އިސްލާމީ ޝަރީއަތުގެ ވާހަކަ ދައްކާއިރު ސާފުވެފައި އޮންނަންޖެހޭ ބައެއް މުހިއްމު މަފްހޫމުތަކުގެ މައްޗަށް ނަޒަރު ހިންގައިލުމެއް:

18163661.jpg

 

1. ‘ދީން’ މިމަފްހޫމުގެ މާނައިގެ މައްޗަށް ބަލައިލުން

އަބްދުލް ޣަފޫރު އަބްދުއްރަހީމު ގ.މަންޒިލް

ފެށުމުގެ ކުރީން

އިސްލާމީ ޝަރީއަތުގެ ވާހަކައަކީ މުސްލިމު މުޖުތަމާތަކުގައި އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ދިވެހި މުޖުތަމާއަކީވެސް ބޮޑުމުސްލިމު އަޣުލަބިއްޔަތެއް ހިމެނޭ މުޖުތަމާއަކަށްވުމުން، ދިވެހީންގެ ތެރޭގައިވެސް ޝަރީއަތުގެ ވާހަކައަކީ އަބަދުހެންމެ ދެކެވޭ ވާހަކައެކެވެ. ވަކީން ހާއްސަކޮށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދިވެހީންނަށް ލިބުމުން، މިވާހަކަތައް އިތުރުވެގެންދިޔައެވެ. ނޫސް، މަޖައްލާ، ރޭޑިޔޯ، ޓީވީ، އަދި އިންޓަރުނެޓުފަދަ ޚަބަރާއި މައުލޫމާތު ފަތުރައިދޭ އަދި އެތަންތާގައި ހިޔާލުފާޅުކުރެވޭ ވަސީލަތްތަކާއި މިންބަރުތަކުގައި، ޝަރީއަތުގެ ވާހަކަ ގިނައިން ދެކެވި އެވާހަކައިގެ އަޑުވެސް ގަދަވިއެވެ.

މިވާހަކަތަކަށް ބަލައިލާއިރު، ދީން ދެކެ ލޯބިވާ ދީނަށް ޣީރަތްތެރިވާ ބައެއް މީސްމީހުން ދެކޭގޮތުގައި ދިވެހި މުޖުތަމައަކީ ފުރިހަމަ އިސްލާމީ މުޖުތަމައެއް ނޫނެވެ. މިފަދަ މީސްމީހުން ދެކޭގޮތުގައި ފުރިހަމަ އިސްލާމީ މުޖުތަމައަކަށް ހެދުމަށްޓަކައި ދިވެހި މުޖުތަމާގައި ‘އިސްލާމީ ޝަރީއަތް’ ހިންގަންޖެހެއެވެ. އެއްކަމެއްގެ ގޮތުން އިސްލާމީ ފިގުހުގައި ހުދޫދުގެ ނަމުން ނަންދެވިފައިވާ އުގޫބާތްތައް ހިންގައި ތަންފީޒުކުރަން ޖެހެއެވެ. ވައްކަން ކުރާމީހުންގެ އަތްކެޑުމާއި އަދި ބައެއްކަހަލަ ކުށްތަކަށް އަދަބެއްގެގޮތުން ހައްދު ޖެހުމާއި ރަޖަމުކުރުންފަދަ އަދަބު ތަކެވެ. މަރަށް މަރުގެ އަދަބުދީ ގިސާސު ހިފުން ފަދަ ކަންކަންވެސް ހިންގައި ތަންފީޒުކުރަން ޖެހެއެވެ. ދީނީ ބައެއް އުސްތާޒުންގެ ދަރުސުތަކުންނާއި އެބޭބޭފުޅުންގެ ބައެއް ލިޔުއްވުންތަކުންވެސް މިކަންފެނިގެން ދެއެވެ. ދީނުގެ ބައެއްކަހަލަ މައްސަލަތަކާ ބެހޭގޮތުން ފާޑުކިޔުމުގެ ނަޒަރަކުން ބަލައި ވާހަކަދައްކާ ލިޔެއުޅޭ އަނެއްބަޔަކު މިފަދަ ކަންކަމާ ދިމާއިދިކޮޅެވެ. މީގެތެރެއިން އެއްބަޔަކީ ދީނުގެ އިމުގެ ތެރޭގައިތިބެ، ދީނާ ގުޅުން ހުރި ބައެއް ހުކުމްތަކަކީ ދީނީކަމެއްގެ ގޮތުގައި ނުދެކޭމީހުންނެވެ. ފާޑުވެރި ނަޒަރަކުން ދީނުގެ ހުކުމްތަކަށް ބަލައިލާ އަނެއްބަޔަކީ ދީނުގެ އިމުން ބޭރުގައި ތިބުން ހިޔާރުކޮށް، ދީނަކީ ހެއްދެވި ފަރާތާއި މުއުމިނާއާއި ދެމެދު އޮންނަ އަމިއްލަ ޒާތީ ގުޅުމެއްކަމާއި، އަދި މުޖުތަމާގެ ކަންތައްތައް ރާވައި ހިންގުމުގައި ދީނުގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށް ދެކޭމީހުންނެވެ. ދިވެހީން އިސްނަގައިންގެން، އިންޓަނެޓުގައި ޝާއިއު ކުރެވޭ ބައެއް ނޫސް މަޖައްލާތަކުގައި ހިމެނޭ ލިޔުން ތަކުންނާއި އެފަދަ ލިޔުންތަކާއި ދޭތެރޭ ފާޅުކުރެވި ޕޯސްޓު ކުރެވޭ ބައެއް ހިޔާލުތަކުން މިކަންފެނެއެވެ.

