ޢީދުގެ މާނައިގެ މައްޗަށް އަވަސް ކަޅިއެއް

original_eid-mubarak-card-green-with-gold-foil-typography.jpg

ޢަބްދުލް ޣަފޫރު ޢަބްދުއްރަހީމު ގ. މަންޒިލް

ކޮންމެ މުސްލިމަކަށް ވެސް އެނގި ސާފުވެފައިވާ ފަދައިން، އިސްލާމް ދީނުގައި ކަނޑައެޅި ޝަރުއުކުރެވިފައިވާ ދެ ޢީދެއް އޮވެއެވެ. ފިޠުރު ޢީދާއި އަޟްޙާ ޢީދެވެ. އަޅުގަނޑުމެން ދިވެހިން އިހުއްސުރެން ކިޔަމުން އަންނަ ގޮތުން ނަމަ ކުޑަ އީދާއި ބޮޑު އީދެވެ. މި ދެއީދު ވެސް ގުޅިފައިވަނީ އިސްލާމް ދީނުގެ ޚާއްސަ އަޅުކަމަކާއިއެވެ. ފިޠުރު ޢީދު ނުވަތަ ކުޑަ އީދު ގުޅެނީ ރޯދަ ހިފުމުގެ އަޅުކަމާއިއެވެ. އަޟްޙާ ޢީދު ނުވަތަ ބޮޑު އީދު ގުޅެނީ ޙައްޖުގެ އަޅުކަމާއި އެވެ. ‘އަލްޢީދު އަލްކަބީރު’ ނުވަތަ އަޟްޙާ ޢީދު، ‘ބޮޑު’ އީދަކަށް ވަނީ އެ ޢީދުގެ އިޙުތިފާލު ގިނަ ދުވަސްތަކަކާއި ގުޅިފައިވާތީއެވެ. ޢީދު ދުވަހުގެ އިތުރުން އައްޔާމުއްތަޝްރީޤުގެ ތިންދުވަހާއި އެޢީދުގެ އިޙުތިފާލުކުރުން ގުޅިފައިވާތީއެވެ. މި ލިޔުމުގައި އަޅުގަނޑުގެ މަޤުސަދަކީ ޢީދުގެ މާނައާއި އަހައްމިއްޔަތުކަމުގެ މައްޗަށް ކުރު ގޮތަކަށް ބަލައިލުމެވެ. އާދެ، އެކަމުގެ މައްޗަށް އަވަސް ކަޅިއެއް ހިންގާލުމެވެ. ޢީދަކީ އަޅުކަމަކާއި ގުޅިފައިވާ އިޙުތިފާލަކަށް ވާތީ ޢީދުގެ މާނަ ދެނެގަތުމަށްޓަކައި އެންމެ ފުރަތަމަ އަޅުކަމުގެ މާނައާއި މަޤުޞަދުގެ މައްޗަށް ބަލާލަން ޖެހެއެވެ.

ޢިބާދަތު ނުވަތަ އަޅުކަން، މިއީ ކިޔަމަންތެރިކަމުގެ އިންތިހާއެވެ. މި ފަދަ ގޮތެއްގައި އަޅުކަން އަދާކުރެވެނީ ހަމައެކަނި ޚާލިޤުވަންތަ މާތް ﷲއަށެވެ. މިފަދަ ގޮތެއްގައި މާތްﷲއަށް ކިޔަމަންތެރިކަން އަދާކުރުން ރަމްޒުކޮށްދޭ އަޅުކަމުގެ ރަސްމުތަކެއް، ސޫރީ ކަންތައްތަކެއް، އިސްލާމް ދީނުގައި ކަނޑައެޅިފައިވެއެވެ. އެގޮތުން ކަނޑައެޅި، ޝަރުޢުކުރެވިފައިވާ ތިން އަޅުކަމެއް މިތަނުގައި ފާހަގަކޮށްލާނަމެވެ. ނަމާދުކުރުމާއި ރޯދަހިފުމާއި ޙައްޖުވުމެވެ. މި ތިން އަޅުކަމަކީ ބޭރުފުށުން އަދާ ކުރެވޭ ސޫރީ ކަންތައްތަކެއްކަމުގައި ވިޔަސް، މިއަޅުކަންތައްތަކުގެ މަޤުޞަދެއް، ބޭނުމެއް، ކަނޑައެޅިފައި އޮވެއެވެ.

