ފާއިތުވި ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތުގެ އަގު 2.5 އިން ސައްތައަށް އުފުލިފައިވާކަމަށް ވާ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.
އެމްއެމްއޭ އިން މަހުން މަހަށްނެރޭ ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރު ފެށުނު އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 0.2 ޕަސެންޓުގައެވެ. އަދި މިދިޔަ މަހާ ހަމަޔަށް އިންފްލޭޝަން ރޭޓް ހުރީ 1.1 ޕަސެންޓުގައެވެ. ނަމަވެސް މިދިޔަ މަސް ނިމުނުއިރު އިންފްލޭޝަން ވަނީ 2.5 އަށް މަތިވެފައެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މާލޭގެ އިންފްލޭޝަން ރޭޓު މިދިޔަ މަހުގެ ނިޔަލަށް 2.8 އިންސައްތަ އަށް އުފުލިފައިވާ އިރު އަތޮޅުތަކުގެ ރޭޓް ވަނީ 2.1 އަށް އުފުލިފައެވެ. މެއި މަހު މުޅިރާއްޖެއިން އަގު އުފުލުނު މުދަލުގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތަކުން ފަސް އިންސައްތައަށް އުފުލިފައިވެއެވެ. މަހުގެ ބާވަތްތަކުން 3.7 އިންސައްތަ އަގު އުުފުލިފައިވާއިރު ގޭގައި ބޭނުންކުރާ ހަރުމުދަލުން 3.1 އިންސައްތައަށް ވަނީ އުފުލިފައެވެ. މީގެ އިތުރުން ދަތުރު ފަތުރުގެ އަގުތައްވެސް ވަނީ 5.7 އިންސައްތަ އަށް އުފުލިފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން އަންނަ އިރު މި އަހަރު ރާއްޖޭގެ އިންފްލޭޝަން ތިން ޕަސެންޓަށް އަރާނެ ކަމަށް އެމްއެމްއޭ އިން ކުރިންވެސް ވަނީ ލަފާކޮށްފައެވެ. އަދި އިންފްލޭޝަންގެ ސަބަބުން ތަކެތި އިމްޕޯޓް ކުރުމަށް ހިނގާ ހަރަދު ބޮޑުވެ ރާއްޖޭގެ ގައުމީ ރިޒާވް ދަށްވާނެ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ލަފާކޮށްފައެވެ.