މިދެފަރާތުގެ ލިޔުންތަކަށް ބަލައިލާއިރު އަޅުގަޑަށް ފާހަގަ ކޮށްލެވުނު އެއްކަމަކީ އިސްލާމީ ޝަރީއަތުގެ ހުކުމްތަކުގެ ވާހަކަ ދައްކާއިރު ސާފުވެފައި އޮންނަންޖެހޭ ބައެއް އަސާސީ ކަންތައްތަކެއް ސާފުވެފައިނެތުމެވެ. ބައެއް މުހިއްމު މަފްހޫމުތައް ކިޔުންތެރީންނަށް އެކަށީގެންވާވަރަށް ސާފުކޮށްދެވިފައި ނެތުމެވެ. މިސާލަކަށް ދީނުގެ ވާހަކަ ދައްކާއިރު އެންމެފުރަތަމަ، ދީނަކީ ކޮބައިކަން ސާފުވާންޖެހެއެވެ. މިކަން ސާފު ނުވެއްޖެނަމަ ދީނީ ކަމަކީ ކޮބައިކަމާއި، ދީނީނޫން، ދުނިޔަވީ ކަމަކީ ކޮބައިކަން، އޮންނާނީ ކަނޑައަޅަން އުނދަގޫވެ، އެދެކަންތައް މަސްހުނިވެ އޮޅިފައެވެ. ހަމައެހެންމެ މުޖުތަމާ އިސްލާމީތަނަކަށް ހެދުމުގެ ވާހަކަދައްކާއިރު، ‘އިސްލާމް’، މިލަފުޒުގެ މާނައާއި މުޖުތަމާ ‘އިސްލާމީ’ވަނީ ކޮން ހަމަތަކެއްގެ މަތީން ކަން ވެސް ސާފުވާން ޖެހެއެވެ. އަދި ޝަރީއަތާއި ފިގުހުގެ ވާހަކަދައްކާއިރު މިދެލަފުޒުގެ މަފްހޫމަކީ ކޮބައިކަމާއި އަދި މިދެލަފުޒުގެ ތަފާތެއް ވާނަމަ އެކަންވެސް ސާފުވާންޖެހެއެވެ. ހަމަ އެހެންމެ ހުދޫދުގެ މާނައަކީ ކޮބައިކަމާއި އާއްމު ގޮތެއްގައި މިލަފުޒުގެ މާނަ ވިސްނިފައި އޮންނަ ގޮތާއި ކީރިތި ޤުރުއާނުގައި މިލަފުޒު ބޭނުން ކުރެވިފައިވާ ގޮތާއި އަދި އިސްލާމީ ތާރީޚުގެ ކުރީކޮޅު، ކީރިތި ރަސޫލާއާއި އެކަލޭގެފާނުންގެ އަސްޙާބުންގެ ދުވަސްވަރު، މިލަފުޒު ބޭނުން ކުރެވިފައިވާގޮތާ އަޅާކިޔާލާންވެސް ޖެހެއެވެ. ހުދޫދުގެ މަފްހޫމުގެތެރޭ ހިމެނޭކަމަށް ފާހަގަކުރެވޭ މާނައިގެ ސައްހަކަން، ނުވަތަ އޭގައި މައްސަލައެއްއޮތްނަމަ، އެކަންވެސް ދެނެގަތުމަށްޓަކައެވެ.  މީގެ އިތުރުން ޝަރީއަތުގެ މަގުސަދަކީ ކޮބައިކަންވެސް އެގިފައި އޮންނަންޖެހެއެވެ. އެއީ އަމިއްލަ ޒާތީ ކަންތައްތަކާއި މުޖުތަމައުގެ ވާހަކަ ދައްކާއިރު ޝަރީއަތާއި އަމިއްލަ ޒާތީ ކަންތައްތަކާއި ގުޅޭގޮތާއި އަދި ޝަރީއަތާއި މުޖުތަމައުގެ ކަންކަން ހިންގުމާ ގުޅޭގޮތާއި، މިގުޅުންތަކަކީ އެއްސިފައެއްގައި އޮތްކަންތަކެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާލުމަށް ޓަކައެވެ. މިލިޔުމުގައި، މިދެންނެވުނު ކަންކަމުގެ މައްޗަށް، އިލްމީ ނަޒަރަކުން ބަލައިލާން ގަސްދުކުރަމެވެ. މިކަންކަން ހުށަހަޅާލަން ގަސްދުކުރަނީ ބައިތަކަކަށް ބަހައިލައިގެންނެވެ. އެންމެ ފުރަތަމަ “ދީން” މިމަފްހޫމުގެ މާނައިގެ މައްޗަށް ބަލައިލެވޭތޯ މަސައްކަތްކުރާނަމެވެ.

