އީދު ހާއްސަ: އީދުވިލޭރޭ ކުރާ އެންމެ މަޖާ ކަމަކީ ފަޓާސް ޖެހުން – ސަމަދު

DSCN0441.jpg

އަބްދުއްސަމަދު އަބޫބަކުރު --ފޮޓޯ :އީވީ

އޭނާގެ އެންމެ ޒުވާން އިރު ބޮޑުއީދު ވިލޭރޭ ކުރާ އެންމެ މަޖާ އެއްކަމަކީ ފަޓާސް ޖެހުމެވެ. މިއީ އުމުރުން 69 އަހަރުގެ އޭދަފުށި މާބޭރު އަބްދުއްސަމަދު އަބޫބަކުރު 69އ.(ސަމަދު ) ބޮޑުއީދު ފާހަގަކުރުމުގެ ގޮތުން އީދުވިލޭރޭ ކުރާ އެންމެ މުހިއްމު ކަމަކީ ކޮބައިތޯ އެހުމުން ދިން ޖަވާބެވެ.

ސަމަދަކީ އޭނާގެ ޒުވާން އިރު އޭދަފުށީގެ ބަތަލެކެވެ. އީދު ފާހަގަ ކުރުމާއި މިފަދަ އެހެން މުނާސަބަތުތައް ފާހަގަ ކުރުމުގައިވެސް އޭނާއަކީ ޒުވާނުންގެ މެދުގައި ނަގާ ކިޔާ އެކެކެވެ. މިހާރު ވެސް އޭދަފުށީގެ މުޖްތަމައުގައި ބަސްވިކޭ މީހަކަށް ވާ ފަދައިންނެވެ.

ސަމަދުމެންގެ ޒުވާން އިރު އީދު ފާހަގަ ކުރާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނަނީ އީދުވިލޭރޭ އަކީ މުޅި އަހަރު ދުވަހުގެ ތެރޭގައި އަންނަ އެންމެ އުފާވެރި ރެއަށް ވާތީ އެރޭ އެއްވެސް ޒުވާނަކު ނުނިދާނެއެވެ. އެންމެ މުހިއްމު ކަމަކަށް އޮންނާނީ އީދު ބަޑިޖެހުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ހުޅު ޖެހުމެވެ. ދެން އޮންނާނީ ފަޓާސް ޖެހުމެވެ.

“އީދު ހުޅު ޖެހުމަށް ބޭނުން ކުރަނީ އެކަމަށް ދުރާލައި ތައްޔާރުކޮށްފައި ހުންނަ ހިކި ފަން. ތިން ހަތަރު ތަނުގައި އީދު ހުޅު ޖަހާނެ . އެ ހުޅު ޖަހާނީ ގޮނޑުދޮށުގައި ރާޅު އަރާ ނާރާ ހިސާބު. ރަށު އެންމެން ކަހަލަ ގޮތަކަށް އެކަމުގައި ބައިވެރިވާނެ.” އީދު ހުޅުޖަހާގޮތް ކިޔައިދެމުން ސަމަދު ބުންޏެވެ.

ދެން އޮންނާނީ ފަޓާސް ޖެހުމެވެ.

“އޭރު ވިއްކަން ހުންނާނެ އެކި ވައްތަރުގެ އެކި ނަންނަން ކިޔާ ފަޓާސް. ލޮނުމެދު ފަޓާހަކީ އޭގެ އެންމެ ބާރުގަދަ އަދި އަޑުގަދަ ވައްތަރު. މަޖަލަކަށް ހަފާދައި ބައެއް ފަހަރު އެކި ކުދިންގެ ގަޔަށްވެސް ފަޓާސް ރޯކޮށްފައި އެއްލަން. ބާރުގަދަ އަޑުފައްގަނޑަކާ އެކު އޭތި ގޮވާނީ. މިގޮތަށް ކަންތައް ކުރުމުން ބައެއް ފަހަރު ކުދިކުދި ގެއްލުންވެސް ލިބިފައި އެބަހުރި.”

