ރާއްޖެއަށް ފިޔާލިބުން ދަތިވެ މާލޭ ބާޒާރުގައި ފިޔާގެ އަގު އަތްނުފޯރާ ހިސާބަށް ހިނގައްޖެއެވެ.
މާލޭ ބާޒާރުމަތީ ސަރަހައްދުގައި ހޯލްސޭލްކޮށް މި ވިޔަފާރި ކުރާ ބައެއް މީހުންނާ ގުޅާލުމުން އެ މީހުން ބުނީ ފިޔާ ލިބުމުގައި ކޮންމެ ވެސް ވަރަކަށް ދަތިވެފައިވާ ކަމަށެވެ. އަދި ބާޒާރުގައި ވިއްކަން ހުރި ސްޓޮކް ވެސް މަދުވެފައިވާ ކަމަށާއި ބައެއް ހޯލްސޭލް ފިހާރަތަކުގައި ސްޓޮކް އެއްކޮށް ހުސްވެފައިވާ ކަމަށް ވެސް ބުންޏެވެ.
މީގެ ކުރިން ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގުހުރީ 200 ރުފިޔާއާ 350 ރުފިޔާއާ ދެމެދުގައެވެ.
ނަމަވެސް މިހާރު 500 ރުފިޔާއަށް ވެސް ބައެއް ފިހާރަތަކުން އަގު ބޮޑުކޮށްފައިވާއިރު، ގިނަ ފިހާރަތަކުގައި ފިޔާ ވިއްކަނީ 800 ރުފިޔާއާއި 900 ރުފިޔާއާ ދެމެދުގެ ބޮޑު އަގެއްގައެވެ.
”މިހާރު ގިނަ ފިހާރަތަކުން ލިބެނީ -/500ރ އަށް ބަސްތާއެއް ނޫނީ އެއަށް ވުރެ އަގު ބޮޑު. ސަޕްލައި އިތުރު ނުވަންޏާ -/1000ރ އަށް އަރާނެކަމަށް މިބަލަނީ މިހަފްތާ ބަންދަށް“ މާލޭ ބާޒާރުގައި ހޯލްސޭލް ފިހާރައެއްހިންގާ ވިޔަފާރިވެރިއަކު މަޢުލޫމާތު ދިނެވެ.
ކުރީގެ އަގުތަކަށްވުރެ މިހާރުގެ އަގު ތިން ގުނަ ބޮޑުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ވިޔަފާރިވެރިން ފާހަގަކުރަނީ އިންޑިއާއިން އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓްކުރުން ވަގުތީ ގޮތުން ހުއްޓައިލުމެވެ.
ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރަނީ އިންޑިއާއިންނެވެ. ނަމަވެސް އެ ގައުމުންވަނީ ވަކި ގައުމެއް އިސްތިސްނާ ކުރުމެއް ނެތި، އެއްވެސް ގައުމަކަށް ފިޔާ އެކްސްޕޯޓްކުރުން އަންނަ މާޗު މަހުގެ ނިޔަލަށް ހުއްޓާލައިފައެވެ.
އެއާއެކު މިހާރު ރާއްޖޭގެ ބާޒާރުގައި ލިބެން ހުރީ ޕާކިސްތާނުން އެތެރެކުރާ ފިޔައާއި، މަދުމަދުން ޗައިނާއިން އެތެރެކުރާ ފިޔައެވެ.
ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފިޔާ ލިބުން ދަތިވާނެކަމަށް އަންދާޒާ ކޮށް އެ ގައުމުތަކުން އެތެރެކުރާ ފިޔަލުގެ އަގު ވެސް ކޮންމެވެސް މިންވަރަކަށް ވަނީ މަތިވެފައެވެ.
ފިޔާގެ އަގު އުފުލިފައިވާއިރު އިންޑިއާއިން ފިޔާ އެކްސްޕޯޓް ހުއްޓައިލި ނަމަވެސް ދިވެހިން ކަންބޮޑުވާން ނުޖެހޭނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ވަކިވަކި ގައުމުތަކުގެ އެކްސްޕޯޓް ސިޔާސަތަށް ބަދަލު ގެނައުމަކީ އެކި ދުވަސްވަރު ކަން ހިނގާ ގޮތް ކަމަށެވެ. ނަމަވެސް، ރާއްޖެއާއެކު ވިޔަފާރިކުރާ އެކުވެރި ގައުމުތަކުން ރާއްޖެއަށް އަބަދުވެސް އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.