ދެންމެ ނަންގަން ފަދައިން ނަމާދަކީ ސޫރީ އަޅުކަމެކެވެ. ވަކި ކިޔުންތަކެއް ކިޔައި، ވަކި ހަރަކާތްތަކެއްކޮށް އަދާ ކުރެވޭ އަޅުކަމެކެވެ. މި ކިޔުންތަކާއި ހަރަކާތްތަކަކީ އޭގެ ސީޣާއާއި (ކިޔާނޭ ގޮތާއި) ސިފަ، ދީނުގައި ކަނޑައެޅި ނިމިފައިވާ ކަމެކެވެ. ހަމަ އެހެންމެ، ނަމާދުގެ މަޤުޞަދު ވެސް ކަނޑައެޅި ބަޔާންކުރެވިފައިވެއެވެ. ނަމާދުގެ މަޤުޞަދު ގުޅެނީ ފަރުދީ އިސްލާހާއި އެވެ. މުއުމިނު އަޅުވެރިޔާ އޭނާގެ އަމިއްލަ ނަފްސު އިސްލާހުކޮށް ހެޔޮލަފާ މީހަކަށް ހެދުމާއި އެވެ. އަލްޢަންކަބޫތު ސޫރަތުގެ 45ވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. اتل ما أوحي إليك من الكتاب وأقم الصلاة إن الصلاة تنهى عن الفحشاء والمنكر ولذكر الله أكبر والله يعلم ما تصنعون، ކަލޭގެފާނަށް (މުހައްމަދުގެފާނަށް) އެ ފޮތުން (އެބަހީ ކީރިތި ޤުރުއާނުން) ބާވާލެއްވުނު އެއްޗެއް ކިޔަވާވިދާޅުވާށެވެ. އަދި ނަމާދު ޤާއިމުކުރައްވާށެވެ. ހަމަ ކަށަވަރުން، ނަމާދު، ފާޙިޝްކަންތައްތަކާއި މުންކަރާތްތައް ނަހީ ކުރެއެވެ. (އެބަހީ އެކަންކަމުން ދުރުހެލިވުމަށް އެހީވެދެއެވެ.) އަދި މާތްﷲ މަތިން ހަނދުމަކޮށްދޭކަމީ (ނަމާދުގެ އެންމެ ބޮޑު ބޭނުމެވެ، މަޤުޞަދެވެ). ތިޔަބައިމީހުން ކުރާކަންތައްތައް މާތްﷲ ދެނެވޮޑިގެންވެއެވެ، މި އާޔަތުގައެވެ. މި އާޔަތުގައި ނަމާދުގެ މަޤުޞަދަކީ މުއުމިނާއަށް އޭނާއަކީ މާތްﷲއަށް އީމާންވާ މީހެއްކަން ހަނދާންކޮށްދިނުމާއި އަދި ނުބައިކަންތައްތަކުން ދުރުހެލިވުމަށް، މިއީމާންކަން ނިޔާކުރާކަން ވެސް، އޭނާއަށް ހަނދާކޮށްދިނުމެވެ.

ހަމަ އެހެންމެ، ރޯދައިގެ މަޤުޞަދުވެސް ކީރިތި ޤުރުއާނުގައި ބަޔާންކޮށްފައިވެއެވެ. ބަޤަރާ ސޫރަތުގެ 183ވަނައާޔަތުގައެވެ. يا أيها الذين آمنوا كتب عليكم الصيام كما كتب على الذين من قبلكم لعلكم تتقون، ‘އޭ އީމާންވެއްޖެ މީސްތަކުންނޭވެ، ކަލޭމެން (މުސްލިމުން)ގެ ކުރީގެ (އުއްމަތްތަކުގެ) މީހުންގެ މައްޗަށް ލިޔެވި ފަރުޟުކުރެވުނު ފަދައިން، ކަލޭމެން (މުސްލިމުން)ގެ މައްޗަށްވެސް ރޯދަހިފުން ލިޔެވި ފަރުޟުކުރެވިގެން ވެއެވެ. އެއީ ކަލޭމެން ތަޤުވާވެރިވެދިޔުމަށްޓަކައެވެ.’ އާދެ، މި އާޔަތުގައި ރޯދައިގެ މަޤުޞަދަކީ ތަޤުވާވެރިވުން ކަމުގައި ބަޔާންކުރެވިފައިވެއެވެ. ތަޤުވާވެރިވުމަކީ މާތްﷲ މަތިން ހަނދާކޮށް، އެކަލާނގެ އަމުރުކުރެއްވި ކަންތައްތައްކޮށް އަދި ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުން މަތީ ދެމިހުރުމެވެ. އާދެ، ކުރު ގޮތަކަށް ބުނަނީނަމަ، މާތްﷲ ހަނދުމަކޮށް، ހެޔޮލަފާ މީހަކަށް ވުމެވެ.

މަތީގައި ނަންގަނެވުނު ދެ އާޔަތުން ނަމާދާއި ރޯދައިގެ އަޅުކަމުގެ މަޤުޞަދު ސާފުވެއެވެ. މި ދެ އަޅުކަމުގެ މަޤުޞަދު ގުޅެނީ ކީރިތި ޤުރުއާނުގެ މިސާލީ މުޖުތަމަޢުގެ މައިގަނޑު ދެ ލަނޑުދަނޑީގެ ތެރެއިން އެއްކަމާއި އެވެ. އަޚުލާޤީގޮތުން ހެޔޮ ލަފާ ފަރުދުންތަކެއް އުފެއްދުމާއި އެވެ. މިކަމުގެ އަމަލީ މަސައްކަތް ކީރިތި ރަސޫލާގެ ސިޔަރަތުން ފެނެއެވެ. ޚާއްސަކޮށް އެކަލޭގެފާނުގެ ސިޔަރަތުގެ މައްކީ ދައުރުގައެވެ. އެ ދައުރުގެ މައިގަނޑު އަމާޒަކަށްވެފައި އޮތީ ހެޔޮލަފާ ސޯލިހު ފަރުދުންތަކެއް އުފެއްދުމެވެ. މުއުމިނާގެ ނަފްސު މާތްﷲއަށް އީމާންވާކަމުގެ ހޭލުންތެރިކަމުން ހޭލައްވާލައި، އެ ހޭލުންތެރިކަމުގެ ބާރުގައި އަބަދުވެސް ހެޔޮގޮތުގައި ކަންތައްތައްކުރުން މަތީ ދެމިތިބޭ ބަޔަކު އުފެއްދުމެވެ. ދެން ޙައްޖުގެ އަޅުކަމުގެ މަޤުޞަދުގެ މައްޗަށް ބަލައިލަމާތޯއެވެ.

ހައްޖުގެ އަޅުކަމަކީ އަސާސީ ގޮތެއްގައި ޖަމާޢީ އަޅުކަމެކެވެ. އެތަކެއް މުސްލިމުންނެއް ވަކި ތަނަކަށް ވަކި ވަގުތެއްގައި އެއްވެ ތިބެގެން، ކުރާ އަޅުކަމެކެވެ. އިސްލާމީ ކަލަންޑަރުގެ ވަކި މަހެއްގައި މުސްލިމުން މައްކާއަށް ގޮސް، މިނާ، ޢަރަފާތް، މުޒްދަލިފާ، މިތަންތަނަށް ޒިޔާރަތްކޮށް، ނަމާދުކުރުމުގެ އިތުރުން ވަކި ކަހަލަ އަޅުކަންތަކެއް – ޠަވާފުކުރުމާއި ސަޢުޔުކުރުން، ޖަމަރާތުތަކަށް ހިލައުކުން – އަދާކުރުން ހިމެނޭ ކަމެކެވެ. ޙައްޖުގެ އަޅުކަން ރަމްޒުކޮށްދެނީ މުސްލިމުންނަކީ އެއް އުއްމަތެއްކަމެވެ. ދީނީ ވަކި ގަބޫލުކުރުންތަކެއް ގަބޫލުކުރާ އެއްބަޔެއްކަމެވެ. إن هذه أمتكم أمة واحدة، (އަންބިޔާއު ސޫރަތުގެ 92ވަނަ އާޔަތުން) ކަލޭމެންގެ މި އުއްމަތަކީ ހަމަ އެއް އުއްމަތެކެވެ، މި އާޔަތުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ.