1 ‘ދީން’ މިލަފުޒުގެ މާނައިގެ މައްޗަށް ބަލައިލުމެއް

ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ‘ދީން’ މިލަފުޒަކީ އަރަބި އަސްލަކުން އައިސްފައިވާ ލަފުޒެއް ކަމުން، އޭގެ މާނަ ދެނެގަތުމަށްޓަކައި އަރަބި ބަހުގައި މިލަފުޒު ބޭނުންކުރެވިފައިވާގޮތުގެ މައްޗަށް ބަލައިލާން ޖެހެއެވެ. އެހެންވެ، މިލަފުޒުގެ މާނަ ކަނޑައަޅާލުމަށްޓަކައި އެންމެފުރަތަމަ އަޅުގަނޑު ބަލާލާނީ އަރަބިބަހުގައި، އިސްލާމް ދީން އައުމުގެ ކުރީން، ޖާހިލީ ޒަމާނުގައި، އާދެ! މީސްތަކުންގެ އަގުތައް (ވެލިޔުސް) ކަނޑައަޅާލުމުގައި ގޮތެއް ފޮތެއްނެތް، ‘ވަހުޝިޔާނަތު’ގެ ޒަމާނުގައި، އެލަފުޒު ބޭނުން ކުރެވިފައިވާގޮތާއި އޭގެ މާނައިގެ މައްޗަށެވެ. އެއަށްފަހު ދެން ބަލައިލާނީ ކީރިތި ޤުރުއާނުގައި އެލަފުޒު ބޭނުން ކުރެވިފައިވާ ގޮތުގެ މައްޗަށެވެ. ‘ދީން’ މިލަފުޒު ވާރިދުވެފައިވާ ކީރިތި ޤުރުއާނުގެ އާޔަތްތައް ތާރީހީގޮތެއްގައި ތަރުތީބުކޮށްލައި އޭގެ މައްޗަށް ބަލައިލައިގެންނެވެ. ކީރިތި ޤުރުއާނުގައި އެލަފުޒުގެ މާނަ ތަޠައްވުރުވެ ފުރިހަމަވަމުން އައިސް ބިނާވިގޮތް ދެނެގަތުމަށްޓަކައެވެ.

1.ހ. ޖާހިލީ ޒަމާނުގައި ‘ދީން’ ބޭނުންކުރެވިފައިވާގޮތާއި އޭގެމާނަ

ޖާހިލީ ޒަމާނުގައި “ދީން” މިލަފުޒު ދެގޮތަކަށް ބޭނުން ކުރެވިފައިވެއެވެ. އެންމެފުރަތަމަ އަރަބި ބަހުގައި އާއްމުކޮށް ބޭނުން ކުރެވޭ ލަފުޒެއްގެ ގޮތުގައެވެ. މިސާލެއްގެ ގޮތުން ޖާހިލީ ޝާއިރެއް ކަމަށްވާ ޢަމްރު ބިން ކުލްޘޫމުގެ މުޢައްލަޤާގައިވާ މިބައިތު ލިޔެލާނަމެވެ. (މުޢައްލަޤާއަކި ޖާހިލީ ޒަމާނުގައި ޅެންވެރިކަމުގެ ގޮތުން މޮޅެތިޅެންކަމަށްބެލެވި، ރަންދެލިން އެޅެންތައް ލިޔެވި، ގެފުޅުގައި އެލުވުނު ކަމަށް ބުނެވޭ  ޅެންޅެމެވެ.)

وأيام لنا غر طوال        عصينا فيها الملك أن ندينا

(ހަނގުރާމައިގެ މައިދާނުގައި) ވިދާ ބެބުޅި ދިގު (އެބަހީ މަތިވެރި ގިނަގުނަ ކާމިޔާބީތައްހޯދި) އެތައް ދުވަސް ތަކެއް އަހަރުމެންގެ (ގަބީލާގެ ތާރީހުގައި) ވެއެވެ. އެދުވަސްތަކުގައި (އަހަރުމެންނާ ހަގުރާމަކުރެއްވި) ރަސްރަސްކަލުންނާ (ހަގުރާމަކޮށް) ދޫ ނުދީ ސާބިތުކަން މަތީ ދެމިތިބީމެވެ. (އެރަސްރަސްކަލުންގެ ކުރިފުޅުމަތީ) ބޯލަބައި ކިޔަމަންގަންނަން ޖެހިދާނެތީއެވެ.

