ހަވާގެ ރީތި ކުލަތަކުން އޭދަފުށީގައި އީދު ކުޅިވަރު ފަށައިފި

DSCN0482.jpg

އޭދަފުށީގައި މީގެ ކުރިން ހަވާއެރުވި ރެއެއްގައި، ކުޅިވަރު ބެލުމަށް ހިއްކިބިމަށް ބަޔަކު އެއްވެފައި. / އީވީ ފޮޓޯ: މުހައްމަދު ނަސީރު

އީދު ފޯރީގެ ނަމުގައި ޖަމިއްޔާތަކާއި، ރަށު ކައުންސިލް ގުޅިގެން މިއަހަރު އޭދަފުށީގައި ކުރިޔަށްގެންދަން ނިންމާފައިވާ “އީދު އުފާ” ފެށުމުގެ ގޮތުން މިރޭ އޭދަފުށިގައި ފަސްމިނެޓްގެ ވަގުތުކޮޅަކަށް ހަވާ އަރުވައިފިއެވެ.

މިއީ އޭދަފުށީގެ ތާރީހުގައި އޭދަފުށީގައި ހަވާގެ ކުޅިވަރު ބޭއްވި ދެވަނަ ފަހަރެވެ. މާއްޑޫ، އުނޑޫދޫ، ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރިތާ ފަންސާސް އަހަރު ފާހަގަކުރި މުނާސަބަތުގައިވެސް މިއަހަރު އޭދަފުށީގައި ހަވާއެރުވިއެވެ.

“އީދު ފޯރި” ނަމުގައި މިއަހަރު އޭދަފުށީގެ ޖަމްއިއްޔާތަކާއި، ކައުންސިލް ގުޅިގެން ކުރިޔަށްގެންދިޔަ ހަވާ އެރުވުން އޮތީ އޭދަފުށީ އިރުމަތީ ސަރަހައްދު ހިއްކިބިމުގައެވެ. އޭދަފުށީގެ ގިނަ ބަޔަކު ހިއްކި ބިމަށް ޖަމާވެ ހަވާގެ މަންޒަރުތައް ގާތުން ބަލާލުމުގެ އުފާ ހޯދިއެވެ.

އީދު ފޯރީގެ ހަރާކާތްތައް މިރޭ ހަވާއާއެކު ފެށުމުގެ ކުރިން އީދު ބަޑީގެ ގޮތުގައި ޖަމިއްޔަތުލް ވަފާއިން ވަނީ ހިއްކިބިމުގެ ހުޅަނގު ސަރަހައްދުގައި “އީދު ހުޅު” ވެސް ޖަހާފައެވެ. ޖަމިއްޔަތުލް ވަފާއިން އީދު ފޯރީގެ ކުޅިވަރުތަކުގައި ބައިވެރި ނުވިނަމަވެސް ސަގާފީ ބައެއް ކުޅިވަރުތަކާއެކު އީދުގައި ހަރަކާތްތަކެއް ކުރިޔަށް ގެންދަން ނިންމާފައިވެއެވެ.

އީދު ފޯރި ކޮމެޓީން ބުނީ އީދު ކުޅިވަރުތައް މާދަމާ ފެށުމުގެ ކުރިން މޫސުން ރަގަޅުނަމަ އީދު ނަމާދު އޭދަފުށި ފުޓްބޯޅަ ދަނޑު (ވެލިދަނޑު) ގައި އޮންނާނެ ކަމަށާ، އެސަރަހައްދުގައި ރައްޔިތުންނަށް އީދުސައިވެސް ތައްޔާރުކޮށްފައި އޮންނާނެ ކަމަށެވެ. އެއަށްފަހު އީދު ފެންކުޅި މާދަމާ ކުރިޔަށްދާނެކަމަށް އީދު ކޮމެޓީން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top