ފައްޔާޒްގެ އިންޒާރު: ކެމްޕެއިނަށް ހުރަސް އަޅާނަމަ އިދިކޮޅަށް ކެމްޕޭން ނުކުރެވޭނެ

F2Tlez8a8AAavUm.jpg

އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް ތާ އަބަދަށް ހުރަސް އަޅާނަމަ އިދިކޮޅު ފަރާތްތަކަށް ރާއްޖޭގެ އެއްވެސް ރަށެއްގައި ކެމްޕޭން ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރޭ ފުވައްމުލަކުގައި ބޭއްވި “އުފާވެރި އަމާން ރާއްޖެ” ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ހިތްތިރި ބޭފުޅެއް ކަމަށާއި ނަމަވެސް އެމްޑީޕީގައި ދެން ތިބީ އެހާ ހިތްތިރި ބައެއް ނޫން ކަމަށެވެ.

”އަޅުގަނޑުމެންގެ ކެމްޕޭނަށް ތާ އަބަދު އެގޮތަށް ހުރަސް އަޅާކަމަށްވާނަމަ ދިވެހިރާއްޖޭގެ އެންމެ ރަށެއްގައި ވެސް އެ ބޭފުޅުންނަށް ކެމްޕެއިނެއް ނުކުރެވޭނެ،“ ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އިދިކޮޅުން އެފަދަ ކަންކަން މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށާއި އެމްޑީޕީގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ބަދަލުގައި ކެންޑިޑޭޓެއް ދެއްކޭތޯ ބެލުން އިދިކޮޅަށް މާ މުހިއްމު ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރައްވަނީ ރައީސް ސޯލިހާ ވާދަ ކުރައްވާނެ ކެނޑިޑޭޓޭއް، އަދި އިންތިޚާބުގައިވެސް ވާދަ ކުރައްވާނެ ކެނޑިޑޭޓެއް ނެރުމުގެ ގާބިލު ކަމެއް ނެތުމުން ދައްކަވާ މަންޒަރެއް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒު މިހެން ވިދާޅުވި އިރު ރައީސް ސޯލިހު މިއަދު ހަވީރު ފުވައްމުލަކަށް ވަޑައިގެންނެވި ވަގުތު އެއާޕޯޓު ސަރަހައްދަށް ޕީޕީއެމްގެ ސަޕޯޓަރުންތަކެއް އެއްވެ ވަނީ ޖަލަށްލާފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރަން ގޮވާލައިފަ އެވެ. އެއާޕޯޓު ސަރަހައްދަށް އެއްވެ ތިބި އާންމުންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގިއިރު އެ ސަރަހައްދުން ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top