މިޅެންބައިތުގައި ‘ދީން’ މިލަފުޒު ބޭނުންކުރެވިފައިވަނީ ފިޢުލުގެ ޞީޣާގައެވެ. ކަމެއްގެ ސިފައިގައެވެ. ‘ނަދީނަ’ މިހެންނެވެ.  މާނައަކީ ‘އަހަރުމެން ބޯލަނބައި ކިޔަމަންގަންނަމުއެވެ’. މިއިބާރާތުން ‘ދީން’ މިލަފުޒުގެ އިބްތިދާއީ (ޕްރައިމަރީ) ނުވަތަ އަސާސީ މާނަ ސާފުވެގެންދެއެވެ. އެއީ ކިޔަމަންގަތުމެވެ. މިކިޔަމަންގަތުން ރައްދުވާފަރާތަކީ ބާރަކާއި އިޚުތިޔާރެއް ލިބިގެންވާ ފަރާތެކެވެ. ޅެންބައިތުގައި އެފަރާތަކީ ރަސްރަސްކަލުންނެވެ. މިފަދަ ފަރާތަކަށް ކިޔަމަންތެރިކަން އަދާކުރާއިރު އިހުސާސުކުރެވެނީ އަމިއްލަ ނިކަމެތިކަމާއި އެއްވެސް އާރެއް ބާރެއް ނެތްކަމެވެ. އަދި އަމިއްލަ ނަފުސު އެފަރާތަކަށް މުޅީންދީލާލައި ތަސްލީމު ކުރުމުގެ އިހުސާސެކެވެ. ދީން މި ލަފުޒުގައި އެކުލެވޭ ސާނަވީ (ސެކަންޑަރީ)  މާނައަކީ މިއެވެ ދެން، ޅެންބައިތުގެ މާނައިގެ މައްޗަށް ބަލައިލަމާތޯއެވެ. ޅެންވެރިޔާ ވަރަށް ފަހުރުވެރިކަމާއެކު ބުނަނީ އެމީހުންގެ ގަބީލާގެ މީހުންނަކީ އެހެން މީސްމީހުންގެ ކުރިމަތީ ނިކަމެތިވެ ބޯލަބައި ހަދާ ބައެއް ނޫންކަމެވެ. އެމީސްމީހުންނަކީ އާރާއި ބާރުހުރި ރަސްރަސްކަލުން ކަމަށް ވިޔަސްވެހެވެ. އަދި ހަނގުރާމައިގެ މައިދާނުގައި، އެމީހުންގެ ގަބީލާގެ މީހުންވާނީ މިކަން ސާބިތުކޮށްދީފައިކަމެވެ. އާދެ، މިމާނައިގެ މައްޗަށް ނަޒަރު ހިންގާލުމުން، މިބައިތުގައި ‘ދީން’ ބޭނުންކުރެވިފައި ވަނީ، ކުރީންވެސް ފާހަގަކޮށްލި ފަދައިން، އެހެންފަރާތަކަށް ބޯލަނބައި ކިޔަމަން ގަތުން ކަން އެނގެއެވެ.

މިދެންނެވި އަސާސީ މާނައިގެ އިތުރުން، މިމާނައާއި ގުޅޭ އެހެން މާނަތަކުގައިވެސް، އަރަބި ޖާހިލީ ޒަމާނުގައި، ‘ދީން’ މިލަފުޒު ބޭނުން ކުރެވިފައި ވާތީ ފެނެއެވެ. މިސާލަކަށް ‘ބާރު’ ނުވަތ ‘ގަދަކަން’ އަދި ‘ޖަޒާދިނުން’ ފަދަ މާނަ ތަކުގައެވެ. މިދެންނެވި ފުރަތަމަ މާނަ މި ނަންގަންނަ، އަމްރު ބިން ކުލްޘޫމުގެ މުއައްލަގާގެ އެހެން ބައިތަކުން ދޭހަވެއެވެ.

ورثنا مجد علقمة بن سيف        أباح لنا حصون المجد دينا

މާނައަކީ: ސައިފުގެ ފުތް އަލްގަމާ ހޯދި މަތިވެރި ކާމިޔާބުތަކުގެ ވާރުތަވެރީން ކަމުގައި އަހަރުމެންވީމުއެވެ. (ހަނގުރާމަކޮށް،) ގަދަ ބަދަވިކަމާއި ބާރުގެބޭނުންކޮށް (دينا)، މަތިވެރި ކަމުގެ ކިއްލާތައް، އަހަރުމެންނަށް، އޭނާ ފަތަހަކޮށްދިނެވެ.

މިބައިތުގައިވެސް، ޅެންވެރިޔާ، އޭނާގެ ގަބީލާއާމެދު ފަހުރުވެރިވެ ހިޔާލު ފާޅުކޮށްފައިވެއެވެ. އެމީހުން ހޯދައިފައިވާ ފަހުރުވެރި ކާމިޔާބު ތަކާމެދުގައެވެ. އެގޮތުން، އެމީހުންގެ ގަބީލާގެ ފަހުރުވެރި ބަތަލެއްގެ ވާހަކަ ކިޔައިދެމުންނެވެ. ސައިފުގެ ފުތް އަލްގަމާގެ ވާހަކައެވެ. އެއަލްގަމާއަކީ ހަނގުރާމައިގެ މައިދާނުގައި އޭނާގެ ބާރާއި އަސްކަރީ ހުނަރު ބޭނުންކޮށްގެން އެތައް އެތައް ކިއްލާތަކެއް ފަތަހަކޮށް އެތަންތަނަކީ ޅެންވެރިޔާގެ ގަބީލާގެ މީހުންގެ ތަންތަންކަމުގައި ހަދާދިން ބަތަލެކެވެ. އަދި އޭނާގެ ގަބީލާގެ މީހުންނަކީ މިފަދަ ވަރުގަދަ އަބުތޯލުންގެ މަތިވެރި ކާމިޔާބީތައް ވާރުތައްކޮށް، އެފަދަ އިތުރުކާމިޔާބީތައް ހޯދަމުންދާ ބައެކެވެ.