މި އެއްބައިވަންތަކަން ބިނާވެފައިވަނީ ކީރިތި ގުރުއާން ބިނާކުރަން ބޭނުންވާ މިސާލީ މުޖުތަމަޢުގެ ދެވަނަ ލަނޑުދަނޑިއާއި އެވެ. އެއީ ހަމަހަމަކަމާއި މިއަގާއި ގުޅިފައިވާ ޢަދުލުވެރިކަމާއި އެވެ. އާދެ، ކީރިތި ޤުރުއާނުގައި ޙުޖުރާތު ސޫރަތުގެ ތޭރަވަނަ އާޔަތުގައި ބަޔާންކުރެވިފައިވާ ފަދައިންނެވެ. يا أيها الناس إنا خلقناكم من ذكر وأنثى وجعلناكم شعوبا وقبائل لتعارفوا إن أكرمكم عند الله أتقاكم ‘އޭ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައި މީހުން ހެއްދެވީ ފިރިހެނަކާއި އަންހެނަކު މެދުވެރިކޮށެވެ. އަދި ތިޔަބައި މީހުން ގައުމު ގައުމުތަކަށާއި ވަންހަ ވަންހަތަކެއް ކަމުގައި ލެއްވެވީމުއެވެ. އެއީ ތިޔަބައި މީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވެ އެނގިދިޔުމަށްޓަކައެވެ. ހަމަކަށަވަރުން، މާތް ﷲގެ ޙަޟްރަތުގައި، ތިޔަބައި މީހުންގެ ތެރެއިން އެންމެ މާތްކަން ބޮޑު މީހަކީ ތިޔަބައި މީހުންގެ ތެރޭގައިވާ އެންމެ ތަޤުވާވެރި، ހެޔޮލަފާ މީހާއެވެ.’ ފާހަގަކޮށްލެވޭނޭ ފަދައިން، މި އާޔަތުގައި، މުޚާތަބުކުރެވިފައިވަނީ ‘މީސްތަކުންނާއި އެވެ’، ހުރިހާ އިންސާނުންނާއި އެވެ. އާދެ، އެމީހުންނާއި މުޚާތަބުކޮށް އެމީހުން ގާތު ބުނެވެނީ ހުރިހާ އިންސާނުންގެ އަސްލަކީ އެކައްޗެއްކަމެވެ. އެމީހުން އުފަންވެ، އިންސާނީ އާއިލާ ބޮޑުވެ، ވަންހަތަކާއި ގައުމުތަކަށް ބެހިގެން ދިޔައީ އަންހެނަކާއި ފިރިހެނެއްގެ މެދުވެރިވެގެން ކަމެވެ. އެހެންވެ، ކުލައާއި ނަސްލުގެ މައްޗަށް ބިނާކޮށް، ނޫނީ ބަހާއި ބަހުރުވައިގެ މައްޗަށް ބިނާކޮށް، ނޫނީ ރަށާއި ރާއްޖޭގެ މައްޗަށް ބިނާކޮށް، ނޫނީ ފައިސާއާއި މުދަލުގެ މައްޗަށް ބިނާކޮށް، ނޫނީ ގަބޫލުކުރާ ގަބޫލުކުރުންތަކެއްގެ މައްޗަށް ބިނާކޮށް، އެއް އިންސާނަކު އަނެއް އިންސާނެއްގެ މައްޗަށް ބޮޑުވެގަނެ، ތިމާއަކީ ޚާއްޞަ އިމްތިޔާޒުތަކެއް ލިބިގެންވާ މީހެއްކަމަށް ދަޢުވާއެއް ނުކުރެވޭނެއެވެ. އާދެ، މިއާޔަތުން ވަރަށް ސާފުކޮށް ދޭހަވަނީ ހުރިހާ އިންސާނުންނަކީ ވެސް ހަމަހަމަ ބައެއްކަމެވެ. ހުރިހާ އިންސާނުންނަކީ ވެސް، އެމީހުން އިންސާނުންނަށްވީތީ، ކަރާމަތްތެރި ބައެއްކަމެވެ. އިޙުތިރާމާއި ޤަދަރުލިބުން ޙައްޤުވާ ބައެއް ކަމެވެ. އެމީހުންގެ ތެރެއިން މޮޅު ބަޔަކީ، ޚާއްސަ ގަދަރު ލިބޭ ބަޔަކީ ތަޤުވާވެރިންނެވެ. ހެޔޮލަފާ މީހުންނެވެ. މިކަން އެންމެ ރަނގަޅަށް ދެނެވޮޑިގެންވަނީ މާތްﷲއެވެ.

ކީރިތި ޤުރުއާނުގެ އެންމެ މަތިވެރި އެންމެ އަސީލު އުނގަންނައިދިނުމަކީ ޙުޖުރާތު ސޫރަތުގެ މި ނަންގަތް އާޔަތުގައި ބަޔާންކުރެވިފައިވާ އުނގަންނައިދިނުން ކަމުގައި ކަނޑައަޅާލެވިދާނެއެވެ. ދީނަކަށް، ނަސްލަކަށް، ރާއްޖެއަކަށް ބެލުމެއް ނެތި ހުރިހާ އިންސާނުންނަކީ ވެސް ހަމަހަމަ ބައެއްކަމާއި، އެންމެންނަށްވެސް ގަދަރާއި އިހުތިރާމުދެވި، އެންމެންނަކީވެސް އިންސާނީ ކަރާމަތް ލިބިގެންވާ ބައެއްކަން އިއުލާނުކޮށް އުނގަންނައިދިން އުނގަންނައިދިނުމެވެ. މިކަމުގެ އަމަލީ އަސަރު އިސްލާމީ ފުރަތަމަ މުޖުތަމައިން ފެނިގެން ދިޔައެވެ. ޙަބަޝީ އަޅެއްކަމުގައިވި ބިލާލުގެފާނާއި ރޫމީންގެ ތެރެއިން ހިމެނުނު ސުހައިބުގެފާނާއި ފާރިސީންގެ ތެރެއިން ހިމެނުނު ސަލްމާނުގެފާނު ފެނިގެންދިޔައީ ޢަރަބީންގެ ޤުރައިޝުންގެ ތެރެއިން ހިމެނުނު ކީރިތި ރަސޫލާގެ އަސްޙާބު ބޭކަލުންނާއި ހަމަހަމަ ގޮތެއްގައި، ހަމަ އެއްސަފަކުންނެވެ. އަދި، ފުރަތަމަ އިސްލާމީ ދައުލަތް މަދީނާގައި ގާއިމު ކުރެވި، އެ ދައުލަތް އޭގެ މައްޗަށް ބިނާވި ފުރަތަމަ އިސްލާމީ ދުސްތޫރުކަމުގައިވި ‘މަދަނީ ދުސްތޫރު’ގައި މަދީނާގައި އުޅުނު ތަފާތު ދީންތަކުގެ މީހުންނާއި މުސްލިމުންގެ ހައްގުތައް ހަމަހަމަ ގޮތެއްގައި އެ ދުސްތޫރުގައި ކަނޑައަޅާލެވުނު ތަނުންނެވެ.

