އޭދަފުށީގެ ފުޓްބޯޅަ ހަރާކާތްތަކަށް “ހާއްސަ ކޮމެޓީއެއް”

19748479_1525855294156147_712520271987085862_n.jpg

އޭދަފުށި ފުޓްބޯޅަ ޓީމް މެޗެއް ފެށުމުގެ ކުރިން އޮފިޝަލުންނާއެކު ބެންޗްގައި. އޭދަފުށީ ފުޓްބޯޅަ ކޮމެޓީީއެއް އުފައްދަން މިދިޔަ ހަފްތާ ކައުންސިލުންވަނީ ނިންމާފައި / ފޮޓޯ: އޭދަފުށީ ފުޓްބޯޅަ ޓީމް ފޭސްބުކް ޕޭޖް

ބ. އޭދަފުށީގެ ފުޓްބޯޅަ ހަރަކާތްތައް ރާވާ ހިންގުމަށްޓަކައި “އޭދަފުށީ ފުޓްބޯޅަ ކޮމެޓީ” ގެ ނަމުގައި ފުރަތަމަ ފަހަރަށް ކޮމެޓީއެއް އުފައްދަން އޭދަފުށީ ކައުންސިލުން ނިންމައިފިއެވެ.

މިކަން މިގޮތަށް ނިންމީ މިދިޔަ ހަފްތާ އޭދަފުށީ ކައުންސިލުން ބޭއްވި އާންމު ބައްދަލުވުމުގައި މެމްބަރުންގެ އިއްތިފާގުންނެވެ. އޭދަފުށީ ކައުންސިލުން ބުނީ މިކޮމެޓީއަކީ އޭދަފުށި ތަމްސީލްކުރާ ފުޓްބޯޅަ މުބާރާތްތަކަށް ޓީމް ތައްޔާރުކުރުމާއި، ޓީމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށްޓަކައި، ފުރިހަމަ އިހްތިޔާރު ދީގެން ކައުންސިލްއާ ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިގެންދާނޭ ކޮމެޓީއެއް ކަމަށެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ މިކޮމެޓީގައި ހިމެނޭނީ އޭދަފުށީގެ ފުޓްބޯޅައިގެ ހަރަކާތްތަކުގައި މިދިޔަ ސާޅީހަކަށް އަހަރު ފާހަގަކޮށްލެވޭ ހިދްމަތްތަކެއް ކޮށްފައިވާ ފަރާތްތަކާއި، ޒުވާނުންގެ ތެރެއިން މިކަމަށް ޝައުގުވެރިވާ ބަޔެއްކަމަށެވެ. އޭނާ ވިދާޅުވީ މިވަގުތު ކުރިޔަށްދަނީ ކޮމެޓީގެ މެމްބަރުން ފައިނަލް ކުރުމުގެ މަސައްކަތް ކަމަށާ، މިމަހުގެ ތެރޭގައި ކޮމެޓީ އިފްތިތާހް ކުރުމަށް ހަފްލާއެއް ބާއްވަން ވިސްނަމުންދާކަމަށެވެ.

ތޮލާލް ވިދާޅުވީ އޭދަފުށީ ފުޓްބޯޅަ ކޮމެޓީ އުފެދުމާއެކު، އޭދަފުށީ ފުޓްބޯޅަ ޓީމްއަށް ބަޖެޓް ހޯދުމާ، މުބާރާތްތަކަށް ޓީމް ތައްޔާރުކުރުމުގެ ހުރިހާ ޒިންމާއެއް ފުރިހަމަ އިހްތިޔާރާއެކު ކޮމެޓީއާ ހަވާލުކުރެވޭނެކަމަށެވެ. އަދި ކައުންސިލުން އަދާ ކުރާނީ މޮނިޓަރިން އަދި ސަޕޯޓް ސާވިސްގެ ރޯލް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ފުރިހަމަ ބާރު އޮންނާނެ ކޮމެޓީން ބަޖެޓް ހޯދުމާ، ޓީމް ސެލެކްޝަން އަދި އެހެނިހެން ކަންކަމަށްވެސް. ކޮމެޓީން ނިންމާނީ މުބާރާތެއްގައި ބައިވެރިވަންޏާވެސް ނުވަތަ ނޫނަސް. އަޅުގަނޑުމެން އަދާ ކުރާނީ މޮނިޓަރިންގެ ރޯލެއް. ކޮމެޓީން އެދޭ ކަންކަމަށް ފުރިހަމަ އެއްބާރުލުން ލިބޭނެ. ފުޓްބޯޅައިގެ އެއްވެސް ނިންމުމަކަށް ކައުންސިލުން ދެން ނުފޫޒެއް ނުފޯރުވާނެ” ތޮލާލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިފަދަ ކޮމެޓީއެއް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ފަހަކަށް އައިސް އޭދަފުށި ފުޓްބޯޅަ ޓީމް ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރަމުން ދިޔުމާއި، އެފަދަ ކަންކަން އިންތިޒާމް ކުރުމުގައި ކަމާބެހޭ މީހުން ޝާމިލް ކުރުވުން ކަމަށެވެ. އޭނާ ވިދާޅުވީ ކޮމެޓީގެ ފުރަތަމަ މަސައްކަތަކަށް ވާނީ އަންނަ އަހަރު އޭދަފުށީ ފުޓްބޯޅަ ޓީމް ބައިވެރިވާނެ މުބާރާތްތައް ކަނޑައެޅުމާ، އެކަމަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top