މިމާނައިގެ އިތުރުން ‘ޖަޒާ’ ދިނުމުގެ މާނައިގައި ‘ދީން’ ބޭނުން ކުރެވިފައިވާ ތަން ތިރީގައި މި ނަންގަންނަ ބައިތުން ފެނެއެވެ. އިބްނު މަންޡޫރު އޭނާގެ ލިސާނުލް އަރަބި މިބަސްފޮތުގައި ޚުވައިލިދު ބިން ނަވްފަލްއޭ ކިއުނު ޅެންވެރިއަކަށް ނިސްބަތްކޮށް ލިޔުއްވާފައިވާ ބައިތެކެވެ. ހަމަ މިބައިތު، އޭގެ ސަދުރު ކުޑަކޮށް ތަފާތުކޮށް، އައްތަބަރީ އޭނާގެ ތަފްސީރުގައިވެސް  ނަންގަނެފައިވެއެވެ.

يا حار أيقن أن ملكك زائل       واعلم بأنك ما تدين تدان

މިބައިތުގައި ޅެންވެރިޔާ މުހާތަބުކުރަނީ ހާރިޘަތު އޭކިޔުނު ޣައްސާނު ވަންހައިގެ އަރަބި ޖާހިލީ ޒައީމަކާއެވެ. ހަނގުރާމައިގައި އޭނާއަށް ކާމިޔާބު ލިބި، އޭނާގެ ވެރިކަމެއް ގާއިމުވެ، އޭނާއަށް ބާރަކާއި އިހުތިޔާރު ލިބިފައިއޮތް ވަގުތެއްގައި، އޭނާއާ މުހާތަބުކޮށް އިންޒާރެއްގެ ގޮތުގައި ޅެންވެރިޔާ ދަންނަވަނީ:

‘އޭ ހާރިޘަތުއެވެ. މަނިކުފާނު، (މިކަން) ކަށަވަރުކޮށް، ގަބޫލުކުރައްވާށެވެ. މަނިކުފާނުގެ ވެރިކަމަށްވެސް ނިމުން އަންނާނެއެވެ. އަދި ދެނެވަޑައިގެން ހުންނަވާށެވެ. (އެދުވަހުން، މަނިކުފާނާމެދު) ކަންތައް ކުރެވޭނީ (މިއަދު، މަނިކުފާނަށް ބާރާއި އިހުތިޔާރު ލިބިވަޑައިގެން އޮތްއިރު، އެހެންމީހުންނާ ދޭތެރޭ) މަނިކުފާނު ކަންތައް ކުރެއްވިގޮތަކަށެވެ.’

އެހެން އިބާރާތަކުން ލިޔެލާނަމަ، ‘މަނިކުފާނުގެ ވެރިކަން ނިމި އާރާބާރު ގެއްލޭ ދުވަހު، މަނިކުފާނާ މުއާމަލާތް ކޮށް ޖަޒާދެވޭނީ، މަނިކުފާނު އެހެން މީހުންނާ ދޭތެރޭ މުއާމަލާތް ކުރައްވައި ޖަޒާދެއްވިފަދައިންނެވެ. އާދެ، ‘ ما تدين تدان’ އެވެ.

