާބިތުކޮށްދެވިފައިވާ ހާދިސާއެއްކަމުގައި މަދުރަސީ އިސްލާމް ފޮތްތަކުގައި ލިޔެވިފައިވާކަމުގެ ވާހަކައެވެ. އަދި، މިއީ އެއްވެސް ހަގީގަތެއް ނެތް ކަމެއްކަން ދޭހަވާ ގޮތަށް ރިޕޯޓުގައި ލިޔެވިފައިވެއެވެ. އިސްރާއާއި މިއުރާޖުގެ ވާހަކަ ދައްކާއިރު ސައިންސާ މިކަން ގުޅެއޭ ބުނާ ބަހުގެ މާނަ ގުޅެނީ ނަފްސާނީ އިލްމުގެ ވާހަކަ އަކާއެވެ. ނަފްސާނީ އިލްމުގެ ނަފްސުގެ ދިރާސާތު ތަކާއެވެ. މި ދިރާސާތުތައް ސާބިތުކޮށްދީފައިވަނީ ޖިސްމާނީ ތަޖުރިބާތު ތަކުގެ އިދިކޮޅަކީ ހަމައެކަނި ހުވަފެނީ ތަޖުރިބާ ނޫންކަމެވެ. އިންސާނާ އޭނާގެ ފިކުރީ ތައައްމުލާތުތަކުގެ – ފުންކޮށް ވިސްނާ ފިކުރުކުރާކުރުން – ތެރެއަށް ގެނބި، އޭނާ ކުރާ ރޫހާނީ ތަޖުރިބާތަކަކީ ހަމައެކަނި އޭނާގެ ހިތަށް (އޭނާގެ ވިސްނުމުގެ ބާރަށް) ފެންނަ ފެނުންތަކެއް ނޫންކަމެވެ. މި ފެންނަ ފެނުމަށް، ހިތުން ބޭރު، ވަކި ޖިސްމާނީ ވުޖޫދެއް ލިބިގެން ވާކަމެވެ. (ހުވަފެނަކީ މިފަދަ ވުޖޫދެއް ލިބިފައި އޮތް ކަމެއްނޫނެވެ. އެހެނީ ހުވަފެނަކީ ހިތުގެ ތެރޭގައި ހަރުލެވިފައިވާ ފެނުން ތަކަކަށްވާތީއެވެ.) ސާދާ އިބާރާތަކުން ބުނަނީ ނަމަ، ތައައްމުލާތުގެ ވަކި ހާލަތްތަކެއްގައި އިންސާނާގެ ރޫހު، އޭނާގެ ހަށިގަނޑާ ވަކިވެ ހިނގައިދާނެއެވެ. މިކަމުގެ ހިއްސީ ތަސައްވުރެއް ލިބިގަތުމަށްޓަކައި ނިދި އަންނަ ގޮތާއި ނިދިން ހޭލެވޭ ގޮތް ހިތަށް ގެންނާށެވެ. ނިދީގެ ސަބަބުން ތިމާގެ ހޭވެރިކަން ގެއްލޭ ގޮތާއި އަދި ނިދިން ހޭލެވޭ ވަގުތު ތިމާގެ މައްޗަށް ހޭވެރިކަން މަޑުމަޑުން އައިސް ވެރިވާ ގޮތެވެ. ނަފްސު ޖިސްމާއި ވަކިވާ ގޮތް އޮންނަނީ މިފަދަ ގޮތަކަށެވެ.  އާދެ، އިސްރާއު އާއި މިއުރާޖުގެ ހާދިސާ ސައިންސުގެ ހޯދުންތަކާ ގުޅުވާލެވެޔޭ ބުނާ ވާހަކައަކީ މި ނަންގަތް ނަފްސާނީ އިލްމުގެ ހޯދުންތަކާއި ގުޅާލެވޭ ވާހަކައެވެ. އަދި އިސްރާއުއާއި މިއުރާޖުގެ ހާދިސާގެ ހަގީގަތް ދެނެގަތުމަށްޓަކައި ނަފްސާނި އިލްމުގެ މިފަދަ ދިރާސާތުތައް އެހޭވެދޭ ވާހަކައެވެ. ރިޕޯޓު ތައްޔާރުކުރެއްވި ބޭފުޅުން، މިއީ ތާކުންތާކު ނުޖެހޭ ވާހަކަތަކެކޭ، ނުވަތަ ހަގީގަތެއް ނެތް ޚިޔާލީ ފުލޯކު ވާހަކަތަކެކޭ ލިޔުއްވުމުގެ ކުރިން، މަދުރަސީ ފޮތްތަކުގައި ބުނެފައޮތް އެއްޗެއްގެ ތެދު ދޮގު ރަނގަޅަށް ސާފުކޮށްލެއްވިނަމަ ރަނގަޅުވީހެވެ.

