ނަރުގިސް ފަޚްރީގެ އާވާހަކަ ތަކެއް

896260-actresshdwallpapers-1433236417-269-640x480.jpg

ނަރުގިސް ފަޚްރީ

ބޮލީވުޑްގެ ފިލްމް ”ރޮކްސްޓާރ” އިން ހިންދީ ފިލްމީ ދޮރާށިން އެތެރެވި ޕާކިސްތާނުގެ ބައްޕައަކަށް އުފަން އެމެރިކާގެ ރައްވެއްސެއްކަމުގައިވާ 36 އަހަރުގެ ނަރުގިސް ފަޚްރީ ކުއްލިއަކަށް އިންޑިއާ ދޫކޮށް އެމެރިކާ އަށް އެއްކޮށް ބަދަލުވުި ވާހަކަ ވީ އޭނާގެ ފޭނުންނަށާއި ބޮލީވުޑަށް ލިބުނު ކުއްލި ސިހުމަކަށެވެ.

އޭނާގެ ފަހުގެ ދެފިލްމްކަމުގައިވާ ހައުސްފުލް 3 އާއި ޑިޝޫމް ރިލީޒްވި ތަނާހެން އެ ދެފިލްމްގެ ޕްރޮމޯޝަންގައި ބައިވެރި ނުވެ އިންޑިއާ ދޫކޮށް ދިއުމުގައި މީޑިއާތަކުން  ޚަބަރުފެތުރީ އެކިގޮތަށެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ނަރުގިސް  އިންޑިއާ ދޫކޮށްލީ އޭނާގެ ދުވަސްވީ ލޯބިވެރިޔާ އަދިތުޔާ ޗޯޕްރާ ރުޅިވުމުން އެކަމާހިތްހަލާކުވެގެންނެވެ. އަނެއްބަޔަކު ބުނީ އޭނާއާ އަދިތުޔާ ގެ ގުޅުން ކައިވެންޏާ ހަމައަށް ގެނައުމަށް ނަރުގިސް އެދުމުން އެކަމާ އަދިތުޔާ އެއްބަސް ނުވުމުން ލިބުނު ހިތްދަތިކަމުގައި އިންޑިއާއަށް މުޅިން އަލްވަދާއު ކީ ކަމުގައެވެ.  މިއިން އެއްވެސް ވާހަކައަކަށް ރައްދުނުދީ ހުރުމަށްފަހު ދުވަސްތަކެއްގެ ފަހުން އޭނާ ވަނީ އެމެރިކާ އަށް ދާން ޖެހުނު ސަބަބު އިންޑިއަން އެކްސްޕްރެސް އަށް ދިން ބަސްދީގަތުމެއްގައި ކިޔާދީފައެވެ.

އޭނާބުނީ އެމެރިކާއަށް އައީ އެނބުރި އިންޑިއާއަށް ނުދާގޮތަކަށް ނޫން ކަމަށާއި އިންޑިއާ އަށް ގޮސް އޭނާގެ ނުނިމި އޮތް ފިލްމް ބަންޖޯގެ މަސައްކަތް ކުރިއަށް ގެންދާނެކަމުގައެވެ. އަދި ބުނީ ބަންޖޯއަކީ ލޯބީގެ ރީތި ފިލްމަކަށް ވާނެކަމަށާއި އެފިލްމްގެ ވާހަކަވެސް ވަރަށް ރީތިކަމުގައެވެ.

ނަރުގިސް ބުނީ އޭނާއެމެރިކާ އަށް ކުއްލިއަކަށް ދާން ޖެހުނީ ސިއްހީ ގޮތުން ދިމާވި ގޮތްނޭގޭ ބައްޔެއްގެ ސަބަބުންކަމުގައެވެ. ” އެކަކަށްވެސް ނޭނގުނު އަހަރެންނަށް ދިމާވެފައިވަނީ ކޮން ކަމެއްކަން ބުނެދޭކަށް. އެހެންވެ އަހަރެންގެ މައިން ބަފައިންގެ ގާތަށް އެމެރިކާއަށް އައީ. ޑޮކްޓަރަށް ދެއްކުމުން ބުނީ އަހަރެންގެ ހަށިގަނޑުގައި އާސެނިކް އަދި ލެޑް ވިހަ ހުރިކަމަށާ އެއީ ކާނާގެ ސަބަބުން ކަމަށް ވެދާނޭ ކަމަށާއި ނުވަތަ ހިރަފުހާއި ދުމުގެ ސަބަބުން އަދި ޒަމާންވީ މުސްކުޅި އިމާރާތްތަކުގައި ހުންނަ ބާ ހޮޅިތަކުން އަންނަ ފެނުން އާސެނިކް އަދި ލެޑް ވިހަ ވުމަކީ ވެދާނެކަމެއްކަމުގައި.”