މި ހަރަކާތްތައް ހިނގަމުން ދާއިރު މަލުން ޒީނަތް ތެރިކޮށް އީދަށް ޚާއްސަކޮށްފައި ހުންނަ އަންބަލަން ކައިރީގައި ކުޅިވަރު ކުޅުމާއި އެރެއަށް ތައްޔާރު ކޮށް އަޅާފައި ހުންނަ އެކި ވައްތަރުގެ ބޯކިބާ ކެއުން ފަދަ ކަންތައްތައްވެސް ހިނގަމުން ދާނެއެވެ.

ދެން އޮންނާނީ އީދު ދުވަހެވެ.

“އީދު ނަމާދުން ނިމިގެން ކޮންމެ ގެއަކުވެސް އުޟުހިޔާ ކަތިލުމުގެ ގޮތުން ކުކުޅު ކަތިލާނެ. “ކުކުޅު ކަތިލާނީ ތަންދޮރު އޮޅުން ފިލާފައި ތިބޭ މީހުން ލައްވާ. އަތިރިމަތީގައި އެކަން ކުރާނީ. ކުޑަކުދިންނަށް އެކަން ވެފައި އޮންނަނީ މަޖާ ކުޅިވަރަކަށް. ކުކުޅުތައް ހަޅޭއްލަވާ އަޑާ މަރަށް ތެޅޭތަން ބެލުމަށް ކުދިންތައް އަތިރިމަތީގައި ދުވެ ނަގާނެ.” ޅައިރުގެ ހަނދާންތައް އާކުރަމުން ސަމަދު ކިޔައިދިނެވެ.

އީދު ނަމާދުން އައުމާއެކު ކުޅިވަރަށް ފެށުނީއެވެ. ތިން މުގޯއްޔާއި ފިލާފޮތި ބޯޅައަކީ އެންމެ އާއްމު ދެ ކުޅިވަރެވެ. ތިން މުގޯއްޔަކީ ފިރިހެނުން ކުޅޭ ކުޅިވަރަކަށް ވިޔަސް ކްރިކެޓް ކުޅޭ ކަހަލަ ގޮތަކަށް ކުޅޭ ފިލާފޮތި ބޯޅައަކީ އަންހެނުންވެސް ކުޅޭ ކުޅިވަރެކެވެ. އޮއްޕޫ އާއި “ވަދެވޭ” ކިޔާ ކުޅިވަރެއްވެސް ވަރަށް ފޯރިއާއެކު ކުޅެއެވެ. “ވަދެވޭ” އަކީ ބައިބަލާ ގޮތަށް ކުޅޭ ކުޅިވަރެކެވެ.

މީގެ 50 އަހަރު ފަހަތަށް ޖެހިލާއިރު އޭރު އޭދަފުށީގައި ނަގާ ކިޔަން ތިބި ޒުވާން ފިރިހެންކުދިން އީދު އީދާއި އެހެން މުނާސަބަތުތަކަށް ތައްޔާރު ވުމުގައި އެހުންނަ ފޯރިއާއި ޖޯޝް މިހާރު އެއްގޮތަކަށްވެސް ނުހުންނަކަން ސަމަދު ހިތާމަ އާއިއެކު ފާހަގަކުރިއެވެ. އޭނާ ބުނީ އީދަށް ތައްޔާރުވުމުގައި ގޭގެއަށް ކަށިވެލި ލުމާއި ތިންމުގޯލި ކުޅެން ބޭނުންވާ ފޯލި ބުރިކުރަން ރީތި އުނި ދަޑި ހޯދަން ރަށްރަށަށް ދިއުމުގައިވެސް މީހަކަށް ދޫކުރާނެ މީހަކު ނުހުންނާނެއެވެ. ކަމަކަށް ގޮވާލާފާނެ ކަމަށް ޒުވާނުން ތިބެނީ އަބަދުވެސް ތައްޔާރީ ހާލަތުގައެވެ. ހިއްލާ ދަލަކަށް ވާާ ވަރުބައްޔަކަށް އަދި މޫސުމަކަށްވެސް ބެލުމެއް ނޯވެއެވެ.

