ކަމަދޫ ކައުންސިލުންވެސް ރައީސް އާއި ބައްދަލުކޮށްފި

big_3QFiPrm3OBURFQPGZr8N1cVw4.jpg

ރައީސް ،ކަމަދޫ ކައުންސިލާ ބައްދަލު ކުރެއްވުން. -ފޮޓޯ :ޕީއެސްއެމް

ބ. ކަމަދޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ދެއްވުން އެދި އެރަށުގެ ކައުންސިލުން ރައީސަށް ދަންނަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ކަމަދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމާއި ހަލާކުވަމުން އަންނަ ބަނދަރު އަލުން ހެދުމާއި ކުޅިވަރު ކުޅޭނެ ދަނޑުތައް ތަރައްގީ ކުރުމާބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

މީގެ އިތުރުން ކައުންސިލުން ރަށުގެ ތަރައްގީއަށް ކުރަން ރާވާފައިވާ މަސައްކަތްތަކާ މިހާރު ކުރިއަށްދާ މަސައްކަތްތަކާ ރަށަށް ބޭނުންވެފައި ހުރި ކަންކަމާ ރަށުގެ ކަންކަން ތަރައްގީ ކުރުމުގައި ދިމާވާ ދަތިތަކާބެހެ މައުލޫމާތުވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާ ކުރައްވައިފައެވެ.

އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ކައުންސިލްގެ މެންބަރުން ފާހަގަ ކުރެއްވި އެއް ކަމަކީ ސާފު ބޯފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނެތުމުން ދިމާވާ ގޮންޖެހުން ތަކުގެ މައްސަލައެވެ. އަދި ރަށުގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމު ވީހާ ވެސް އަވަހަކަށް ހަމަޖައްސަވައިދެއްވުމަށް އެދި ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.

މީގެއިތުރުން ކަމަދޫގައި ކުށަށް އަރައިގަންނަ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެކަންވެސް ރައީސްގެ ސަމާލު ކަމަށް ގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކަމަދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު