2015ވަނައަހަރު ނިމިގެންދިޔައީ ބ. އަތޮޅުކައުންސިލްގެ ދުވެލި މަޑު އަހަރެއްގެ ގޮތުގައި

huvaakurumuge-rasmiyyaathu-2.jpg

ބ.އަތޮޅުކައުންސިލްގެ މެންބަރުން .

ބ.އަތޮޅު ކައުންސިލުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަކީ ނުވަތަ އަމާޒަކީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ޚިދުމަތުގެ ފެންވަރު އަވަސްވެ ރަނގަޅުވުމާއެކު ،އަތޮޅު ތަރައްގީގެ މަގުގައި ކުރިއަށް ދިއުމަށް މަގު ފަހިވެފައިވުން ކަމުގައި އަތޮޅުކައުންސިލުން ބުނެފައިވެއެވެ. އެހެންނަމަވެސް މި މިޝަން ކާމިޔާބުކުރުމަށް އަތޮޅުކައުންސިލުން މަސައްކަތް ކުރެވިފައިވަނީ ކިހާވަރަކަށް ބާއެވެ. މިއީ ރަށާ އަތޮޅުގެ ކުރިއެރުމަށް ވިސްނާ ކޮންމެ މީހަކު އަމިއްލައަށްވެސް ކޮށްލަން ރަނގަޅު ސުވާލެކެވެ.

2015ވަނައަހަރު ނިމި އާއަހަރަކާ ކުރިމަތިލާފައިވާއިރު ވޭތުވެދިޔަ އަހަރު ކައުންސިލްގެ ފަރާތުން އަތޮޅުގެ ރައްޔިތުންނަށް ގެނެސްދިން އުފާވެރިކަމަކީ ކޮބާހެއްޔެވެ. އަތޮޅުތެރެއަށް އައި ކުރިއެރުމަކީ ކޮބާ ހެއްޔެވެ. ކޮށްދެވުނީ ކޮންކަމެއް ހެއްޔެވެ. ރައްޔިތުންނަށް އަތޮޅުކައުންސިލެއް އޮވެގެން ވީ ފައިދާއަކީ ކޮބާހެއްޔެވެ؟ މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް މިއަތޮޅުގެ އެކި ރަށްރަށަށް ވަކިވަކިން ގުޅުމުންވެސް އެއްވެސް ރަށަކުން އަތޮޅު ކައުންސިލުން ރައްޔިތުންނާއި ގުޅުންހުރި ދާއިރާއަކުން ފާހަގަކޮށްލެވޭވަރުގެ ކަމެއް ކޮށްދީފައިވާ ކަމަކަށް ނުބުނެއެވެ.

ދެން ބަލައިލަން ޖެހުނީ އަތޮޅުކައުންސިލްގެ ވެބްސައިޓެވެ. ކައުންސިލްގެ ވޭތުވެދިޔަ އަހަރަށް ބަލާއިރު ރައްޔިތުންނާ ގުޅުންހުރިކަމަކަށް ކުރެވިފައިވަނީ މަދު ކަމެކެވެ. ގުރުއާން މުބާރާތެއް ބޭއްވުމާ ބަށި މުބާރާތެއް ބޭއްވުމެވެ. ފުނަހަރަކާތާއި ބޭރުގެ ޖަމާއަތަކުން ދީފައިވާ އެހީއެއް ދެރަށަަކާ ހަވާލުކުރުމެވެ. ދެންހުރީ އިދާރީކަންކަމެވެ.

