ބޯޑަރު ހުޅުވާލުމުން މިއަހަރު ރާއްޖެ އަންނާނެކަމަށް ލަފާކުރަނީ ނުވަލައްކަ ފަތުރުވެރިން.

big_yTsWP8al0AHi4rr.jpg

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިޔަސް، މިއަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވެނީ 980،000 ފަތުރުވެރިން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުނެވެ.

ކޮވިޑް-19އާ ގުޅިގެން މިއަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި އެކު ރާއްޖެއަށް ފަތުރުވެރިން އައުން ވަނީ ހުއްޓިފައެވެ.

މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 1.7 މިލިއަން ފަތުރުވެރިން ކަމަށާއި، އެހެން ނަމަވެސް މިއަހަރު ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވެނީ، 980،000 ފަތުރުވެރިން ކަމަށެވެ. މިއީ 2019 ވަނަ އަހަރާއި އަޅާ ބަލާއިރު 42 އިންސައްތަ ދަށްވުމެކެވެ.

ދުނިޔޭގެ މާކެޓަށް އަލުން ރާއްޖޭގެ ފަތުރުވެރިކަން ހުޅުވުމުން، ފަތުރުވެރިކަމަށް އަންނާނެ ބަދަލުތަކަށް ލަފާކޮށް ސަރުކާރުން ދިރާސކޮށް ހަދާފައިވާ ސިނާރިއޯތަކުގެ ތެރެއިން، 3 ވަނަ ސިނާރިއޯގައި، ޖުލައި މަހުން އޮންއެރައިވަލް ވިސާ ދޭން ހުޅުވާލުމާއެކު އަހަރުގެ ބާކީ މަސްތަކުގެ ތެރޭގައި، އެކަށީގެންވާ ވަރަށް ފަތުރުވެރިން އަތުވެއްޖެ ނަމަ ރާއްޖެއަށް 845،546 ފަތުރުވެރިން އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

2019ވަނަ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަސްތެރޭގައި، ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 646،092 ފަތުރުވެރިންނެވެ. އެހެން ނަމަވެސް މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 382،760 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު40 އިންސައްތަ ދަށްވުމެކެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުވެސް 1.7 މިލިއަން ފަރުތުވެރިން އައިސްދާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި ވަރަށް ރަނގަޅަށް މާކެޓިން ގެ ކަންތައް ކުރެވިއްޖެ ނަމަ، އަދި ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލު ކުރެވިއްޖަ ކަމަށް ވީ ނަމަވެސް ލަފާކުރެވެނީ 1.1 ނުވަތަ 1.2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top