މަތީގައި ނަންގަނެވިދިޔަ ފަދައިން، މި ހަމަހަމަކަމާއި ގުޅި ލާމެހިފައިވާ އެހެން ކަމެއްވެސް އޮވެއެވެ. އެއީ ޢަދުލުވެރިކަމެވެ. ކީރިތި ޤުރުއާން ބިނާކުރަން ބޭނުންވާ މުޖުތަމައުގެ ފަރުދުންނަކީ ހަމަހަމަ ބައެއްކަމަށްވާއިރު، އެމީހުންނާއި ދޭތެރޭ ކަންތައްތައް ކުރެވެން ޖެހޭނީ ޢަދުލުވެރިކަމާއި އެކުގައެވެ. ކީރީތި ޤުރުއާނުގައި ހިމެނޭ މުޖުތަމަޢީ ގާނޫނުތަކުގެ، އާދެ، މުޖުތަމަޢުގެ ޖަމާޢީ ކަންތައްތައް އިންތިޒާމުކުރުމަށްޓަކައި ބަޔާންކުރެވިފައިވާ ޤާނޫނުތަކުގެ، އަމާޒުފަތްގަނޑަކީ މިއެވެ. ޢަދުލުވެރިކަން ޤާއިމުކުރުމެވެ. މިކަމަށް އިޝާރަތްކޮށް ނަޙުލު ސޫރަތުގެ 90ވަނަ އާޔަތުގައި ބަޔާންކުރެވިފައިވެއެވެ. إن الله يأمر بالعدل والإحسان وإيتاء ذي القربي وينهى عن الفحشاء والمنكر والبغي يعظكم لعلكم تذكرون ‘ހަމަ ކަށަވަރުން މާތްﷲ އަމުރުކުރައްވަނީ ޢަދުލުވެރިކަން ޤާއިމުކުރުމަށާއި އިޙުސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮކަން ފޯރުކޮށްދިނުމަށެވެ. އަދި އެކަލާނގެ ނަހީކުރައްވަނީ ފާހިޝްކަންތައްތަކަށް އަރައިގަތުމަށާއި ތިމާގެ ބުއްދި އެއީ ގޯސްކަންތައްތައްކަމުގައި ދެކޭކަންތައް ކުރުމަށާއި އަދި އެހެންމީހުންގެ ހައްގުތަކަށް އަރައިގަތުމަށެވެ. މި (ތައުލީމާތުތައް އުނގަންނައިދެއްވައި) ތިޔަބައިމީހުންނަށް، އެކަލާނގެ ނަސޭހަތްތެރިވެވޮޑިގަންނަވައެވެ. އެ (ނަސޭހަތް ގަބޫލުކޮށް،) ތިޔަބައިމީހުންގެ ހަނދާނުގައި އެކަންކަން ބަހައްޓައި (އިސްލާހުވެދިޔުމަށްޓަކައެވެ).’ މިއާޔަތަކީ ކީރިތި ގުރްއާނުގެ ހިދާޔަތު، އާދެ، އެފޮތުގެ ތަޢުލީމާތުތައް، އުނގަންނައިދިނުންތައް، ޚުލާސާކޮށްލެވިފައިވާ އާޔަތެކެވެ. މިއާޔަތުގައި ކީރިތި ޤުރުއާނުގެ މައިގަނޑު ދެ ލަނޑުދަނޑި ވެސް ނަންގަނެވިފައިވެއެވެ. ހެޔޮލަފާ ސާލިހު ފަރުދުންތަކެއް އުފެއްދުމާއި އަދި މި ފަދަ ބަޔެއް ހިމެނޭ، އަދި އެމީހުންގެ މެދުގައި ހަމަހަމަކަމާއި ޢަދުލު-އިންސާފު އޮތް، މުޖުތަމައެއް އުފެއްދުމެވެ. މި އާޔަތުގައި ކީރިތި ޤުރުއާނުގެ ތަޢުލީމާތުތަކުގެ ޚުލާސާ ހުށަހަޅާލެވިފައިވާތީ ކޮންމެ ހުކުރު ދުވަހަކު ހުކުރު ޚުތުބާގައި މިއާޔަތް ކިޔެވި މިއާޔަތުގައި އެކުލެވޭ އިސްލާމީ މައިގަނޑު އަމާޒުގެ ވާހަކަ މުސްލިމުންނަށް ހަނދާންކޮށްދެވެއެވެ.