ޤުރުއާން މުބާރާތަކީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އިސްނެގުމާއެކު އެމަރުކަޒުން އެދިވަޑައިގެން ގައުމީ މުބާރާތަށް ކުދިން ތައްޔާރު ކުރުމުގެ ގޮތުން އެމަރުކަޒުގެ ބައިވެރިވުމާ މާލީ އެހީތެރިކަމާއެކު ބާއްވަމުން އަންނަ މުބާރާތެކެވެ. ދެންއޮތީ ބަށި މުބާރާތެވެ. އަތޮޅު ކައުންސިލުން މިކަން ކޮށްފައިވަނީ ވަރަށް މުހިއްމުކަމެއްކަމަށް ދެކިގެން ނެވެ. އެހެންނަމަވެސް މުޅި އަހަރުދުވަހުގެ ތެރޭގައި އަތޮޅު އެންމެން ޝާމިލް ވާގޮތަށް ކޮށްފައިވާ ހަމައެކަނި ކަމަކީ ބަށި މުބާރާތެއް ބޭއްވުން ކަމަށްވާނަމަ އަތޮޅު ކައުންސިލް މިދަނީ ނުވަތަ ދާން މިއުޅެނީ މިޝަންގައި ބުނާ އަމާޒަށް ބާއެވެ.

އަހަރުގެ ވަރަށް ކުރީކޮޅު ކައުންސިލުގެ ފަރާތުން ކުރަން ރާވާފައިވާ އަދަބީ މުބާރާތްތަކާ ކަނޑައަޅާ ނިންމާފައިވާ އެއްވެސް ކަމަކަށް އަމަލީ ސިފައެއް ނުގެނެސް ބަށި މުބާރާތެއް ބޭއްވުމަކީ ރައްޔިތުންނަށް ކޮންކަހަލަ މަންޒަރެއް ދައްކަން ކުރި ކަމެއްކަން އަޅުގަނޑުމެންނަށް ނޭނގުނުކަމުގައިވިޔަސް އެބޭފުޅުންނަށް އެއީ ވަރަށް މުހިއްމު ކަމެއްކުރެވުނީ ކަމުގައި ދެކޭނަމަ އެއޮތީ އަތޮޅު ރައްޔިތުންނަށް ބޮޑު ކަމެއް ކޮށްދެވިފައެވެ.

އެކަމަކު ރައްޔިތުން ކައުންސިލަރުން ހޮވާފައިވަނީ އެހެން މަގްސަދެއްގައެވެ. އެމަގްސަދު ގުޅިފައިވަނީ ތަރައްގީއާއެވެ. ތައުލީމީ ރޮނގުން އާ ކާމިޔާބު ތަކަކާއެވެ. ސިއްހީ ގޮތުން ދުޅަހެޔޮ އާބާދީއެއް އޮތް މުޖްތަމައަކާއެވެ. މިކަން ހަނދާން ނައްތާލާފައި ނުވަތަ މިޝަން ހަނދާންނައްތާލާފައި އަތޮޅު ކައުންސިލުން މިދިޔައީ މުޅިން އެހެން ދިމާލަކަށެވެ.

ރަށްރަށުގެ އާއްމުހާލަތު ރަނގަޅުކޮށް ތަރައްގީއަށް ބޭނުންވާ ކަންކަންފަހިކޮށްދިނުމާއި އުފެއްދުންތެރި މަސައްކަތްތައް ކުރުމުގެ މަގު ފަހިކޮށްދިނުންފަދަ ޕްރޮގްރާމްތައް ހިންގުމަކީ ރައްޔިތުން ކައުންސިލްގެ ފަރާތުން ކުރަމުން އަންނަ އުއްމީދެކެވެ. ކޮށްދޭން ޖެހޭ ކަމެއްވެސް މެއެވެ. އެކަމަކު އެއްްވެސް ރަށެއްގައި އަތޮޅުކައުންސިލުން އިސްނަގައިގެން މިފަދަކަމެއް ހިންގިފައި ނުވާކަމީ ރައްޔިތުން ހިތާމަކުރާކަމެކެވެ. ޝައްކުގެ ނަޒަރުން ކައުންސިލަރުންނާ ދިމާލަށް ކަޅިއަޅާ ކަމެކެވެ.