މިހިސާބުން ފާހަގަ ކޮށްލަން ބޭނުންވަނީ، ކީރިތި ގުރުއާން ބާއްވާލެއްވުނު އިރު، ‘ދީން’ މިލަފުޒަކީ އަރަބި ބަހުގައި ބޭނުންކުރެވެމުން އަންނަ، އަރަބި މުޖުތަމާގައި އާއްމުވެފައިވާ ލަފްޒެއްކަމެވެ. ނަންގަނެވިދޔަ މާނަ ތަކުގައެވެ. ‘ކިޔަމަންގަތުން’، ‘ބާރާއި ގަދަފަދަކަން’ އަދި ‘ޖަޒާދިނުން’ މިފަދަ މާނަތަކުގައެވެ. ‘ދީން’، މަތީގައި ދެންނެވިފައިވާ މިސާލުތަކުގެ ސިޔާގަށް (ކޮންޓެކްސްޓްއަށް) ބަލައިލުމުން، އެލަފުޒުން ދޭހަވާ މާނަތައް، އެއް މާނައާއި އަނެއްމާނައާއި ކޮންމެވެސް ވަރަކަށް ގުޅި ލާމެހިފައިވާކަން ފެނެއެވެ. ނަންގަނެވުނު ތިންބައިތުގެ ސިޔާގުވެސް ގުޅެނީ ހަނގުރާމައާއެވެ. ހަނގުރާމައިގައި ދުޝްމަނުން ބަލިކުރެވެނީ ‘ބާރު’ގެ ބޭނުން ކޮށްގެންނެވެ. އަދި ދެން އެދުޝްމަނުން ‘ކިޔަމަންތެރިކުރެވި’ އޭނާއަށް ހައްގުވާ ‘ޖަޒާ’ދެވެއެވެ.  ދެންމެ އިޝާ ރަތްކުރިފަދައިން، އިސްލާމް ދީންއައުމުގެ ކުރިންވެސް، ‘ދީން’ މިލަފުޒަކީ އަރަބި ބަހުގައި ހިމެނޭ އަދި އަރަބިންގެ ތެރޭގައި ތަފާތު މާނަތަކުގައި ބޭނުންކުރެވެމުން އައި ލަފުޒެއްކަމަށް، މިކަމުން ހެކި ލިބެއެވެ. އަދި ކީރިތި ގުރުއާނުގައި ބޭނުންކުރެވިފައިވާ ‘ދީން’ މިލަފުޒު އައިސްފައިވަނީ، ‘ޝޯޓަރ އެންސައިކްލޯޕީޑިޔާ އޮފް އިސްލާމް’ގައި “ދިން” މިލަފުޒާ ބެހޭ ގޮތުން ލިޔެވިފައިވާފަދަ ލިޔުންތަކުގައި، ބަޔާން ކުރެވިފައިވާ ފަދައިން، އަރަބި ބަހާއި ގުޅުންހުރި ސީރިޔެކް ނުވަތަ އިބްރީފަދަ އެހެން ސާމީ (ސެމެޓިކް) ބަހަކުން ކަމަށް ބެލުމުގެ ޖާގައެއް އޮތްކަމަކަށް ނުފެނެއެވެ.