ނަރުގިސް ބުނިގޮތުގައި ޓެސްޓްތަކުން ދެއްކީ ހައިލެވެލްގައި އަހަރެންގެ ހަށިގަނޑުގައި ވިހައިގެ އަސަރު ހުރިކަމަށާ ޑޮކްޓަރވެސް މިކަމާ ހައިރާންވެ ކަންބޮޑުވިކަމުގައެވެ.

ނަމަވެސް އެކަމުގައި ޑޮކްޓަރީ ބޭހަށް ބަރޯސާ ވުމުގެ ބަދަލުގައި އޭނާ ބޭނުންކުރީ ހަކީމީ ބޭސްވެރިކަމެވެ. ހަމަސްދުވަސްވަންދެން މެދު ނުކެނޑި ހަކީމީ ފަރުވާ ހޯދުމަށްފަހު އަލުން ޓެސްޓްތައް ހެދުމުން މިހާރު އޭނާގެ ހާލު މުޅިން ރަނގަޅެވެ.

މިކަހަލަ ބައްޔަކަށް ހަކީމީ ބޭސް ބޭނުންކުރަންޖެހުނު ގޮތް ކިޔައިދެމުން އޭނާ ބުނީ އޭނާގެ މަންމަ އަކީ އުރަމަތީ  ކެންސަރުގެ ޝިކާރައަކަށް ވީ މީހެއްކަމަށާ ޑޮކްޓަރުން މަންމައަށްލަފާ ދީފައިވަނީ އެބައި އެއްކޮށް ނެގުމަށް ކަމަށް ވިޔަސް މަންމަ ޚިޔާރުކުރީ ހަކީމީ ބޭސް ބޭސްކަމުގައެވެ. އެހެންވެ ހަމަސްދުވަހު ހަކީމީ ބޭސް ބޭނުން ކުރުމަށްފަހު ޓެސްތްތައް ހެދުމުން މަންމަގެ ބަލި މުޅިން ރަނގަޅުވެ މިހާރުވެސް މަންމަ ހުރީ ގަދަވެ ސަލާމަތުން ކަމުގައެވެ.

މި ބަސްދީ ގަތުމުގައި އޭނާވަނީ ކައިވެންޏާބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ. ނަރުގިސް ބުނީ އޭނާއަށް ފެންނަނީ ކައިވެނިކޮށްގެން އުޅޭ މީހުން ވަރިވާ ތަނާއި އިނދެގެން އުޅެމުންވެސް ބޭވަފާތެރިވާތަން ކަމުގައެވެ. އެހެންވީމާ ކައިވެނި ކުރަން ޖެހިލުން ވާކަމަށާ އޭނާ ދެކޭގޮތުގައި ކައިވެންޏަކީ ހަމައެކަނި ޖަހާލެވޭ  ލޭބަލްއެއް ނުވަތަ އެއީ މީހެއްގެ މުދާ ދެބަޔަށް ބަހާލުމުގެ ބޭނުމުގައި ކުރާ ކަމެއްގެ ގޮތުގައެވެ. “އަހަރެންގެ އަތުގައި މުދާ އެބަހުރި. އަހަންނަކީ މިނިވަނެއް. ކިޔަވައިގެން އިން އަންހެނެއް. ފައިސާ ހޯދޭނެ މަގުތައް އެބަހުރި. އަހަރެން ބޭނުން ކޮންމެ ކަމެއް ކުރުމަށް ހުރަހެއް ނެތް. އެކަމަށް ހުއްދަ ނަގަންޖެހޭ އެއްވެސް ފަރާތެއް ނެތްކަން އެއީ ދިރިއުޅުމުގެ އެންމެ މުހިއްމު ބައި ކަމަށް ބަލަނީ . އިތުރަށް އޮތްހާވެސް ކަމަކީ މަންމަ ބެލެެހެއްޓުން.” ނަރުގިސްގެ ޚިޔާލަކީ މިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top