ބ. ދަރަވަންދޫގައި ކުދަކުއްޖަކު ތޫނު އެއްޗަކުން މީހަކަށް ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ ދަރަވަންދޫގައި ތޫނު އެއްޗަކުން މީހަކަށް ބިރުދެއްކި މައްސަލައެއް ރޭ ގާތްގަނޑަކަށް 9:36 ހާއިރު ހުށައަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ނަން ހާމަ ކުރަން ބޭނުންނުވާ ދަރަވަންދޫ މީހަކު އީވީއަށް މައުލޫމާތު ދިން ގޮތުގައި މިކަން ހިނގާފައިވަނީ އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއާއެކު އެރަށުން ފިލަން އުޅެނިކޮށް ރަށުގެ ރައްޔިތުން ނުކުމެ އެ ދެ ކުދީން ހުއްޓުވުމުންނެވެ. މިކަންތައް ގަނޑުގައި ތޫނު އެއްޗަކުން ބިރުދައްކާފައި ވަނީ އެ ކުއްޖާގެ ބައްޕައަށެވެ. އެކަމާ ގުޅިގެން ދަރަވަންދޫގައި ރޭ ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.
ސޯޝަލް މީޑިއާތަކުން މައުލޫމާތު ލިބޭގޮތުގައި އަންހެން ކުއްޖާ މިހާރު އެރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެ އަންހެން ކުއްޖާއަށް އެއްވެސް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ. އަދި ޖެންޑާ އާއި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.
ދަރަވަންދޫ ކައުންސިލްގެ މެންބަރު ފަރަހާ އާދަމް “ދަ ޕްރެސް” އަށް ވިދާޅުވީ ކަން ހިނގައިގެން އުޅޭ ގޮތް މާބޮޑަށް ސާފު ނުވާ ކަމަށާއި އެކުއްޖާ ގެއްލިގެން އުޅޭ ވާހަކައާއި ރައްޔިތުންނަށް ގޮވައިލައިދޭން ކައުންސިލްގެ ރައީސްއަށް އެ ކުއްޖާގެ އާއިލާއިން ރޭ ގުޅި ކަމަށެވެ.