ދެން ފާހަގަކޮށްލަން ޖެހެނީ، މިކަން މަދުރަސީ ފޮތް ފޮތުގައި އޮތުން މައްސަލައަކަށް ވެގެން ނުވާނޭކަމެވެ. އަދި މިކަން ކިޔަވައިދިނުން ވެސް މައްސަލައަކަށް ވެގެން ނުވާނެއެވެ. އަދި ދީނީ ހަރުކަށި ފިކުރަށް މަގުފަހިކޮށްދޭ ކަމަކަށް ވެސް ވެގެން ނުވާނޭ ކަމެވެ. މިކަން ކިޔަވައި ދިނުން މައްސަލައަކަށްވާނީ މި މައްސަލަ މާނަކުރުމުގައި ވަކި އެއް ގޮތެއް ދައްކުވަން އުޅޭނަމައެވެ. ނަމަވެސް، މިކަމަކީ މިކަމުގެ ހަގީގަތް ބުއްދީގެ ހަމަތަކުން ދެނެގަތުން އުނދަގޫ ކަމަކަށްވެފައި ތަފާތު ގޮތް ގޮތަށް މާނަކުރެވޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްދީ، ކުދިންގެ ވިސްނުން ހައްޔަރުނުވާ ގޮތަށް ކިޔަވައިދެވޭ ނަމަ މިއީ މައްސަލައަކަށް ވެގެން ނުވާނެއެވެ.

ކަންކަމުގެ ފުރިހަމަ ހަގީގަތް ނޭނގޭ ވަރަށް ގިނަ ކަންކަން ވެއެވެ. އެންމެ ކުޑަވެގެން ޚުދް އިންސާނާއޭ ބުނެ އަޅުގަނޑުމެން މި އިޝާރާތްކުރާ ކާއިނުގެ ހަގީގަތަކީ ކޮބައިކަން ވެސް ނޭނގެއެވެ. ސައިންސު ބުނެދޭ ގޮތުގައި އިންސާނާގެ ހަށިގަނޑުގެ ބައިތައް އަބަދުމެ އާވެ އާވެ ހުރެއެވެ. އަދި ގާތްގަނޑަކަށް ކޮންމެ ދިހަ އަހަރަކުން މުޅި ހަށިގަނޑު އެއްކޮށް އާވެއެވެ. މީހަކު މިއަދު އޭނާގެ އަތުގައި ނޫނީ އެހެން ގުނަވަނެއްގައި އަތްލާފައި މިއީ ތިމަންނައޭ ބުނާއިރު އޭގެ ދިހަ އަހަރު ފަހުން އޭނާ އެއަތްލި އަތެއް ނުވަތަ އެހެން ގުނަވަނެއް ނޯވެއެވެ. އެހެންވެ، ‘އޭނާ’ގެ ހަގީގަތަކީ ކޮބައިތޯއެވެ؟ މިކަންވެސް އަޅުގަނޑުމެންނަށް ސާފެއް ނުވެއެވެ. ހަމަ އެހެންމެ، މުއުމިނުން ޣައިބުގެ ކަންތައްކަމަށް ދެކޭ ކަންތައްތަކަކީ އޭގެ ފުރިހަމަ ހަގީގަތް ނޭނގޭ ކަންކަމެވެ. މާތްﷲ، މަލާއިކަތް ބޭކަލުން، ސުވަރުގެއާއި ނަރަކަ، މިއީ ހައްތަހާވެސް އޭގެ ފުރިހަމަ ހަގީގަތް ނޭނގޭ ޣައިބުގައި ހިމެނޭ ކަންކަމެވެ. ސުވާލަކީ ކަމެއްގެ ހަގީގަތް ނޭނގޭ ކޮންމެ ކަމަކީ ‘ފޭބަލް’އެއް ކަމުގައި، ޚިޔާލީ ވާހަކައެއް ކަމުގައި ބުނެ ސިފަކުރެވިދާނޭތޯއެވެ؟ އެ މިންގަނޑުންބަލާ ނަމަ، އިންސާނާގެ ‘ހިތޭ’ (މައިންޑު، ވިސްނުމުގެ ބާރު) މިވެސް ވާނީ ‘ފޭބްލް’ އަކަށެވެ. ހަގީގަތެއް ނެއް ޚިޔާލީ އެއްޗަކަށެވެ. އޭގެ ހަގީގަތް ނޭނގޭތީއެވެ.

ނިންމާލުމުގެ ގޮތުން ދެތިން ވާހަކަ ބުނެލަން ގަސްދުކުރަމެވެ. މުޖުތަމާއެއްގެ އިސްލާހީ މަސައްކަތް ކުރަން ޖެހޭނީ އެ މުޖުތަމައެއްގެ އަހުލުވެރިންނެވެ. ޚިޔާލު ތަފާތުވުމާއި ދެބަސްވުންތައް ހުރިކަމުގައި ވިޔަސް ވެހެވެ. މިހާރު މި ހިލިގެން އުޅޭ މައްސަލައަކީ ދީނީ ކުލަ ޖެހިފައިވާ މައްސަލައަކަށް ވެފައި ފުޅަފުގެ ދެފަރާތުގައި ތިބި މީހުން ސިފަކުރެވެނީ ދީނީ މީހުން ނުވަތަ ދީނަށް ތާއިދުކުރާ މީހުންނާއި ދީނާ ދުރު ނުވަތަ ދީނާ އިދިކޮޅު ނުވަތަ ދީން ގަބޫލު ނުކުރާ މީހުންގެ ގޮތުގައެވެ. ކޮންމެ ނަމެއް މި ދެބައި މީހުންނަށް ކީކަމުގައި ވިޔަސް، ދެބައި މީހުންވެސް އުޅެން ޖެހިފައި އޮތީ އެއް ތަނެއްގައި ކަމުން ދެބައި މީހުންވެސް ކޮންމެވެސް ވަރަކަށް ދޫ ދޭން ޖެހެއެވެ. މިކަން ކުރެވޭނީ ދެބައި މީހުންނަށް ވާހަކަ ދެއްކިގެންނެވެ. އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކުރެވިގެންނެވެ.

މިފަދަ ރިޕޯޓުތައް ލިޔެތައްޔާރު ކުރާ ފަރާތްތަކުން ހަނދާންކޮށްލަން ޖެހޭހެން ހީވާކަމެއް އެބައޮތެވެ. މުޖުތަމައުގެ އިސްލާހަށް މަސައްކަތް ކުރާކަމަށް ވަންޏާ މިކަން ކުރަންޖެހޭނީ ދާޚިލީ ކަމެއްގެ ގޮތުގައެވެ. ބޭރުގެ ފައިސާގެ އެހީގައި، އެފައިސާ ދޭ ފަރާތެއް ރުހިދާނެ ގޮތެއް ބަލައި، އެގޮތަކަށް ކަންތައް ކޮށްގެން ނޫނެވެ. ބައެއް ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުގައި މި ރިޕޯޓަކީ ކެނެޑާގެ ކޮންމެވެސް ފަރާތެއްގެ މާލީ އެހީގައި އެފަރާތުގެ ބޭނުމަކަށް ތައްޔާރުކުރެވޭ ރިޕޯޓެކެވެ. އިސްލާމް ދީނާއި އެންމެ ފާޅު ބޮޑުގޮތެއްގައި ދިމާކޮށް، އިސްލާމް ދީން ރާއްޖެއިން ފޮހެލެވެން އޮތް ކަމުގައި ވާނަމަ އެކަން ވެސް ކުރުމުގެ އެދުން ސަރީހަ ގޮތެއްގައި އަޑު ހަރުކޮށް ގޮވާލާ ދިވެއްސަކު އުޅެނީ ވެސް ހަމަ ކެނަޑާގައެވެ. މި ރިޕޯޓާއި އޭނައާ ގުޅުމެއް ނޯވެ ދާނެއެވެ. ނަމަވެސް، އެފަދަ ފަރާތްތަކަށް ހިތްވަރު ލިބޭ ގޮތަށް ތައްޔާރުކުރެވޭ މިފަދަ ރިޕޯޓުތަކުން ގައުމަށް އެދެވޭ އިސްލާހެއް އަތުވެދާނެ ކަމަށް ބެލެވިދާނެ ހެއްޔެވެ؟ ހެޔޮ އެދޭ އިސްލާހެއް ގެނެވޭނީ ތަނުގައި އުޅެން ޖެހިފައިވާ އެންމެންވެސް އެކަކު އަނެކަކާ ވާހަކަ ދެއްކިގެންނެވެ. އަދި މައްސަލަތައް ފާހަގަކޮށް އެކަންކަމުގެ ހައްލަކާ ދިމާއަށް އެންމެން އެކުގައި ހިނގަން ފެށުމުންނެވެ. ބޭރުބައަކަށް ތަނެއްގެ ދާޚިލީ މައްސަލަތައް ހައްލުކުރެވިދާނެ ހެއްޔެވެ؟ އެއީ ވާނޭ ކަމެއް ނޫނެވެ! މިކަމުގެ ހެކި ކައިރި މާޒީގެ ތާރީޚުން ފެނެއެވެ. އިރާގަށް ބަލާލާށެވެ! ސޯމާލިޔާ، ޔަމަނު، ސީރިޔާ، މިތަންތަނަށް ބަލާލާށެވެ! ތަނުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރު މީހުން ވެއްދުމުން ދިމާވާނޭ ނަތީޖާ އެއޮތީ ފެންނާށެވެ.

ދީނީ ނޫނީ ދީންދެކެ ލޯބިވާ މީހުންނަށް ވެސް ކުރެވިދާނެ ވަރަށް މުހިއްމު ކަމެއް އެބަ އޮތެވެ. ކަމަކާ ދޭތެރޭ ދެބަސްވުން އުފެދޭ ކޮންމެ ފަހަރަކު، އިދިކޮޅު ފިކުރުގެ މީހުންގެ އަނގަ ބަންދުކޮށް އެމީހުންގެ ޖަމިއްޔާތައް އުވާލައި އެމީހުން ހައްޔަރުކުރުމަކުން މައްސަލަ ތަކެއް ހައްލެއް ނުވާނެއެވެ. މައްސަލަތައް ހައްލުވުމަކާ ހަމައަށް ދެވޭނީ އެކަންކަމާ މެދު ބަހުސްކޮށް ވާހަކަ ދެއްކިގެންނެވެ. މިކަން އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ މައްސަލަތަކާ ބެހޭ ފޮތްތަކާއި ދިރާސާތުތައް ބަލައި ކިޔައި މައުލޫމާތު މުއްސަނދި ކޮށްގެންނެވެ. އިހުގެ ދީނީ ތައުލީމުގެ ވިސްނުމުގެ އޮނިގަނޑު ފުޅާކޮށް، ވިސްނާ ފިކުރުކުރުމުގެ ދާއިރާ އިތުރަށް ތަރައްގީ ކުރެވިގެންނެވެ. އާޚިރުގައި ކުރި ލިބެނީ ފިކުރީ މަސައްކަތަށެވެ. ފިކުރީ ދިރުމެއް ނެތް ސަގާފަތަކީ ކުރިއަރާނޭ ސަގާފަތެއް ނޫނެވެ. އިސްލާމީ ސަގާފަތަށް ދިރުން ގެންނަން ބޭނުންނަމަ، އިސްލާމް ދީން ހިމާޔަތް ކުރަން ބޭނުންނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މުސްލިމުންގެ ދީނީ ފިކުރު ތަރައްގީ ކުރުމެވެ. މި މަސައްކަތްކުރެއްވި ބައެއް ބޭފުޅުންގެ ފޮތްތަކުގެ ނަމަށް އެކަނި ނަޒަރު ހިންގާލިޔަސް މިކަން ފާހަގަ ކުރެވޭނެއެވެ. ދެ މިސާލެއް ލިޔެލާނަމެވެ. އެއް ފޮތަކީ އިމާމު އަލްޣަޒާލީ (އަވަހާރަވީ 1111މ. ގައި) ގެ އިހުޔާއު އުލޫމިއްދީން، މިފޮތެވެ. ފޮތުގެ ސުރުޚީ އަންގައިދެނީ ދީނީ ފިކުރު ގަނޑުވެ މަރުވެފައިވާކަމެވެ. އަދި އެކަމުގެ ސަބަބުން ދީން ހީނަރުވެފައިވާ ކަމެވެ. ދީން ‘އިހުޔާއުކުރަން’، ‘ދިރުވަން’ ޖެހޭނީ އެހެންވެފައި އޮތުމުންނޫން ހެއްޔެވެ! ދެން އައްލާމާ އިގުބާލުގެ (އަވަހާރަވީ 1938މ.ގައި) ‘ރިކޮންސްޓްރަކްޝަން އޮފް އިސްލާމިކެ ރެލިޖަސް ތޯޓް’ މި ފޮތެވެ. ދީނީ ފިކުރު އަލުން ބިނާކުރަން ޖެހޭނީ އެ ފިކުރު ‘ބާވެ ހަސްވެފައި’ އޮތީމަ ނޫންތޯއެވެ! މުސްލިމުން އިލްމީ ސަގާފީ ރޭހުގައި އެންމެ ފުލަށްދާން މެދުވެރިވީ މުސްލިމުންގެ އިސްލާމީ ސަގާފަތް ބާވެ ވީރާނާ ވެފައި އޮތުމުންނެވެ. މިއީ މިކަން އޮތް ގޮތެއް ނޫނޭ، ހަމަ ހުރިހާ ކަމެއްވެސް އޮތީ ފުރިހަމަ ކޮށޭ ބުނެ ނިންމާލެވިދާނެއެވެ. ނަމަވެސް، އެހެން ބުނުމަކުން މުސްލިމުންގެ އަދުގެ ހަގީގަތް – ހުރިހާ ރޮނގަކުން އެންމެ ފުލުގައި އޮތްކަން – ބަދަލެއް ނުވާނެއެވެ. މިކަން ބަދަލުވުން ގުޅިފައި އޮތީ ވިސްނާ ފިކުރުކުރުމާއެވެ. ދިރުން ލިބިގެންވި ސަގާފަތެއް އުފެއްދިގެންނެވެ. ދީނީ އިލްމުގެ ބޭފުޅުން، އަދި އިސްލާމް ދީނަށް ލޯބިކުރައްވާ ބޭފުޅުން، އަދި އިސްލާމް ދީން ހިމާޔަތް ކުރަން އެދޭ މީހުން ވެސް ކުރަންވީ ކަމަކީ މިއެވެ. ވިސްނާ ފިކުރުކުރުމުގެ ދީނީ ސަގާފަތެއް އުފެއްދުމެވެ.

ނިމުނީ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top