ރާއްޖޭގެ މިސްކިތްތަކުގެ އާބާތުރާ ފިލުވުމަށް ސަރުކާރުން 15 މިލިއަން ރުފިޔާ ހަމަޖައްސަައިފިއެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރަން ރާވާފައިވާ ކަންކަމުގެ ތެރޭގައި މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މީގެ އިތުރުން މިސްކިތްތަކުގެ އާބާތުރަ ފިލުވާ، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށް ވުރެ ތިންގުނަ އަށް އިތުރުކުރަން ވެސް ވަނީ ނިންމާފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކުގެ އާބާތުރަ ފިލުވައި ރީތިކޮށް ބެލެހެއްޓުމަށް ޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނައަށް އިތުރުކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވެ ވަޑައިގެންނެވި ވައުދު ފުއްދަވައިފި ކަމަށެވެ.
ރާއްޖޭގެ މިސްކިތްތަކުގެ ހާލަތު ރަނގަޅު ކުރުމަކީ ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް ވި ވައުދެކެވެ. އެމަނިކުފާނު ވަނީ އެ މަސައްކަތްތަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.