މިހާތަނަށް ބާއްވާ އެންމެ ހަރަދު ބޮޑު ލޯކަލް ކައުންސިލް އިންތިހާބު، އޭޕްރީން 10 ގައި

Capture-36.jpg

މިހާތަނަށް ބާއްވާ އެންމެ ކަރަދު ބޮޑު ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 10 ގައި ބާއްވަން ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިއަދު ވިދާޅުވި ގޮތުގައި މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން އިންތިޚާބުގެ މަސައްކަތް ފަށާނެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އިންތިހާބުގެ ހާއްސަ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އެއާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކައުންސިލް އިންތިހާބު ބޭއްވާނަމަ އަމަލުކުރަންޖެހޭނެ ގޮތުގެ ގައިޑްލައިން ޑްރާފްޓްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފަ އެވެ.

މިއަދު ޝަރީފް ވިދާޅުވީ ގައިޑްލައިންގައި ހުރި ބައެއް ކަހަލަ ކަންބޮޑުވުންތަކާ ގުޅިގެން ސިޔާސި ޕާޓީތަކާއެކު މަޝްވަރާކުރަން އީސީން އެދުނު ނަމަވެސް، ޕާޓީތަކުން އެދެވޭ ޖަވާބެއް ދީފައި ނުވާ ކަމަށެވެ. އަދި ކަންބޮޑުވުންތަކުގެ ސަބަބުން އިންތިހާބު ފަސްކުރުމަށް ޕާޓީތަކުގެ މަޝްވަރާއަށް އެދުމުން ޕާޓީތަކުން އެ މަޝްވަރާއަށް އެއްބަސްވެފައި ނުވާ ކަމަށެވެ.

“އެހެންކަމުން ގާނޫނުގައި އެވާ ގޮތުގެ މަތިން އަޅުގަނޑުމެން މިހާރު އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހަކީ އޭޕްރީލް މަހުގެ ދިހަ ވަނަ ދުވަސް،” ޝަރީފް ވިދާޅުވި އެވެ.

ކޮމިޝަންގެ މެންބަރު ފުއާދު ތައުފީޤު ވިދާޅުވީ، އިންތިހާބު ބާއްވާއިރު އަމަލުކުރަންޖެހޭނެ ގޮތުގެ އެޗްޕީއޭގެ ގައިޑްލައިންގައި ދަށުން އިންތިހާބު ބޭއްވުމަށް ވަރަށް ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެއާއެކު އިންތިހާބަށް ކުރެވޭ ޚަރަދުވެސް އެތައް ގުނައަކުން ބޮޑުވާނެކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.

އެގޮތުން އެޗްޕީއޭގެ ގައިޑްލައިންތަކާއެކު އިންތިހާބު ބާއްވާނަމަ، ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ ބަޖެޓްގެ ބޭރުން އިތުރަށް ޚަރަދު ކުރަން ޖެހޭނެކަމަށް ފުއާދު ފާހަގަކުރެއްވިއެވެ. އަދި އިންތިޚާބު ބޭއްވުމަށް ފުރަތަމަ އެދުނީ 71 މިލިއަން ރުފިޔާ ކަމަށާއި އެހެންނަމަވެސް ލިބުނީ 51 މިލިއަން ކަންވެސް ފުއާދު ފާހަގަކުރެއްވިއެވެ.

އިންތިހާބު ބާއްވާނެ ތާރީޚް ކަނޑައެޅުމާއެކު، ގާނޫނުން މަނާކޮށްފައި އޮތް އިންތިޚާބަށް ކެމްޕޭނު ކުރުމާއި، އިންތިޚާބާ ގުޅުންހުރި އެހެނިހެން ކަންކަން ކުރަން މިއަދު ފެށޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top