އަރަބި ބަހުގެ އާއްމު ލަފުޒެއްގެ ގޮތުގައި، ނަންގަނެވިދިޔަ މާނަ ތަކުގައި ބޭނުންކުރުމުގެ އިތުރުން އިސްތިލާހީ މާނައެއްގައި ވެސް ޖާހިލީޒަމާނުގައި ‘ދީން’ ބޭނުން ކުރެވިފައިވެއެވެ.  ޖައްވާދު އަލީގެ ‘ތާރީޚު އަލްޢަރަބި އަލްމުފައްޞަލު’  މިފޮތުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިމާނައިގައި ‘ދީން’ ބޭނުން ކުރެވިފައިވާ އެންމެ ގަދީމީ އަރަބި ލިޔުމެއްކަމަށް އަދި ފެންނަން އޮތީ އީސާގެ ފާނުގެ މީލާދުގެ ކުރީގެ (ބީ.ސީ.ގެ) 4 ވަނަގަރުނާއި 3 ވަނަގަރުނަށް ނިސްބަތްވާ ޘަމޫދީ ނައްސު (ތަމޫދިކް ޓެކްސްޓްސް) ތަކުގެނަމުން ނަންދެވިފައިވާ ނައްސުތަކުންނެވެ. މި ލިޔުންތަކުން ލިޔުމެއްގައި މިއިބާރާތް ވާރިދުވެފައިވެއެވެ. على دين ود أموت. މާނައަކީ ‘އަހަރެން މަރުވާނީ ވައްދުގެ ދީނަށް ތަބާވުންމަތީ ދެމިހުރެއެވެ’. (ވައްދަކީ އަޅުކަންކުރެވުނު ބުދެއްގެ ނަމެކެވެ. ކީރިތި ޤުރުއާނުގެ ނޫޙު ސޫރަތުގެ 23 ވަނަ އާޔަތުގައިވެސް މިބުދުގެނަން އައިސްފައި ވެއެވެ.) މީގެ މާނައަކީ މިހެން ބުނި މީހަކު މަރުވާންބޭނުން ވަނީ ވައްދު ކަލާނގެއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރަންޖެހޭކަންތައްތައް ކުރުންމަތީ ދެމިހުރެއެވެ. މިއިން ދީނުގެ އިސްތިލާހީ މާނަ ސާފުވެއެވެ. އެއީ ކަލެއް ކަމަށް ގަބޫލުކުރާ ފަރާތަކަށް އީމާންވެ، އެފަރާތަކަށް ބޯލަނބައި ކިޔަމަންގަނެ، އަދި މި ކިޔަމަންތެރިކަން ދައްކުވައި ދިނުމުގެ ގޮތުން ކުރާ ކަންތައްތައް ކުރުމެވެ. ކުރީން ނަންގަނެވި ދިޔަ އަރަބި ބަހުގައި އެލަފުޒު ބޭނުން ކުރެވުނު ކިޔަމަންތެރި ކަމާއި ގުޅޭ މާނައެކެވެ. ތަފާތަކީ މިތަނުގައި ކިޔަމަންތެރިކަން އަދާކުރެވެނީ އެހެން މީހަކަށްނޫނެވެ. އެކަން އަދާ ކުރެވެނީ އަޅުކަން ކުރެވޭ ބުދަކަށެވެ.

އިސްލާންދީން ފެށުމުގެ ސީދާ ކުރީގެ އަހަރުތަކުގައި ވެސް ‘ދީން’ ދެންމެ މިނަންގަތް އިސްތިލާހީ މާނައިގައި ބޭނުންކުރެވިފައި ވެއެވެ. އަޅުގަޑުމެންގެ އަތްމަތީއޮތް، އެންމެ ގަދީމީ، ކީރިތިރަސޫލާގެ ސިޔަރަތު ލިޔުއްވި އިބްނު ހިޝާމު، އޭނާ ލިޔުއްވި ސިޔަރަތުގައި އަރަބި ޖާހިލީން އަޅުކަން ކުރި ބުދެއް ކަމުގައިވާ މަނާތު އާއި ބެހޭ ގޮތުން އެއީ އައުސް އާއި ޚަޒްރަޖު ވަންހަ އާއި އަދި ‘އެމީހުންގެ ދީނުގައި އެމީހުންނަށް ތަބާވި މީހުން’ގެ (من دان بدينهم) ބުދެއްކަމުގައި ލިޔުއްވައިފައިވެއެވެ. މިތަނުގައި ‘ދީން’ އިޝާރާތް ކުރަނީ ޖާހިލީ އަރަބި ކަރައިގައި، އަރަބީން، އެމީހުންގެ އިލާހުން ކަމަށް ގަބޫލުކުރާ ފަރާތްތަކަށާއި އެފަރާތްތަކަށް ކިޔަމަންތެރިކަން އަދާ ކުރުމަށާއި، އެކަން އަދާކުރުމަށް ކުރާކަންތައް ތަކަށެވެ. އާދެ! ޖާހިލީ އަރަބި ކަރައިގެ ދީނީ އާދަކާދަ އަށެވެ. އެމީހުންގެ ދީނީ ރަސްމުތަކަށެވެ. އެމީހުންގެ އަޅުކަމުގެ އަމަލުތަކަށެވެ.(ނުނިމޭ )

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top