ފްލެޓްތައް ލިބެންވާނީ އެންމެ ބޭނުން ޖެހިފައިވާ މީހުންނަށް : އެމްޕީ.ސަލީމް

img_md_201906170210491560762649.0045.jpeg

މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު ސަލީމް / ފޮޓޯ: މަޖިލިސް

ފްލެޓްތައް ލިބެން ވާނީ އެންމެ ބޭނުން ޖެހިފައިވާ ދިވެހި ރައްޔިތުންނަށް ކަމަށާ އަމާޒަކަށް ވާންވީ އެންމެ ނިކަމެތި، އެންމެ ހާލުގައި އުޅޭ މީހުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމު ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީ އިން ހުށަހަޅާފައިވާ ޤަރާރަށް ބަހުސް ކުރައްވަމުންނެވެ.

ސަލީމު އިތުރަށް ވިދާޅުވީ ފްލެޓްތައް ނުވަތަ ގޯތިގެދޮރު ދިނުމުގައި ކަންކަން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކަމެއް ނޫން ކަމަށާ ވަކި އޮފީހަކަށް ނުވަތަ ސިފައިންނަށް ނުވަތަ ފުލުހުންނަށް ހާއްސަކޮށްގެން ފްލެޓް އަޅާއިރު އެއީ ވެސް ދިވެހި ރައްޔިތުންގެ ފައިސާ އިން އަޅާ ފްލެޓްތައް ކަމަށެވެ. އެހެންކަމުން އެ ފްލެޓްތައް ލިބެން ވާނީ އެންމެ ހާލުގައި އުޅޭ އެންމެ ނިކަމެތިންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަކީ އެންމެނަށް ވެސް ދިމާވެފައިވާ މައްސަލައެއް ކަމަށާއި އެމައްސަލަ ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރީ ސަރުކާރުން ހުރީ ގިނަ އިމާރާތްތަކެއް ކޮށްފައި ކަމަށާއި ދިހަވަރަކަށް އަހަރު ތެރޭގައި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ކުރީ ސަރުކާރުން އޮތީ ރާވަފައި ކަމަށެވެ. އެމަސައްކަތް މިސަރުކާރުން ވެސް ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ އަަހަރުގެ ބަޖެޓް 40 ބިލިއަން ރުފިޔާ އާއި ގާތް ކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު މީހުންގެ ނިސްބަތުން އެންމެ ބޮޑު އެއް ބަޖެޓެއް އޮންނަނީ ރާއްޖޭގައި ކަމަށެވެ.

ނަމަވެސް ބަދަލު ދިނުމަށާއި ވައްކަން ކުރުމަށް ކުރާ ހޭދައިގެ ސަބަބުން ބަޖެޓްގެ ބޭނުން އެދެވޭ ގޮތެއްގައި ނުހިފޭ ކަމަށް އޭނާ ވިދާޅުވިއެވެ.

“އުއްމީދު ކުރަން މިސަރުކާރުން އެފަދަ ކަންތައްތައް ނުކުރާނެ ކަމަށް. އެހެންނަމަވެސް އަދިވެސް ފެންނަމުން މިދަނީ ޖޫރިމަނާއޭ ކިޔާފައި ބޮޑެތި އަދަދުތަކުން ފައިސާތައް ދެމުން ގެންދާތަން. ވާގޮތެއް، ނުވާގޮތެއް ނޭނގޭ.”

އޭނާ ވިދާޅުވީ މިއަދު ވިޔަފާރިތައް ދަށްވެގެން ގޮސް ރައްޔިތުން ތިބީ ހަދާނެ ގޮތެއް ނޭނގިފައި ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top