ފިރިހެނުންގެ ރޫހު މިހެން ހުރިއިރު އަންހެނުން ވެސް ފިރިހެނުންނަށް ދުލެއް ނުކުރެއެވެ. އޭރު ރަށުގައި ނަދާ ކިޔަން ތިބި ގުލާބީގޭ މަރުހޫމް ފަތުހިއްޔާ އާއި ބިންހިމަގޭ ހައްވާ އާއި ކާމިނީގޭ މާޖިދާމެން ފަދަ ޚިދުމަތްތެރި އޭދަފުށީ ކަނބަލުންގެ ހަނދާންތައް އާކުރަމުން ސަމަދު ބުނީ އެ ކަނބަލުންނަކީ އޭދަފުށީގެ އަންހެނުންގެ ރޫހު ކަމުގައެވެ.

“އެމީހުންގެ މަސައްކަތުން ދަފި ނެގުމާއި ކުރުފަލި ޖެހުން ފަދަ އެތައް ކުޅިވަރެއް އޭދަފުށީގައި ތައާރަފްކޮށް ދިރުވީ. އެކަން ދަސްކޮށްދޭން ރަށުން ބޭރުން މީހުން ގެނެސްގެން. އެމީހުންގެ ބުރަމަސައްކަތުން ގެނެސްދިން އެ ކުޅިވަރުތައް މިއަދު އުވިގެން ގޮސްފައިވަނީ އެކަން ދިރުވައި އާލާ ކުރާނެ ބަޔަކު ނެތިގެން.” ޝަކުވާ ގެ ރާގެއްގައި ސަމަދު ބުންޏެވެ.

އޭރު އީދުގެ ދުވަސް ތަކުގައި ދުވާލެކޭ އެއްގޮތަށް ރޭގަނޑުވެސް ގިނަ ކުޅިވަރުތަކެއް ކުޅެއެވެ. އެންމެ ބޮޑަށް ސަމަދު ފާހަގަކުރީ ރޭގަނޑުގެ ފަހު ދަމަށް އަޅާލުމުން އަޑުގެ ކޮޅަށް “ކައްޓޯ ތުކީ” ގޮވަމުން މުޅި ރަށުގައި ދުވަމުން ކުޅެ އުޅޭ “ކަށި” ކިޔާ ކުޅިވަރެވެ.

“އެއަޑަށް އަންހެންވެރިން ހޭލާނެ. ދެން އެފެށުނީ އެކުޅިވަރުގެ އެންމެ މަޖާ ހިސާބު.” ސަމަދު ބުންޏެވެ.

ކޯޑި ޖެހުމާ ބޮޑުމަސް ކުޅުމުގެ އިތުރުން ވެސް ބައިވަރު ކުޅިވަރު ތަކާއެކު އީދުގެ ދުވަސްތައް އޮންނަނީ ކުރުވެފައިކަމަށް އޭނާ ބުންޏެވެ.

ސަމަދު ބުނީ އަންހެނުންނާ ފިރިހެނުން ބައިވެރިވެގެން ކުޅޭ އެންމެ ވާދަވެރި ކުޅިވަރަކީ ވާދެމުން ކަމުގައެވެ. “އެއީ ވަރަށް ފޯރީގައި ކުރަމުން އައި ކަމެއް. އެއް އަދަދަކަށް ބައި ބަހައިގެން ބޮޑު މަގުގައި ދެކޮޅަށް ވާ ދަމަމުން ދާއިރު ފިރިހެނުންގެ ކޮޅު ގަދަވާނެކަމަށް ހީކުރިޔަސް ބައެއް ފަހަރު އަންހެނުން މޮޅުވެސް ވެއެވެ. އޭގެ މާނައަކީ އޭރުގެ އަންހެނުން ބާރުގެ ގޮތުން ބެލިޔަސް ފިރިހެނުންނަށް ދޫނުކުރާ ކަމެވެ.

