އީދު ދަތުރުތަކަށް ބާރު ބޮޑުވެއްޖެ

DSCN6122.jpg

އޭދަފުށީގެ ބަނދަރުމަތި

މިއަހަރުގެ އީދު ޗުއްޓީއަށް ނުވަދުވަސް ލިބުމާއެކު އޭދަފުއްޓާ މާލެއާ ދެމެދު ދަތުރުކުރާ ހައިސްޕީޑް ލޯންޗް ފެރީތަކަށާއި ވައިގެ މަގުން މާލެއިން ދަރަވަންދޫ އަށް ދަތުރުކުރާ ފްލައިޓްތަކަށް ބާރު ބޮޑުވެއްޖެ އެވެ.

ހަފްތާއަކު ތިން ދުވަހު އޭދަފުއްޓާ މާލެއާ ދެމެދު މިހާރުވެސް ދަތުރު ކުރަމުން އަންނަ އެޓޮލް ކިއުޓް ފެރީ ސަރވިސް އާއި އާއި ސޭލަމް ގެ އިތުރުން ޔޫސުފް އެކްސްޕްރެސް ގެ 50 ޖާގައިގެ ލޯންޗު ފަހަރުގެ  ދަތުރު ތަކަށްވެސް މިހާރު ވަނީ ވަރަށް ބާރު ބޮޑުވެފައި ކަމަށް އެފަރާތް ތަކުން ބުނެއެވެ.

މާލެއާއި ދަރަވަންދޫ އާ ދެމެދު ވައިގެ މަގުން ދުވާލަކު ފަނަރަ ވަރަކަށް ފްލައިޓް ދަތުރުކުރަމުން އަންނަ ކަމަށް ދަރަވަންދޫ އެއަރޕޯޓްގެ މެނޭޖަރ ނާޒިމް އަބްދުއްސައްތާރު ވިދާޅުވިއެވެ.

އީދާ ގުޅިގެން މޯލްޑިވިއަންގެ މި ސެކްޓަރގެ ދަތުރުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މިމަހުގެ 16 އިން ފެށިގެން 23 އާ ހަމައަށް މޯލްޑިވިއަންގެ ހުރިހާ ޖާގައެއްވެސް މިހާރު ވަނީ ފުލްވެފައި ކަމުގައެވެ.

ފްލައިމީ އިން ބުނީ އީދުގެ ދުވަސް ވަރު އެ އެއަރލައިންވެސް ވަރަށް ބާރު ބޮޑުކަމަށާއި އަގު ހެޔޮ ފެއަރ ވިކި ހުސްވެފައިވާ ކަމުގައެވެ.

“ވަރަށް ބާރު ބޮޑުކޮށް އުޅެނީ. މަދު ޖާގަ އެއް އުޅެނީ .އެވެސް އަގު ހެޔޮ ފެއަރ އެއް ނޫން. ” ފްލައި މީގެ އޭދަފުށީ އެޖެންޓް ކަން ކުރަމުން އަންނަ ފަރާތުން މައުލޫމާތު ދިނެވެ.

ސްޕީޑް ލޯންޗް ފެރީގެ ދަތުރުތަކަށް ބާރު ބޮޑުވުމުން މިހާރުވަނީ އަންނަ 16 އިން ފެށިގެން 20 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު މާލެއާ އޭދަފުއްޓާ ދެމެދު ދެ ދަތުރުކުރާ ގޮތަށް ހަމަޖައްސާ ފައެވެ.

މާލެއާ އޭދަފުއްޓާ ދެމެދުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 450 ރުފިޔާ ކަމަށް ވާއިރު މިއަގަކީ އީދު ނޫން ދުވަސްވަރު ޓިކެޓް ވިއްކާވަރަށް ވުރެ 100ރުފިޔާ ބޮޑު އަގެކެވެ.

ލޯންޗް ފެރީ ތަކުގެ ދަތުރުތަކަށް ބަލާލާއިރުވެސް ހައްޖު ދުވަހާއި އީދު ދުވަހުގެ ހުރިހާ ޓިކެޓް ވެސް މިހާރުވަނީ ވިކިފައި ކަމަށާ ވަޅު އީދު ދުވަހުގެ ޓިކެޓް މަދު އަދަދަކަށް އެބަހުރިކަމަށް އެފަރާތްތަކުން މައުލޫމާތު ދިނެވެ.

މިއަހަރުގެ އީދު ބަންދަށް ނުވަ ދުވަސް ލިބޭއިރު އީދު ބަންދަށް ފަހު ސަރުކާރު ހުޅުވޭނީ މި މަހުގެ 26ވާ އާދިއްތަ ދުވަހު އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top