އާދެ، އަޟްހާ ޢީދާއި ގުޅިފައިވާ ޙައްޖުގެ އަޅުކަމުން ތަމްސީލުވެގެންދަނީ މިނަންގަތް ހަމަހަމަކަމުގެ ސިފައެވެ. ޙައްޖުވެރިންގެ ހެދުމުންނެވެ. އެމީހުން އެއްވެ ތިބޭ ތިބުމުންނެވެ. ޙައްޖުވެރިން ކުރާ އަޅުކަމުންނެވެ. އެމީހުންގެ އަޅުކަމުގެ ކިޔުންތަކާއި ޙަރަކާތްތަކުންނެވެ. މިކަން ފާހަގަކުރައްވައި އެމެރިކާގެ މަދަނީ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތްކުރައްވައި އަދި ފަހުން އިސްލާމް ދީން ގަބޫލުކުރެއްވި މެލްކަމް އެކްސް، އޭނާގެ ޙައްޖުގެ ތަޖުރިބާގެ ވާހަކަދައްކަވަމުން ވިދާޅުވެފައިވެއެވެ. “މާތްވެގެންވާ މައްކާއަށް ޒިޔާރަތްކުރުމުގެ ނިޢުމަތް އަހަންނަށް ލިބިއްޖެއެވެ. ކަޢުބާގެ ވަށައިގެން ހަތްފަހަރު އަހަރެން ބުރުޖަހައިފީމެވެ … ޒަމްޒަމް ވަޅުން ޒަމްޒަމް ފެން އަހަރެން ބުއީމެވެ. ސަފާއާއި މަރުވާ ފަރުބަދައިގެ ދެމެދު އަހަރެން ހަތްފަހަރު ހިނގީމެވެ. މިނާގައްޔާއި އަދި އަރަފާތުގައި ވެސް އަހަރެން ނަމާދުކޮށް ދުއާކުރީމެވެ. ޙައްޖުގެ އަޅުކަމުގައި އެތައް އެތައް ހާސް ޙައްޖުވެރިންނެއް ބައިވެރިވިއެވެ. ދުނިޔޭގެ އެތައް މިތަނުން އައި ޙައްޖުވެރިންނެވެ. ލޮލުގެ ކަޅިރަވަ ނޫ އަދި ހަމުގެކުލަ ދޮން ޙައްޖުވެރިންނާއި ހަމުގެކުލަ ކަޅު އެފްރިކާގެ ޙައްޖުވެރިންނެވެ. ނަމަވެސް އަހަރުމެން އެންމެން އަދާކުރަމުންގެންދިޔައީ ހަމަ އެއްކަންތައްތަކެކެވެ. އެއްބައިވަންތަކަމާއި އެއްބަނޑު އެއްބަފާކަން ތަމްސީލުކޮށްދެމުންނެވެ. މި ފަދަ އެއްބައިވަންތަކަމާއި އެއްބަޑުއެއްބަފާކަމުގެ ރޫޙަކީ، އެމެރިކާގައި އަހަރެންގެ އަމިއްލަ ތަޖުރިބާގެ އަލީގައި، ދޮންމީހުންގެ ނަސްލާއި ދޮންނޫން މީހުންގެ ނަސްލުތަކުގެ މެދުގައި ފަހަރެއްގައިވެސް، ގާއިމު ކުރެވިދާނޭ ކަމެއްކަމުގައެއް އަހަރެން ކުރިއަކުން ގަބޫލެއް ނުކުރަމެވެ.” އާދެ، އެކިއެކި ތަފާތުތަކުގެ މައްޗަށް ބިނާކޮށް އިމްތިޔާޒު ލިބިދޭ ދިނުން އެއީ ހަމައެއް ނޫންކަން ކީރިތި ޤުރުއާނުގައި ޙުޖުރާތު ސޫރަތުގެ ކަނޑައަޅާލައި، މިފަދަ ތަފާތުކުރުން ނެތިދާގޮތް ޙައްޖުގެ އަޅުކަމުގެ ތެރެއިން ވަރަށްވެސް ރީތިކޮށް ފެނިގެން ދެއެވެ.

