ސަލީމްގެ އިލްތިމާސް ސަރުކާރަށް: ކޮރަޕްޝަން ނައްތާލަދެއްވާ!

MHQNISzd9mzMhpsOZ2c3OjekSVAc9CApHGern3rx.jpeg

ސަރުކާރުން ކޮރަޕްޝަން ނައްތާލުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ގޮވާލައްވައިފި އެވެ.

ސަލީމް ވިދާޅުވީ ރާއްޖޭގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހުއްޓުމެއްނެތި ހިންގަމުން ދަނީ ބާރުގަދަ މަދު ބައެއްގެ މުށުތެރެއަށް ދައުލަތުގެ ހުރިހާ ބާރުތައް ޖަމާކޮށް، އަދަބުން ސަލާމަތްވުމުގެ ފުރުސަތު ލިބިދީފައިވާތީ ކަމަށް ގަބޫލުކުރާ މީހުން ގިނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ދައުލަތުގެ ހަރަދު މެނޭޖްކުރުމަށް ކޮންމެ އަހަރަކު ފާސްކޮށްދޭ ބަޖެޓް ހިތުހުރިގޮތަކަށް ބަދަލުކޮށް އަދި ބަޖެޓްގައި ނުވެސް ނެތް އަދަދުތަކުން ހަރަދުކޮށް ދައުލަތުގެ ފައިސާ ބޭނުން ކުރަމުންދާ ދިއުން ހުއްޓުވުމަށް ކޮންމެ އަހަރެއްގެ “ބަޖެޓް ބަހުސް” ގައި މަޖިލިސް ތަޅުމުން ތަފާތު ބިނާކުރަނިވި ޚިޔާލުތައް އިވެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދާއިރު، މިއަދުގެ ބަހުސްގެ ތެރެއިން ސަލީމް ވަނީ މުހިއްމު ވާހަކަތަކެއް ހިއްސާ ކުރައްވާފަ އެވެ. ސަލީމްގެ ވާހަކައިގެ ބޮޑުބައި ރައްދުކުރެއްވީ މަޖިލީހުގެ ތިއްބެވި 87 މެމްބަރުންގެ ތެރެއިން ރިޔާސަތަށެވެ. އެވަގުތު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާއި މިފަހުން ހަވާލުވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

ސަލީމް ވިދާޅުވީ ސަރުކާރުން ހިންގާ ކޮރަޕްޝަން ނައްތާލައި، ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހުގެ ރައީސް ޒިންމާ ކަމަށެވެ. ސަލީމް ވިދާޅުވީ ފަސް އަހަރުގެ ދައުރެއްގެ ތެރޭ ލިބެން ހުރި ހުރިހާ އެއްޗެއް އަތުލުމުގެ ވިސްނުން ވަރަށް ގިނަ ބޭފުޅުން ގެންގުޅުއްވާ ކަމަށެވެ. ނަމަވެސް, ކޮންމެވެސް ހިސާބަކުން މިކަން ހުއްޓަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި އަސްލަމް އިތުރު ފަސް މަސްދުވަސް އަދި ހޭދަ ކުރައްވާނެކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވަން މަޖިލިސް ތެރެއިން މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެ މަސައްކަތް ނުކޮށްފި ނަމަ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، ގައުމުގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވެގެން ދާނެކަން ސަލީމް ފާހަގަކުރެއްވި އެވެ.

މަޖިލިސް މެމްބަރުންގެ ގޮތުގައި މަޖިލީހުގައި ތިއްބަވަނީ ހަމައެކަނި މެމްބަރުންގެ އަމިއްލަ ކަންކަން ކުރުމަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތްކޮށް، ގައުމުގެ ކަންކަން އިސްލާހުކުރުމަށް މެމްބަރުން މަސައްކަތް ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ. ހަމައެހެންމެ މަޖިލީހުގެ ތެރެއިން މުއްސަނދިން ނަށް ވުމުގެ ވިސްނުން ގެންގުޅެގެން ނުވާނެ ކަމަށް ސަލީމްވިދާޅުވި އެވެ.

ސަލީމްގެ ވާހަކަފުޅަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވީ ސަލީމް ދެއްވި އިރުޝާދުތަކަށް ވިސްނަމުންދާނެ ކަމަށާއި ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރުމުގައި ދެމި ހުންނާނެ ކަމަށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top