ސަބަބަކީ ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ލިބިފައިވާއިރު އެބާރުތަކުގެ ބޭނުންހިފައިގެން ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ކޮށްދިނުމުގައި ފަހަތުފަޔަށް ބުރަވެފައި ތިބުމުން ރަށްރަށުގެ ކުރިއެރުމުގެ ދުވެލި މިއަދު ވަނީ އެތައް އަހަރެއްގެ ފަހަތަށް ގޮސްފައޭ ބުނާހިތް ނުވިޔަސް ހަގީގަތަކީ އެއީ ނޫންހެއްޔެވެ.

2015ވަނަ އަހަރު ފެށުމާއެކު އަތޮޅުކައުންސިލްގެ ފަރާތުން މަދު ކަންތައް ތަކެއް ކުރުމަށް ނިންމިއެވެ. އަތޮޅުކައުންސިލްގެ ނަމުގައި ވިޔަފާރިއެއް ފެށުމަށާއި އޭދަފުށީގައި ލޯކަލް މާރުކޭޓެއް އެޅުމަށް ނިންމައި ކޮންމެވެސް ވަރަކަށް އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިންމިއެވެ. ދިވެހި އަދަބިއްޔާތަށް ލޯބި އިތުރު ކުރުމުގެ ގޮތުން ވާހަކަދެއްކުމުގެ މުބާރާތެއްވެސް ބޭއްވުމަށް ނިންމިއެވެ. އަތޮޅަށް ރީތި ނަން ހޯދައިދޭ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކަށް ޚާއްސަ އެވޯޑެއް ދޭގޮތަށް ފާސްކުރިވާހަކަވެސް އަޑުއެހީމެވެ. އެހެންނަމަވެސް އަހަރު ނިމިގެން ދިޔައިރު މިއިން އެއްވެސް ކަމެއް ކުރެވިފައިނުވާކަމީ ކައުންސިލަރުންގެ ވާޖިބު އަދާކުރާގޮތާމެދު ސުވާލު އުފެދޭ ކަމެކެވެ.

ދެންއޮތީ އެހެންވާހަކައެކެވެ. އަތޮޅުތަކުގައި ހުންނަ މަރިޔާދުގެތަކާއި ރަށްވެހިގެ ފަދަ ތަންތަން ސްޓޭޓް ގެސްޓް ހައުސްތަކެއްގެ ގޮތުގައި އެލްޖީއޭއިން އޮގަސްޓް 14ގައި ހަމަޖެއްސުމާއި ގުޅިގެން ބ. އަތޮޅުގެ ބައެއް ކައުންސިލަރުން އެއްވެސް ކުއްޔެއް ދެއްކެވުމެއްނެތި ދިރި އުޅުއްވަމުން ގެންދަވާ އަތޮޅުގެ މިހާރު ވާނީ ސްޓޭޓް ގެސްޓްހައުސް އަކަށެވެ. އެލްޖީއޭއިން ވިދާޅުވާގޮތުންނަމަ އެތަނުގައި ތިބެވޭނީ ވަޒީރުން ފެންވަރުގެ ބޭފުޅުންނަށާއި އެކިއެކި ފަންނީ ބޭފުޅުންނަށެވެ. އެވެސް ކުއްޔަށެވެ. އެހެންނަމަވެސް ބ. އަތޮޅުގެއޭ ކިޔާ އިމާރާތުގައި ބައެއް ކައުންސިލަރުން އަދިވެސް ތިއްބަވަމުން މިގެންދަވަނީ ކޮން ގިންތިއެއްގެ ދަށުންކަން ދަންނަވާކަށް ނޭގެއެވެ. އެބޭފުޅުން އަމިއްލައަށް ކަނޑައަޅާފައިވާ ކުލިކަމުގައިވާ މަހަކު 600ރު.ގެ ރަމްޒީ ކުޑަކުޑަ ކުއްޔަކަށް ތިއްބަވާއިރު އެކުލިވެސް ދައްކަން ކައުންސިލުން ފާސްކޮށް އެކަން އެތައް ފަހަރަކު އެބޭފުޅުންގެ ސަމާލުކަމަށް ގެނައުމުންވެސް އަދިވެސް އެ ތަނުގައި އެތިއްބަވަނީ އެފައިސާވެސް ނުދައްކަވާކަމުގައި މައުލޫމާތު ލިބިފައިވެއެވެ. ހަމައެއާއެކު ފުލް އެއަރކަންޑިޝަންކޮށްފައި ހުރި އެ އިމާރާތުގެ ކަރަންޓްބިލް ދެއްކުމުގެ ބުރަ އުފުލަން މި ޖެހެނީ އަތޮޅު ކައުންސިލަށެވެ.

އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ އަތޮޅު ކައުންސިލަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރާއި އެބޭފުޅުންގެ ގާބިލްކަމާ އިލްމީ ހުނަރު ބޭނުންކޮށްގެން އަތޮޅުގެރަށްރަށުގެ ކުރިއެރުމާއި ތަރައްގީއަށް މަސައްކަތް ނުކޮށް ތިއްބަވަނީ ކީއްވެގެންބާއެވެ؟ ވާޖިބުއަދާކުރުމުގައި އިޚްލާސް ތެރިކަން ނުފެންނަނީ ކީއްވެގެން ބާއެވެ؟ ފަހަރުގައި އެއީ ސަރުކާރާ އިިދިކޮޅު މެންބަރުންގެ ބާރު ކައުންސިލުގައި އޮތީމާ ސަރުކާރުން ރައްޔިތުންނަށް ކަމެއްނުކޮށްދޭކަން އެންގުމަށް ކުރާ ކަމަކަށް ވެދާނެއެވެ. ނުވަތަ އެބޭފުޅުން ވިދާޅުވާގޮތުންނަމަ އެބޭފުޅުންނަށް ލިބިފައިވާ ބާރުތައް ސަރުކާރުން ހަނި ކުރުމުން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނެތީކަމަށްވެސް ވެދާނެއެވެ.

އަޅުގަނޑުމެންނަށް ފެންނަނީ މަންޒަރުގެ އަނެއް ފަރާތެވެ. އެފަރާތުން ފެންނަނީ ޒިންމާދާރުކަމާއެކު ކައުންސިލުން ރައްޔިތުންނާއަޅާލަން ވާވަރަށް އަޅާލާފައި ނުވާތަނެވެ.

ގައިމުވާކަމަކީ ކައުންސިލް މެންބަރުންނަކީ ގާބިލް ބައެއްކަމެވެ. ތަޖްރިބާހުރި އިލްމީގޮތުންވެސް ތަރައްރަފް ފުދިފައިވާ ބައެއްކަމެވެ. އެހެންކަމަށްވާނަމަ ވަސީލަތްތަކާ ބާރު ލިބިފައި، ކަންކަން ކުރެވޭނެ މަގު ފަހިވެފައިވާއިރު ކައުންސިލްގެ ދުވެލި ހުންނަން ޖެހޭނީ މިމިންގަނޑަށްވުރެ މަތީގައެވެ.

2016 ފެށިގެން އަންނައިރު އަނެއްކާވެސް އުއްމީދު ކުރެވެނީ އުއްމީދީ ބަދަލުތަކެއް އަތޮޅުގެ ހުރިހާ ރަށަކުންވެސް ފެނުމަށެވެ. މިއަހަރަކީ ތިޔަ ބޭފުޅުންވެސް އާދައުރަކަށް ކުރިމަތިލުމަށް ތައްޔާރުވާން ލިބޭ ފަހު ފުރުސަތު ކަމަށް ވާތީ އެ ފުރުސަތުގެ ބޭނުން ރަނގަޅަށް ހިއްޕަވައިގެން ރައްޔިތުންގެ ލޯބި ހޯއްދަވާނެކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top