އާދެ، އަޟްހާ ޢީދު ފާހަގަކުރަމުންދާއިރު، ހަނދާނަށް ގެންނަން ޖެހޭ އެންމެ މުހިއްމު އެއްކަމަކީ މިނަންގަތް ކަމެކެވެ. އަޟްޙާ ޢީދު އެ އަޅުކަމަކާއި ގުޅިފައިވާ ޙައްޖުގެ އަޅުކަން ރަމްޒުކޮށްދޭ ހަމަހަމަކަމެވެ. އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމެވެ. އެންމެންނަކީވެސް އިންސާނީ ކަރާމަތް ލިބިގެންވާ ބައެއްކަމެވެ. އެންމެނަށްވެސް ގަދަރުކޮށް އިހުތިރާމު ކުރަން ޖެހޭނޭކަމެވެ. ތިމާގެ ބަހުންނާއި މުއާމަލާތުތަކުން މިކަން ފެންނަންޖެހޭނޭކަމެވެ. މިފަދަ ހަމަހަމަކަމާއި ޢަދުލުވެރިކަމެއް ޤާއިމުކުރެވެން އަންނަނީ މުޖުތަމަޢުގައި ހިމެނޭ އިޤުތިޞާދީ ގިންތިތަކުގެ މެދުގައިވާ ތަފާތު ކުޑަކުރެވިގެންނެވެ. މުޖުތަމަޢުގައި އަސާސީ ބޭނުންތައް ނުފުދިފައި ބަޔަކު ތިބި ނަމަ އެމީހުންގެ އެފަދަ ބޭނުންތައް ފުއްދައިދެވިގެންނެވެ. އާދެ، މުޖުތަމަޢުން ފަޤީރުކަމާއި މުހުތާދުކަން ނެތިކޮށްލެވިގެންނެވެ. އީދުގެ އުފާ ފާޅުކުރަމުންދާއިރު މިވެސް ހަދާންކޮށްލަންޖެހޭ، އީދުގެ މާނައާއި ގުޅިފައިވާ ކަމެކެވެ.

އަޟްޙާ ޢީދު ފާހަގަކުރަމުންދާއިރު ހަނދާންކޮށްލަން ޖެހޭ ދެވަނަކަމަކީ ކީރިތި ރަސޫލާގެ ޙައްޖުކުރެއްވުމާއި އެ ޙައްޖުގައި ހިނގައި ދިޔަ މުހިއްމު ހާދިސާތަކެވެ. މިގޮތުން ދެކަމެއް ނަންގަނެލާނަމެވެ. ފުރަތަމަ ކަމަކީ އެ ޙައްޖުގައި އިސްލާމް ދީން ފުރިހަމަ ކުރެވުނުކަން އިއުލާނުކުރެވުނުކަމެވެ. އާދެ، މާއިދާ ސޫރަތުގެ ތިންވަނަ އާޔަތުގައެވެ. اليوم أكملت لكم ينكم وأتممت عليكم نعمتي ورضيت لكم الإسلام دينا ‘މިއަދު (މިތަނުގައި އިޝާރަތްކުރެވެނީ ހިޖުރައިން 10ވަނައަހަރުގެ ހައްޖު ދުވަހަށެވެ) ކަލޭމެންނަށް، ކަލޭމެންގެ ދީން ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމުއެވެ. އަދި ތިމަން ރަސްކަލާނގެ ނިއުމަތް ކަލޭމެންގެ މައްޗަށް ފުރިހަމަކޮށްދެއްވައި އަލްއިސްލާމު (މާތްﷲއަށް އީމާންވެ، ހެޔޮއަމަލުކޮށް، އެގޮތުގައި އެކަލާނގެއަށް އިސްތިސްލާމުވެ، ކިޔަމަންތެރިކަން އަދާކުރުން) އެއީ ތިޔަބައިމީހުންނަށްޓަކައި ތިމަންރަސްކަލާނގެ ރުހިވޮޑިގެންވާ ދީންކަމުގައި ލައްވައިފީމުއެވެ.’ ބުނެވޭ ގޮތުގައި އަޟްހާ އީދު ‘ބޮޑު’ އީދަކަށްވެ، އެ އީދު ފާހަގަކުރުން ދިގުދެމޭގޮތަށް ހަމަޖެހުނީ އިސްލާމް ދީން ފުރިހަމަވުމުގެ މުނާސަބަތް ފާހަގަކުރުމުގެ ގޮތުންނެވެ. އަޟްޙާ ޢީދު ފާހަގަކުރުމުންދާއިރު މިއީވެސް ހަނދާނަށް ގެންނަންޖެހޭ ކަމެކެވެ.

