ބޮޑުއީދަށް އޭދަފުއްޓަށް 1000މީހުން!؟

DSCN3338.jpg

އޭދަފުށީގެ ބަނދަރުމަތީގެ މަންޒަރެއް -- އީވީ ފައިލް ފޮޓޯ

ނުވަ ދުވަހުގެ ދިގު ޗުއްޓީއެއް މިއަހަރު ބޮޑު އީދަށް ލިބޭ އިރު މިދިޔަ ބުދަ ދުވަހުން ފެށިގެން އޭދަފުއްޓަށް އީދަށް މީހުން އަރަން ފެށިގޮތަށް މިއަދާއި މާދަމާވެސް ވަޔާއި ކަނޑުގެ މަގުން މީހުން އަރައި  ބާރު ބޮޑުކޮށްލައިފިއެވެ. އޭދަފުއްޓަށް މިއީ އާކަމެއް ނޫނެވެ. ވޭތުވެ ދިޔަ އަހަރުތަކުގައިވެސް އީދަކީ އޭދަފުށީގެ ބަހާރު މޫސުމެވެ. އީދުގެ އުފަލާއެކު މާލޭގައި ދިރިއުޅޭ އޭދަފުށީގެ އެތައް ސަތޭކަ އާއިލާ،  އަހަރަކު އެއްފަހަރު އުފަން ބިމަށް ޒިޔާރަތްކޮށް އާއިލީގުޅުން ބަދަހި ކުރުމަކީ އޭދަފުށީ އުފަން ދަރިންގެ ރީތި އާދައެކެވެ. މި ގޮތަށް ޒިޔާރަތްކުރާއިރު އެމީހުންގެ ރައްޓެހިންނާ ރައްޓެހިންގެ ރައްޓެހިން އައިސް ހިމޭންކަމާއެކު އޮންނަ އޭދަފުށީގެ މާހައުލު އެކިކަހަލަ ކުޅިވަރުތަކާއެކު ހަލަބޮލި ކޮށްލައެވެ.

އޭދަފުށީގައި ހައިސްޕީޑް ލޯންޗުގެ ޚިދުމަތް ދޭ ތިން ކުންފުނީގެ ލޯންޗްތަކުން ބުދަ ދުވަހުން ފެށިގެން މާލެއާއި އޭދަފުއްޓާ ދެމެދު ދުވާލަކު ދޭއް ނުވަތަ ތިން ދަތުރު އަޅަމުން ދާއިރު އެލޯންޗް ސެކްޝަން ތަކުގެ ޝެޑިއުލް ވަނީ އަންނަ އާދީއްތަ އާ ހަމައަށް ފުލްވެފައެވެ. އޭދަފުށީގައި ފުޅާދާއިރާއެއްގައި ސްޕީޑް ލާންޗްގެ ހިދްމަތް ދެމުން އަންނަ ޔޫސުފް ސްޕީޑުން ބުނީ މިދުވަސްކޮޅު ކޮންމެ ދުވަހަކު މާލެ – އޭދަފުށި ދެބުރު ޖަހަމުންއަންނަ ކަމަށާ، އާދީއްތަދުވަހާ ހަމައަށް ފުލްވެފައިވާކަމަށެވެ.

“މިހާރުވެސް މިއުޅެނީ ލާންޗުން މީހުން ބޭލުމުގެ މަސައްކަތުގައި. ވަރަށް ބާރުބޮޑު. އާދީއްތައިގެ ކުރިއަކުން ނެތް އެންމެ ސީޓެއްވެސް ދެވޭކަށް” ޔޫސުފް ސްޕީޑްގެ އޮފިޝަލް އަހްމަދު ޔޫސުފް ބުންޏެވެ.

އޭދަފުށީ ސޭލަމް ސްޕީޑުންވެސް ބުނީ އެމީހުން ލާންޗްތައް ކެނޑިނޭޅި ދަތުރުތައް ކުރަމުން އަންނައިރު، މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުތަކަށް ދަތިތަކާ ދިމާވަމުންވެސް ދާކަމަށެވެ. ނަމަވެސް ސޭލަމުން ބުނީ 300 އެއްހާ މީހުން އީދަށް އެކުންފުނީގެ ލާންޗްތަކުން އޭދަފުއްޓަށް ދަތުރުކުރާނެކަމަށެވެ.

“ބުރާސްފަތިދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް މިއުފުލަނީ 300 މީހުން، ދުވާލަކު 100 އެބައުފުލަން މާލެއިން. ދަތުރުތަކަށް ބާރުބޮޑު، މޫސުންވެސް ގޯސް” ސޭލަމްގެ އޮފިޝަލް ހަލީމް ބުންޏެވެ.

އީދަށް އޭދަފުއްޓަށާ ބ.އަތޮޅަށް ދަތުރު ކުރާ މީހުންގެ ޑިމާންޑް ބޮޑުވެ މިދިޔަ ހަފްތާއިން ފެށިގެން މާދަމާއާއި ހަމައަށް މޯލްޑިވިއަންގެ މާލެ-ދަރަވަންދޫ ޓިކެޓް ފުލްވެފައިވާ ކަމަށް އެ އެއަރލައިނުން މައުލޫމާތު ދެއެވެ. ހަމައެހެންމެ ފްލައިމީ އާއި މަންޓާ އެއާއިންވެސް މިދިޔަ ހަފްތާ ބާރު ބޮޑުކޮށް ގޮސްފައިވާ އިރު މިއަދާއި މާދަމާގެ ޓިކެޓްވެސް ފުލްވެފައިވާ ކަމަށް އެތަނުން މައުލޫމާތު ދެއެވެ. ދަރަވަންދޫ އެއާޕޯޓް މެނޭޖަރ ނާޒިމް އަބްދުއްސައްތާރު ބުނީ ދަރަވަންދޫ މަގުން މިއަހަރު ދަތުރުކުރާ މީހުން ވަރަށް ބޮޑުތަނުން އިތުރުކަން ފާހަގަކުރެވޭކަމަށާ، ހަމައެކަނި ވައިގެ މަގުން ވެސް އޭދަފުއްޓަށް ގިނައަދަދަކަށް މީހުން ދަތުރުކުރިކަމަށެވެ.

“ސީދާ އަދަދެއް ބުނާކައެށް އެހެން ނޭނގޭ. އެހެންނަމަވެސް އެނގޭކަމަކީ އީދު ބަންދުތެރޭގައި އެއްވެސް އެއާލައިނަކުން މިހާރު ޖާގަލިބެން ނެތްކަން. އޭދަފުއްޓަށް ދެން ބޮޑު އަދަދެއް މިއަންނަނީ. އަތޮޅުގެ އެހެންރަށްރަށަށްވެސް މީހުން އާދޭ”

ތަފާސް ހިސާބުތައް ދައްކާގޮތުން އީދުބަންދު ތެރޭގައި އޭދަފުއްޓަށް ހާހެއްހާމީހުން ޒިޔާރަތްކުރާނެއެވެ. މިހެން ވުމާގުޅިގެން އޭދަފުށީގެ ގޭގެތަކުގެ އިތުރުން ކުލީ ކޮޓަރިތައްވެސް ވަނީ ފުލްވެފައެވެ. 10 ކުލީ ކޮޓަރި އޮޕަރޭޓްކުރާ އޭދަފުށީ މުހައްމަދު ރިޒާ ބުނީ ރޫމްތައް މިދިޔަ މަހު ބުކްކޮށް ނިމިފައިވާކަމަށާ، ފަހުންވެސް ގިނަ އަދަދަކަށް މީހުން ކޮޓަރި ހޯދަން އެދުނުކަމަށެވެ.

“ވަރަށް ގިނަ ބަޔަކު ފަހުންވެސް ގުޅި. އެކަމަކު އަޅުގަނޑުމެން އަތުގައި ހުރި އަދަދަކަށްތާ ރޫމް ދެވޭނީ. މިދިޔަ އަހަރުތަކަށްވުރެ މާބޮޑަށް ޕްރެޝަރު ބޮޑު މިއަހަރު” ރިޒާ ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top