20 ދިވެހިން 29ކުންފުނި ، އެމެރިކާގެ ބްލެކް ލިސްޓަށް

bmn.jpg

މިދިޔަ އަހަރު އައްޑޫގައި ބޮމެއް ގޮއްވާލަން އުޅުނު މައްސަލައެއްގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ/ އައްޑޫ ލައިވް

ބޭރުގެ ބޮޑެތި ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، ފައިނޭންސް ކުރާކަމުގެ ތުހުމަތުގައި 20 ދިވެއްސަކާއި 29 ދިވެހި ކުންފުންޏަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

މި މީހުންނާއި ކުންފުނިތަކަށް ތުހުމަތުކުރަނީ އައިސިސް އާއި އަލްގައިދާ ފަދަ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކަށް ފައިސާގެ ގޮތުން އެހީވެދީ ޓެރަރިސްޓުންނަށް ހިތްވަރުދޭ ކަމަށެވެ. އަދި ބޭރު ގައުމުތަކަށް ދިވެހިން ހަނގުރާމައަށް ފޮނުވާ ކަމުގެ ތުހުމަތާއި ހަރުކަށި ފިކުރަށް މީހުން އަނބުރާލާ ކަމަށްވެސް ބައެއް މީހުންނަށް ތުހުމަތުކޮށްފައިވެ އެވެ.

އެމެރިކާ އިން ތުހުމަތުކުރާ ބައެއް މީހުންނަކީ ދިވެހި ދައުލަތުގެ ބައެއް އިދާރާތަކުން ވެސް އެމީހުންނަށް ބޮޑެތި ތުހުމަތުކޮށް އެކި ކުށްތަކުގައި ހައްޔަރުކޮށްފައި މީހުންނެވެ. އެގޮތުން މާލެއާއި އައްޑޫގައި ގޭންގްތަކަށް ނިސްބަތްވާ މީހުންވެސް މީގެތެރޭގައި ހިމެނެ އެވެ.

ދިވެހި ފުލުހުން ޓެރަރިސްޓެއްގެ ގޮތުގައި ދެކޭ ފުވައްމުލަކަށް ނިސްބަތްވާ މުހައްމަދު އަމީނާއި އޭނާއާ ގުޅުން ހުރި ކަމަށް ބުނާ ކުންފުނިތަކެއް ވެސް ފިޔަވަޅު އަޅާ ކުންފުނިތަކުގެ ތެރޭގައި ހިމެނެ އެވެ. އަމީންއާ ގުޅުން އޮންނާތީ 12 މީހަކަށާއި 10 ކުންފުންޏަކަށްވެސް ފިޔަވަޅު އަޅަން ނިންމާފައިވެ އެވެ.

އައްޑޫގައި ޓެރަރިޒަމްގެ ހަމަލާތަކެއް ދިނުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާ ކަމަށް ބުނާ ބައެއްގެ މައުލޫމާތުވެސް އޯފެކް އިން ފިޔަވަޅު އަޅާ މީހުންގެ ތެރޭގައި ހިމެނެ އެވެ. މި މީހުންގެ މައްޗަށް ޓެރަރިޒަމާ ގުޅުންހުރި ހަރަކާތްތައް ހިންގާކަމާއި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުކޮށްފައިވެ އެވެ. އެހެންވެ މި މީހުންނާ ގުޅުންހުރި ކުންފުނިތަކަކަށް ވެސް ފިޔަވަޅު އަޅަން ނިންމާފައިވެ އެވެ. އައްޑޫން ތުހުމަތުކުރާ މީހުންނަކީ މުހައްމަދު ނައުޝާދު ޝަރީފާއި، ފާރިސް މުހައްމަދު ދީދީ އާއި، މުހައްމަދު ތަސްލީމާއި، ޖިނާއު ނަސީމުގެ އިތުރުން އަލީ ނިހާދު އެވެ.

ޑިޕާޓްމަންޓް އޮފް ޓްރެޝަރީން ވަނީ އަލީ ޝިޔާމު ކިޔާ ދިވެހި ވިޔަފާރިވެރިޔަކާއި އައްޑޫގައި ބައެއް ވިޔަފާރިތައް ކުރާ އަހުމަދު އަގްލީލަކީ ވެސް އަލްގައިދާ ޖަމާއަތަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މީހުން ކަމަށް ކަނޑައަޅައި އެ މީހުންގެ ބައިވެރިވުން އޮތް ކުންފުނިތަކަށްވެސް ފިޔަވަޅު އެޅުމަށް ނިންމާފަ އެވެ.

މީގެއިތުރުން މާލޭގެ ހެންވޭރަށް ނިސްބަތްވާ ގޭންގެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު އޮންނަ ތިން ބެއިން ކަމަށްވާ އިބްރާހިމް އަލީފް ރައޫފާއި، އަހްމަދު އާލިފް ރައޫފްގެ އިތުރުން މުހައްމަދު އިންތިފް ރައޫފް އަކީ ވެސް އައިސިސްއަށް މާލީ ގޮތުން އެހީވާ އަދި ހަނގުރާމަތަކަށް މީހުން ފޮނުވާ ބައެއް ކަމަށް ކަނޑައަޅާފައިވެ އެވެ. އެހެންވެ މި މީހުންގެ ހިއްސާ އޮންނަ ކުންފުނިތަކަކަށްވެސް ފިޔަވަޅު އެޅުމަށް ނިންމާފައިވެ އެވެ.

އެމެރިކާއިން އެޅި މި ފިޔަވަޅުގެ ސަބަބުން، އެމެރިކާގައި ނުވަތަ އެމެރިކާގެ ބައެއްގެ ބާރުފޯރާ ހިސާބުގައި ހުރި، މި ލިސްޓުގައި ހިމެނޭ މީހެއްގެ މުދަލެއް ބޭނުންކުރުން ހުއްޓުވާނެއެވެ. އަދި އެއިން މީހަކު ސީދާ ހިއްސާވާ ނުވަތަ 50 ޕަސެންޓަށް ވުރެ މަތީ މިންވަރެއްގެ ހިއްސާ އޮންނަ ކުންފުނިތަކުގެ މުދަލެއްވެސް ބޭނުންކުރުން ހުއްޓުވާނެއެވެ.

އޭގެ އިތުރުން ލިސްޓުގައި ހިމެނޭ ފަރާތްތަކާ އެކު އެއްވެސް ކަހަލަ މުއާމަލާތެއް ހިންގުންވެސް މަނާވާނެއެވެ.

އެމެރިކާ އިން އާންމުކުރި ލިސްޓާ ގުޅިގެން ދިވެހި ސަރުކާރާއި ކަމާގުޅޭ އެއްވެސް އިދާރާއަކުން މިކަމާ ބެހޭ އަދި ވަކި އެއްޗެއް ނުބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top