ދެވަނަ ކަމަކީ ކީރިތި ރަސޫލާގެ އެންމެ ފަހުގެ ޚުތުބާއެވެ. އާދެ، އެކަލޭގެފާނުގެ ވަދާއީ ޚުތުބާގެ ވާހަކައެވެ. އެ ޚުތުބާގައި ފާހަގަކުރެއްވި މުހިއްމު ނުކުތާތަކެވެ. އެ ނުކުތާތަކުގެ ޚުލާސާއެއް ހުށަހަޅާލާފައި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަމެވެ.

ޚުތުބާ ފެއްޓެވީ މާތްﷲއަށް ޙަމްދުކުރެއްވުމަށްފަހު، އެކަލޭގެފާނު ޙައްޖުވެރިންނާއި މުޚާތަބުކުރައްވައި، ތަގުވާރެވިވުމަށް ގޮވާލައްވަމުންނެވެ. ދެން، މީސްތަކުންގެ ފުރާނައާއި އެމީހުންގެ މުދަލަކީ ޙުރުމަތްވެގެންވާ އެއްޗެހި ކަމުގައި ވިދާޅުވިއެވެ. އާދެ، އެއްބަޔަކު އަނެއްބަޔަކާއި ތަޅާފޮޅައި އެއްބަޔަކު އަނެއްބަޔަކުގެ މުދަލަށް އަރައިގަތުމަކީ ޙަރާންކަމެއްކަން ހަނދާންކޮށްދެއްވިއެވެ. އަދި އެކަމެއްގެ މައްޗަށް ދީނުގެ އަސާސު ބިނާވެގެންވާ ކަންތައް – ޙަލާލު ޙަރާމުގެ މައްސަލަ ނުވަތަ ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި ގެ މައްސަލަ – މިކަމުގެ މައްޗަށް ރައްކާތެރިވެ ތިބުމަށް ހަނދާންކޮށްދެއްވިއެވެ. އަދި ދެމަފިރިންގެ ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގުޅުން ބިނާވާންޖެހޭނީ އޯގާތެރިކަމާއި އެކަކު އަނެކަކަށް އަޅާލައި ކަމޭހިތުމުގެ މައްޗަށްކަން ބަޔާންކުރައްވައި ނަސޭހަތްތެރިވެލެއްވިއެވެ. އަދި ޚުތުބާ ނިންމާލެއްވި މުސްލިމުންނަކީ އެއްބަޔެއްކަމުގައި ވިދާޅުވަމުންނެވެ. އެމީހުންގެ މެދުގައި ފުރިހަމަ ގޮތެއްގައި ހަމަހަމަކަން އޮންނަންޖެހޭނޭކަން ފާހަގަކުރައްވައި އެކަމަށް ބާރުއަޅުއްވަމުންނެވެ. އާދެ، މަތީގައި ބަޔާންކުރެވިދިޔަ ޙައްޖުގެ އަޅުކަމުގައި ތަމްސީލުވެގެންދާ އެންމެ މަތިވެރި އެއް ސިފައިގެ ވާހަކަ ވިދާޅުވެ، އެކަން ފާހަގަކުރައްވައި އެކަމަށް ބާރުއަޅުއްވަމުންނެވެ.

މަތީގައި ނަންގަނެވި ދިޔައީ ބޮޑު އީދު ފާހަގަ ކުރަމުންދާއިރު ހަނދާންކޮށްލަން ޖެހޭ ބައެއްކަންކަމެވެ. މަތީގައި ބަޔާންކުރެވިދިޔަ ފަދައިން، މިހަނދާންކޮށްލުން ގުޅެނީ އިސްލާމީ ބައެއް މުހިއްމު އަގުތަކާއި އެވެ. ތަގުވާވެރިކަމާއި ހެޔޮލަފާ އިންސާނަކަށް ވުމުގެ އަގެވެ. ހަމަހަމަކަމާއި އަދުލު އިންސާފުގެ އަގެވެ. އަދި އިސްލާމް ދީން ފުރިހަމަ ކުރެވުނު ތާރީޚީ ދުވަހުގެ ހަނދާންތައް ވެސް މެއެވެ. އަދި އެދުވަހާއި ގުޅިގެން ކީރިތި ރަސޫލާ ދެއްވި ޚުތުބާގައި އެކުލެވޭ ތައުލީމާތުތަކުގެ ހަނދާނެވެ. އާދެ! މިއީ އަޟްޙާ ޢީދުގެ މާނަ އެކަންކަމާއި ގުޅިފައިވާ ބައެއް ކަންކަމެވެ.

އަޟްޙާ ޢީދުގެ ތަހުނިޔާއާއި މުބާރަކުބާދީ ހުރިހާ ކިޔުންތެރިންނަށް ރައްދުކުރަމެވެ!

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top