ތުޅާދޫ ސްކޫލްގައި ހުރި ގަހެއްގެ ސަބަބުން ދަރިވަރުން ހޭނެތޭކަމަށްބުނާ މައްސަލަ ހައްލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް މައްސަލަ ހައްލު ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ “ސަން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުދިން ހޭނެތޭ މައްސަލަ މިހާރު ހައްލުކޮށް މިހާރު އެ ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ކައުންސިލިން ދެމުންގެންދާ ކަމަށެވެ.
“ތުޅާދޫ ސްކޫލުގައި މިވަގުތު ތިބި ހާއްސަ ޓީޗަރުން މެދުވެރިކޮށް ކައުންސިލިން ދެމުންގެންދަނީ. ދެން އެ ދަރިވަރުންނަށް ބޭނުންވާ އިތުރު ފަރުވާފަދަ ކަންތައްތައް ބަލައި އެކަމުގެ އިންތިޒާމްތައްވެސް މިހާރު ރާވަމުން ދަނީ” އަހުމަދު ވިދާޅުވިއެވެ.
ތުޅާދޫގެ ބެލެނިވެރިން ބުނާގޮތުގައި 19 އަހަރު ކުރިން ފެށިގެން އެ ސްކޫލްގެ ގޯތީގައި ހުންނަ ގަހެއްގެ ސަބަބުން ކުދިންނަށް ނޭދެވޭ ރޫހާނީ ކަންތައްތަކާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. އެއީ ޖިންނި ޝައިތާނުންގެ އުނދަގޫތައް ދިމާވެގެންވާކަމެއް ކަމަށާ އެހެން ދިމާވަނީ އެ ސްކޫލުގައި ހުންނަ ނިކަގަހަކުން ކަމަށް ބުނެ އެ ގަސް ކަނޑާލުމަށް ވެސް ބެލެެނިވެރިންވަނީ އެދިފައެވެ. އެ މައްސަލައިގައި ބެލެނިވެރިން ކުރިން ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.
ތުޅާދޫއިން ވާހަކަދެއްކި ބައެއް މީހުން މީގެ ކުރިން ބުނީ ހޭނެތުމުގެ މައްސަލަ ދިމާވާ 12 ވަރަަކަށް ދަރިވަރުން އުޅޭ ކަމަށާއި އަދި ބައެއް ދަރިވަރުން ރުގްޔާ ކުރުމުން ރަނގަޅުވެފައިވާ ކަމަށެވެ.