ކޮލަމް: ދަރިފުޅު ކަދުރު ގެނެސްފައި އޭގެއޮށް ނުނަގަމު ނޫން ހެއްޔެވެ (ކުރުވާހަކަ )

red-seedless-dates.jpg

ފަތިސް ނަމާދަށް ފަހު، އަބޫ ބަކުރުގެފާނު، ކޮންމެ ދުވަހަކު ވެސް، މަދީނާގެ ރަށް ބޭރަށް ވަޑައިގެން، ކުޑަކުޑަ ގެގަނޑަކަށް ވަންނަވައި، ވަގުތުކޮޅެއް ހޭދަކޮށްލައްވާތީ އެކަމާ ދިމާއަށް އުމަރުގެފާނުގެ ސަމާލުކަން ގެންދިޔައެވެ. އާންމު ގޮތެއްގައި، އަބޫ ބަކުރުގެފާނު ކުރައްވާ ކަންކަން އުމަރުގެފާނު ދެނެވަޑައިގަނެއެވެ. ނަމަވެސް، ރަށްބޭރުގައި ހުންނަ މި ގެއަށް އަބޫ ބަކުރު ވެދެވަޑައިގަންނަވީ ކީއްވެގެން ކަމެއް، އެކަމުގެ ސިއްރަކީ ކޮބައި ކަމެއް، އެއް ގޮތަކަށް ވެސް އުމަރުގެފާނަކަށް އެނގިވަޑައިގެން ނުވެއެވެ.

ކޮންމެއަކަސް، މި ގޮތުގައި، ދުވަސްތައް ހޭދަވަމުން ދިޔައެވެ. އަބޫ ބަކުރުގެފާނުގެ އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް، ފަތިސް ނަމާދަށް ފަހު، އެއްކަލަ ގެެއަށް ވަދެވަޑައިގަންނަވަމުން ގެންދެވިއެވެ. ނަމަވެސް، އެކަމުގެ ސިއްރު އުމަރުގެފާނަށް އެނގިވަޑައިގަންނަވާ ގޮތެއް ހަމަ ނުވިއެވެ. އެންމެ ފަހުން، އުމަރުގެފާނު ނިންމެވީ އެގެއަށް ޒިޔާރަތްކުރައްވައި އެކަމުގެ ސިއްރު ހޯއްދެވުމަށެވެ.

ދެން، އެއް ދުވަހު، އުމަރުގެފާނު އެގެއަށް ވަޑައިގަތެވެ. އެގެއިން އެކަލޭގެފާނު ދެކެވަޑައިގަތީ، އެނދެއްގެ މަތީ އޮތް ވަރަށް މުސްކުޅި އަންހެނެކެވެ. މުސްކުޅިވެ، ގައިގެ ބާރު ނެތިމުގެ ސަބަބުން ހިރިވެސް ނުލެވޭހާ ޟައީފު، ބަލިކަށި، އަދި، ދެ ލޯ ވެސް އަނދިރި ލޮލަށް އެއްގޮތަކަށް ވެސް ނުވެސް ފެންނަ، މުސްކުޅި މީހެކެވެ.

އުމަރުގެފާނު އޭނާއާ ސުއާލުކުރެއްވިއެވެ. ދައްތަގެ ގެއަށް ކޮންމެ ދުވަހަކު ހެނދުނު ޒިޔާރަތްކުރާ ބޭކަލަކު ދައްތަގެ ގޭގައި ކުރައްވަނީ ކޮން ކަމެއް ހެއްޔެވެ؟

ދެން، އެ މުސްކުޅި ދައްތަ ބުންޏެވެ. ދަރިފުޅާއެވެ! އެއީ ކާކުކަމެއް ދައްތައަކަށް ހަމަ ނޭނގެއެވެ. ނަމަވެސް، އެ ބޭކަލަކު ވަޑައިގެން، އަދި، ކަންކަން ނިމުމުން، އެއްވެސް ބަހެއް ވިދާޅު ނުވެ، ނިކުމެވަޑައިގެން އޭނާ ވަޑައިގަނެއެވެ.

