އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި، ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ ”އަތޮޅު އޮފީހެއް“

Screenshot-2026-05-18-064457.png

ރައީސް މުޢިއްޒު ށ.އަތޮޅު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކު އަތޮޅު ކައުންސިލްތައް އުވާލުމަށް ފަހު، އޭގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީހެއް ހަދަން ނިންމައިފިއެވެ.

ރައީސް އޮފީހުން އިއްޔެ ވަނީ، އުވާލި އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ހެދުމަށް އެ އޮތޯރިޓީއަށް އަންގާފައެވެ.

ރައީސް އޮފީހުން އެލްޖީއޭއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭގެ ޚިދުމަތްތައް ދިނުމަށް ގާއިމްކުރާ އޮފީސްތަކަކީ ސަރުކާރުގެ ވަކި އިދާރާއެއްގެ ގޮތުގައި ގާއިމްކުރާ ތަންތަނަށް ނުވާތީ، އެ ތަންތަނަށް ތަފާތު ވަކި ނަމެއް ހަމަޖެއްސުމުގެ ބަދަލުގައި އެ ތަންތަނަށް ބޭނުންކުރުމަށް ފެނިވަޑައިގަންނަވާ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.

އެގޮތުން ނަމަކީ “ލޯކަލް ގަވަމަންޓް އޮތޯރިޓީ – (އަތޮޅު) އޮފީސް” ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ. މިސާލެއްގެ ގޮތުގައި ލިޔެފައިވަނީ “ލޯކަލް ގަވަމަންޓް އޮތޯރިޓީ – ބ. އަތޮޅު އޮފީސް” މިފަދައިންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު، އަތޮޅު ކައުންސިލްތައް އުވޭ ހިސާބުން ދެން ރައްޔިތުންނަށް ޚިދުމަތްދޭން އެ ތަންތަނުގައި ގާއިމުކުރާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އޮފީސްތައް ކަމަށާއި، ބްލޮކް ގްރާންޓްގެ ގޮތުގައި އިތުރުވާ ފައިސާ ބަހާނީ ކައުންސިލްތަކުގެ މެދުގައި ކަމަށް ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވެސް ވިދާޅުވެފައިވެއެވެ.

މި ބަދަލާ ގުޅިގެން އަތޮޅު ކައުންސިލްތަކުގައި މިހާރު ތިބި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަށް ކަންކަން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިރުޝާދު ދެއްވާފައެވެ.

މުވައްޒަފުންގެ ވަޒީފާގެ ކަންކަން ހަމަޖައްސާނީ މިހާރު ލިބޭ މުސާރަ އާއި އިނާޔަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިންކަމަށް އެ ސިޓީގައި ބުނެފައިވާއިރު، އަތޮޅު ކައުންސިލްތަކުގެ މުވައްޒަފުން އައު އޮފީސްތަކަށް ބަދަލުވާއިރު، އެ މީހުންގެ މާލީ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެންޕޭންގައި ވެސް، ޚަރަދު ކުޑަކުރުމުގެ ގޮތުން އަތޮޅު ކައުންސިލްތައް އުވާލައްވާ، ކައުންސިލަރުންގެ އަދަދު ކުޑަކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިދިޔަ އަހަރު ވަނީ މިފަދައިން އަތޮޅު ކައުންސިލްތައް އުވާލުމަށާއި، ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްފައެވެ.

އެހެންކަމުން މިހާރު ތިބި އަތޮޅު ކައުންސިލަރުންގެ ދައުރު މިއަދަށް ހަމަވުމާއިއެކު އަތޮޅު ކައުންސިލްތައް ވަނީ އުވިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top