މި ހުރިހާ ކުޅިވަރަކީ ސަމަދުމެންނާ ހަމައަށް އައިއިރުވެސް ވާރުތަވަމުން އައި ކުޅިވަރު ތަކެކެވެ. އެހެންވީމާ ކާބައިންގެ އެކުޅިވަރުތައް ދިރުވުމަކީ އެއިރެއްގެ ޒުވާނުންގެ ވާޖިބަކަށް ވާތީ އެވާޖިބު އަދާކުރެވުނު ކަމުގެ ހިތްހަމަޖެހުން ސަމަދު ފާޅު ކުރިއެވެ.

ސަމަދުމެންގެ ޒުވާން ދައުރު، އީދާއި އެހެނިހެން މުނާސަބަތުތަކަށް އޭދަފުށީގެ ކުޅިވަރުތަކުގެ ލިސްޓަށް ވަނީ އާ ކަމެއްވެސް ތައާރަފް ކޮށްފައެވެ. ބަނޑިޔާ ޖެހުމާއި މިއުޒިކް ކުޅުމެވެ.

“އެއީ އޭދަފުށީ ހެލްތުސެންޓަރު ހިންގުމަށް އައިސްހުރި ވެލިދޫ ހަފީޒްގެ އިސްނެންގެވުމެއް. ބސމދ. ޖަމިއްޔާގެ ގޭގައި ބަނޑިޔާ ޖެހުމާ މިއުޒިކް ކުޅެން ދަސްކޮށްދިނީ އޭނާ.”

މި ފަންނު ދަސްކޮށްގެން އީދުގެ ރޭތައް އުފާވެރިކަމާއެކު ފަޅު ފިލުވައިދިނުމުގައި އަންހެން ކުދިން ބަނޑިޔާ ޖަހާއިރު ސަމަދުމެން އުޅޭނީ މިއުޒިކާ ތަމްސީލު ކުޅުމުގައެވެ. މިކަން އޮންނަނީ ރޯޝަނީ މަގުގެ ހަތަރު އަނގޮޅި ބެދޭ ހިސާބުގައެވެ.

ޒުވާން މިއުރިކް ގްރޫޕްގައި އޭރު އެންމެ އަޑު ކިޔާލާފައިހުރި ސަމަދުގެ އިތުރުން އަބްދުއްރަހީމްއަލީ އާއި  އަހުމަދު ނަޖީބު އަދި ހާމިދުމެންނަކީ އޭރުގެ މިއަތޮޅުގެ ސްޓާރުންނެވެ. މިއުޒިކާ ލަވައަށް ފައިހަމަކޮށްގެން ސަމަދުމެންނާއެކު ސްޓޭޖްގައި ފައި ހަމަކުރަމުން ގެންދިޔަ އަންހެން ތަރިންނަކީ ދުންފިނިގޭ ޝަރީފާ އާއި ބިން ހިމަގޭ ސައާދާއާއި ސީޓުމާގޭ ނަސްރީނާ އާއި ގުލްދަމްގޭ އަނީސާއާއި ފެންވިލާގޭ އައިސާ މެންނެވެ. ސަމަދު ބުނާ ގޮތުންނަމަ އެއީ އޭދަފުށީގެ ރަންޒަމާނެވެ. އީދު ފާހަގަ ކުރުމުގެވެސް ރަން ޒަމާނެވެ.

ސަމަދު ގަބޫލު ކުރަނީ އެރަން ޒަމާން އަދިވެސް އަނބުރާ ގެނެވިދާނެ ކަމަށެވެ. އަލުން އާ ޒުވާނުންތަކެއް ތެދުވެ އީދު ފާހަގަ ކުރުމުގައި އެޒަމާނުގައި ކުޅުނު ކުޅިވަރުތައްވެސް ދިރުވިދާނެކަމުގައެވެ. އެކަމަކު އެކަން ވާނީ އޭރު ފަދައިން އެންމެންވެސް އެއް މިސްރާބަކަށް އެކުވެރިކަމާއެކު އެއް ކޮމާންޑެއްގެ ދަށުން މަސައްކަތް ކުރެވިގެންނެވެ. ބޭނުންވަނީ އެ ރޫހު އުފެއްދުމަށް އަމިއްލަ އެދުމެއް ނެތި މަސައްކަތް ކުރާނޭ ބައެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top