ދެން، އަބޫ ބަކުރުގެފާނު އަވަހާރަވުމުން، އެކަލޭގެފާނު ފަދައިން، އުމަރުގެފާނު، އެއްކަލަ މުސްކުޅި ލޯ އަނދިރި ދައްތައަށް ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. އޭނާގެ ގެ ސާފުކޮށްދެއްވައި، އޭނާއަށް ކާނާ ގެންދެވިއެވެ.

އެގޮތުން، އެގެއަށް އުމަރުގެފާނު ވަޑައިގެން ފުރަތަމަ ދުވަހު ކަންކަން ނިންމާލުމުން. މުސްކުޅި ދައްތަ އުމަރުގެފާނަށް ދެންނެވިއެވެ. ދަރިފުޅާއެވެ! ދަރިފުޅުގެ އެކުވެރިޔާ ނިޔާވީ ހެއްޔެވެ؟

ދެން އުމަރުގެފާނު ވިދާޅުވިއެވެ؟ އެކަން ދައްތައަށް އެނގެނީ ކިހިނެއް ހެއްޔެވެ؟

ޖަވާބުގައި ދައްތަ ދެންނެވިއެވެ. ދަރިފުޅު ކަދުރުކޮޅު ގެނައި އިރު، އޭގެ އޮށްތައް ހުރީ ނުނެގިއެވެ.

ދެން އުމަރުގެފާނު ފެންކަޅިވެ، އެކަލޭގެފާނުގެ މަޝްހޫރު ބަސްފުޅު ވިދާޅުވިއެވެ. “އޭ އަބޫ ބަކުރުގެފާނެވެ! ކަލޭގެފާނަށް ފަހު ވަޑައިގަންނަވަން ތިއްބެވި ޚަލީފާ ވެރި ބޭކަލުންގެ މަސައްކަތްޕުޅު ބުރަކޮށް، ކަލާގެފާނު އެ ޚަލީފާއިން ވަރުބަލިކޮށްލައްވައިފީމުއެވެ!”

މި ކުރު ވާހަކައިން ގަސްދުކުރެވޭ މާނައަކީ ކޮބައި ހެއްޔެވެ؟ އިހުގެ ޚަލީފާވެރި ބޭކަލުން، އެ ބޭކަލުންގެ ވެރިކަމުގެ މަސްއޫލިއްޔަތު ދެކެވަޑައިގެން ގޮތެވެ. އެއީ ބޮޑު އަމާނާތެއް ކަމެވެ. އެ އަމާނާތް އަދާކުރެވެނީ، އެބޭކަލުންގެ ދަށުގައި ތިބޭ އެންމެ ނިކަމެތިންގެ އަސާސީ ބޭނުންތައް ފުއްދައިދެވިގެން ކަމެވެ. އެބޭކަލުންގެ އަގު އުފުލި، އެންމެންގެ ލޯތްބާއި އިހުތިރާމު އެބޭކަލުންނަށް ހައްގުވީ މިފަދައިން ކަންތައް ކުރެއްވުމުގައި ދެމިތިއްބެވުމުންނެވެ! މާތްރަސްކަލާނގެ އެބޭކަލުންނަށާއި އަދި އެބޭކަލުންގެ ސިޔަރަތާއި އެއްގޮތުގެ މަތިން ކަންތައް ކުރާ އެންމެނަށް ވެސް ރަހުމަތް ލައްވާށިއެވެ. އަދި، އެފަދަ ވިސްނުން ހުރި ބަޔަކު، އާދެ، ވެރިކަމަކީ އަމާނާތެއް ކަމާއި، ތިމާމެން މުއްސަނދިވެ، ތަރަފުގެ ދިރިއުޅުމެއް އުޅެން ލިބޭ ވަސީލަތެއް ކަމަށް ދެކި، އެ އަމާނާތަށް ޚިޔާނަތްތެރި ނުވާނޭ ބަޔަކު، އަޅުގަނޑުމެންގެ ތެރެއިން ވެސް އުފަންވާނޭ ގޮތް މެދުވެރިކުރައްވާށިއެވެ! އާމީން

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top