ރާއްޖެއިން ފައިލޭރިއާގެ ކޭސްތަކެއް ފެނިއްޖެ

large_170255609694nEg.jpg

ފައިލޭރިއާ ބަލި ޖެހިފައިވާ މީހެއް --

ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ކަމަށް އިއުލާން ކޮށްފައިވާ ފައިލޭރިއާގެ ކޭސް ތަކެއް ހދ. ކުޅުދުއްފުށިން ފެނިއްޖެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ މި ކޭސްތައް ފެނިފައިވަނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބިދޭސީންނަށް އަމާޒުކޮށްގެން މިމަހުގެ އެކަކުން ދޭކަށް ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕޭޭނެއްގެ ތެރެއިން ކަމަށެވެ. އެ ކޭމްޕަށް ޒިޔާރަތްކުރި ބިދޭސީންގެ ސިއްހީ ހާލަތު ދެނެގަތުމަށްޓަކާ ބައެއް ކަހަލަ ބަލިތަކަށް ސްކްރީން ކުރެވުނު ކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުން ބުނެ އެވެ.

“އޭގެ ތެރޭގައި ކުރެވުނު ބައެއް ޓެސްޓުތަކުގެ ތެރޭގައި ފައިލޭރިއާ ހުރިތޯ ބެލުމުގެ ޓެސްޓުތަކެއް ކުރެވުނީ. ދެން އެ ބެލިބެލުމުން 16 ކޭސް ފާހަގަވެފައިވަނީ ސްކްރީނިން މަރުހަލާގައި. ބަލި ހުރިތޯ އިތުރަށް ޔަގީންކުރުމަށް އިތުރު ޓެސްޓުތަކެއް މިހާރު ހަދަން ތައްޔާރުވަމުން އަންނަނީ،” ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފައިލޭރިއާ އަށް ޕޮޒިޓިވްވި މީހުންނާ އެކު ދިރިއުޅޭ މީހުންގެ ސްކްރީނިން ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އަދި ސްކްރީނިން ޓެސްޓުން ޕޮޒިޓިވް ކަމަށް ދައްކާ ފަރާތްތަކުގެ ބަލި ހުރިކަން ޔަގީން ކުރުމަށްޓަކާ އިތުރު ކޮންފަމޭޓަރީ ޓެސްޓުތައް ހަދާނެ ކަމަށްވެސް ހޮސްޕިޓަލުން ބުނެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ ފައިލޭރިއާ އަށް ޕޮޒިޓިވް ވެފައިވާ މީހުންނަކީ ފައިލޭރިއާ ބަލި އުޅޭ ގައުމުތަކުންނާއި ސަރަހައްދުތަކުން ވަރަށް ފަހުން ރާއްޖެ އައިސްފައިވާ މީހުން ކަމަށެވެ.

ފައިލޭރިއާއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ފައިލޭރިއާއަށް ދެވޭ ފަރުވާއަކީ އެއްފަހަރު ބޭނުންކުރާ ދެ ބެހޭކެވެ. މިއީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާ އިން ފެތުރޭ ބައްޔެކެވެ. މިއީ ޑެންގޫއާއި ޗިކުންގުންޔާ ފަތުރާ މަދިރިއަށް ވުރެ ތަފާތު މަދިރިއެކެވެ. އެހެންކަމުން ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަަމަކީ މަދިރިން ރައްކާތެރިވުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top