އެހެން ދީންތަކުގެ ގޮތްތައް ކޮޕީނުކުރަން އީދު ޚުތުބާގައި ގޮވާލައްވައިފި

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

މުސްލިމުން އީދު ފާހަގަކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރިންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ ކަމަށް މިއަދުގެ އީދު ޚުތުބާގައި ބުނެފި އެވެ.

އީދު ޚުތުބާގައި އިތުރަށް ބުނީ، މާތް ނަބިއްޔާގެ އިރުޝާދުގައި ވާގޮތަށް މުސްލިމުން އުފާ ފާޅުކުރާއިރު އިސްލާމްދީނުގެ އުސޫލުތަކަށް ތަބާވަން ޖެހޭ ކަމަށެވެ. އަދި އަލްހާ އީދު ދުވަހަކީ މީސްތަކުން ﷲ އަށްޓަކައި ގުރުބާން ކުރާ ދުވަސް ކަމަށާއި މި މަތިވެރި އަލްހާ އީދު ދުވަހުގައި މުސްލިމުން ކުރާ ގުރުބާންތައް އާ ކޮށްދެނީ އިބްރާހީމް އަލައިހިއްސަލާމުގެ ޒިކުރާ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

ގައުމަކަށް ލިބޭ އެންމެ ބޮޑު ނިއުމަތަކީ އެ ގައުމެއްގެ އަހުލުވެރިންނަކީ މާތް ﷲ އެއްކައުވަންތަ ކޮށް އާޚިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުން ކަން ޚުތުބާގައި ވަނީ ހަނދާން ކޮށްދީފަ އެވެ. އަދި ގައުމަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިއުމަތަކީ އެ ގައުމުގެ އަހުލުވެރިންނަކީ އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށްވުން ކަމަށެވެ.

ހައްޖުގެ މަތިވެރި އަޅުކަމުގައި އިއްޔެ އަރަފާތު ބިމުގައި ފެނުނު މަންޒަރަށް އިޝާރާތްކޮށް ޚުތުބާގައި ބުނީ އެތައް މިލިއަން މުސްލިމުން އެއް ފޭރާމެއްގައި އެއް ބިމަކަށް އެއްވިއިރު އިއްޒަތްތެރިއެއް ނިކަމެއްޗެއް، ފަގީރެއް މުއްސަންޖެއް، ވެރިއެއް އަދި ރައްޔިތެއްގެ މެދުގައި ތަފާތެއް ނެތް ކަމަށެވެ.

އެހެންކަމުން ހައްޖު ދުވަހު އަރަފާތުބިމުގައި ފެނިގެންދިޔަ މަތިވެރި މަންޒަރުތައް ހަނދާންކޮށް އިބުރަތް ހާސިލު ކުރުމަށްވެސް ގޮވާލައިފައިވެ އެވެ.

ޚުތުބާގައި ވަނީ އިސްލާމީ އުންމަތް ބިނާކުރުމަށާއި އިލްމާއި ތައުލީމު ކުރިއެރުވުމުގައި ކުރިއަރައިދިއުމަށް މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ. އަދި މާތް الله އާއި ކީރިތި ރަސޫލާގެ އަދުއްވުން, އިސްލާމް ދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް އެއްބައިވަންތަކަމާއެކު ކުރިމަތިލުމަށް ވެސް ގޮވާލިއެވެ.

އިސްލާމްދީނަކީ އިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް މިއަދު ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ކަން ބަޔާން ކޮށްދެމުން ޚުތުބާގައި ބުނީ އެކަން އެންމެ ބޮޑަށް ދޭހަކޮށްދެނީ ފަލަސްތީނުގެ ރަފާހަ އާއި ގާޒާ އާއި އެހެން ބިންތަކަށް ސަހްޔޫނީން ވެރިވެފައި ވިޔަސް މި ބޮޑު އުންމަތަށް އެމީހުން ހިމާޔަތްކުރަން ނުކުޅެދިފައިވުން ކަމަށެވެ. އެހެންވެ، މިފަދަ މަތިވެރި ދުވަހެއްގައި އުއްމަތް ބިނާކުރުމަށް އަޒުމު ކަނޑައެޅުމަށް މިއަދުގެ އީދު ޚުތުބާގައި ވަނީ ގޮވާލައްވާފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top