ކޮވިޑް-19: މި ސަރަހައްދުން އެންމެ ބޮޑު ގެއްލުމެއް ވާނީ ރާއްޖެއަށް- ވޯލްޑް ބޭންކް

b_rMNTbXGQJ3JeL09Vzget56HV6.jpg

ވޯލްޑްބޭންކުގެ ހެޑްކުއާޓަރު ---

ކޮވިޑް- 19 ގެ ސަބަބުން ދެކުނު އޭޝިއާ އިން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖޭގެ އިގްތިސާދަށް ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން މިހެން ބުނެފައިވަނީ އެބޭންކުން އެކުލަވާލި “ސައުތު އޭޝިޔާ އިކޮނޮމިކް ފޯކަސް: ސްޕްރިންގް 2020” ރިޕޯޓްގައެވެ. އެރިޕޯޓުގައިވާ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން 13- އާއި 8- އާއި ދެމެދަށް ވެއްޓޭނެ އެވެ.

މިހެން ކަންތައް ދިމާވާނެ މައިގަނޑު ސަބަބެއް ކަމުގައި އެބޭންކުން ބުނީ ރާއްޖެއަކީ ޓޫރިޒަމަށް ބަރޯސާވާ ގައުމަކަށް ވުމުން ކޮވިޑް 19 އާ ގުޅިގެން އެ އިންޑަސްޓްރީ އެއްކޮށް ހުއްޓިފައި އޮތުމެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މި ހާލަތުގައި ދިވެހިރާއްޖޭގެ ކަރަންޓް އެކައުންޓްގެ ޑެފިސިޓް ރަނގަޅުވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ ރާއްޖެއިން ބޭރަށް ރެމިޓެންސްގެ ގޮތުގައި ބޭރުވާ ފައިސާ މަދުވުމާއި ތަކެތި އިމްޕޯޓްކުރާ މިންވަރު މަދުވުމެވެ. ނަމަވެސް ތަކެތި އެކްސްޕޯޓްކުރާ މިންވަރުވެސް މަދުވާނެކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައެވެ.

ވޯލްޑްބޭންކުން މިގޮތަށް ލަފާކޮށްފައިވާއިރު، ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މީގެ ކުރިން ބުނެފައިވަނީ ފަތުރުވެރިކަން މިހާރު މިއޮތް ހާލަތުގައި އޮވެއްޖެނަމަ ރާއްޖޭގެ ޖީޑީޕީ 17- އަށް ވެއްޓޭނެ ކަމަށެވެ.

ރާއްޖެ މި ހާލަތަށް ވެއްޓިގެން ދާއިރު ޕާކިސްތާނާއި އަފްޣާނިސްތާނާއި ސްރީލަންކާގެ އުފެއްދުންތެރިކަމުގެ ނިސްބަތްވެސް ފާއިތުވި އަހަރުތަކާ އަޅައި ބަލާއިރު ވަރަށް ބޮޑުތަން ދަށްވެގެން ދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެއެވެ.

އިގްތިސާދަށް އަންނަ މި ބަދަލުގެ ސަބަބުން އާންމު ދިރިއުޅުމުގެ ފަރަގުތައް ވަރަށް ބޮޑުތަނުން ތަފާތުވެ، އާމްދަނީގެ ފަރަގު ވެސް އިންތިހާއަށް ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން ފަގީރުންގެ ނިސްބަތް ވެސް އިތުރުވާނެ ކަމަށް ވޯލްޑްބޭންކުން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން ވަޒީފާ ގެއްލޭ މީހުންގެ އަދަދު ވެސް އެންމެ ގިނަވާނީ ސައުތު އޭޝިއާގައި ކަމަށް އެބޭންކުން ބުނެއެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވުމާއި ގުޅިގެން ސަރުކާރުން ވަނީ އާންމު ވިޔަފާރިތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ރިލީފް ޕެކޭޖުތަކެއް ތައާރަފުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top