ރިސޯޓުތަކުން ކަނޑަށް ކުނިއެޅުން މަނާކޮށްފި

7cd20d74-2b17-465e-9e4b-2df33cf9e966.jpeg

އެމަރެލްޑް މޯލްޑިވްސް ރިސޯޓުން ކަނޑަށް އެޅި ކުނި ނަގައިގެން ރިސޯޓްގެ ރިސެޕްޝަންގައި ބެހެއްޓީ މުވައްޒަފެއް - ފޮޓޯ: އިގްބާލް

ރާއްޖޭގެ ރިސޯޓުތަކުން ކަނޑަށާއި މޫދަށް ކުނިއެޅުން މަނާ ކޮށްފިއެވެ.

މިކަން މަނާ ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ 2006 ވަނަ އަހަރު ގެޒެޓު ކުރި “ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވައިދު” އަށް އިސްލާހު ގެނެސް އެ ގަވާއިދުގެ 5.3.3 ވަނަ މާއްދާ އުނިކޮށްފައެވެ.

އެ ގަވައިދު” ގެ 5.3.3 ގައިވާ ގޮތުން ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ ކަނޑަށް އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި އަމިއްލައަށް ނެތިފަނާވެދާ ފަދަ ތަކެއްޗެވެ. އަދި އެ ތަކެތި އުކާލަން ޖެހޭނީ އޮޔާއި ވަޔަށް ބަލައި، ރަށްރަށަށް ނުލައްގާ ގޮތަށް އަދި އަތޮޅުން ބޭރަށް ދާ ގޮތަށް ކަމަށް އެ ގަވައިދުގައި ވެއެވެ.

ގަވާއިދުގައި މިހެން އޮތުމުން ރިސޯޓުތަކުން އުކާލާ ފަނާވާ ޒާތުގެ ކުނި ގެންގޮސް އަޅަނީ މޫދަށާއި ކަނޑަށެވެ. އޭގެ ސަބަބަުން ކަނޑުގެ ދިރުން ތަކަށާއި ފަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން ދެއެވެ.

މިނިސްޓްރީން މި ގަވާއިދު އުވާލާފައި މިވަނީ ރ. އެމަރެލްޑް މޯލްޑިވަސް ރިސޯޓުން ކަނޑަށް ކުނި އެޅި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ދަނޑިވަޅެއްގައެވެ. އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ ރިސޯޓަކުން ކަނޑަށް ކުނި އެޅި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެ ރިސޯޓަށް އަޅައިފައެއް ނުވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top