ބ. އަތޮޅުގައި އިތުރު ރިސޯޓެއް ނުހަދަން ގޮވާލައި ގަރާރެއް ފާސްކޮށްފި

242174_3_ef86d80ec145b5d34bc744601d074a728477d715_medium.jpeg

ބ.އަތޮޅު-- ފޮޓޯ :ދި އެޑިޝަން .

ބ. އަތޮޅުގައި އިތުރު ރިސޯޓެއް ނުހެދުމަށާއި އިތުރު ރިސޯޓެއް ހަދާ ނަމަ އެކަމަށް ހުޅުވާލަން ޖެހޭނީ ކައުންސިލުގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށް ކަނޑައަޅައި އެ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

އެ ކައުންސިލުން އިއްޔެ ފާސްކުރި ގަރާރުގައި ބުނެފައި ވަނީ، ބ. އަތޮޅުން މިހާރު ވަރުވާއަށް ދޫކޮށްފައިވާ ބައެއް ރަށްރަށް ކުނިއަޅައި ފުރާލާފައިވާ ކަމަށާއި އަދި ހުއްދަ ނުހޯދައި ބައެއް ރިސޯޓްތަކުން ފިނޮޅުތައް ބޭނުންކޮށް މާލީ މަންފާ ހޯދަމުންދާ ކަމަށެވެ. މީގެ އިތުރުން ރިސޯޓް ހަދަން ދޫކޮށްފައިވާ ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަމަށާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް ވެސް އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ނުކުރާކަމަށް ކައުންސިލުން ބުނެއެވެ.

އެހެންކަމުން ބ. އަތޮޅުގައި އެއްވެސް ރިސޯޓެއް އިތުރަށް ނުހެދުމަށާއި އިތުރަށް ރިސޯޓެއް ހަދާނަމަ އެކަމަށް ހުޅުވާލަންވާނީ ކައުންސިލުގެ އިޒުނައެއް ހޯދުމަށްފަހު ކަމަށްވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށްވަނީ ގޮވާލައިފަ އެވެ. އަދި ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް ކައުންސިލުގެ މައްޗަށް ބަދަލުކުރުމަށްވެސް ވަނީ ގަރާރުން ފާސްކޮށްފައެވެ.

މީގެ އިތުރުން ހުއްދަ ނުނަގައި ބައެއް ރިސޯޓުތަކުން ފިނޮޅުތައް ބޭނުންކޮށް މާލީ މަންފާ ހޯދާ ކަމަށާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބައެއް ރަށްރަށުގައި މަސައްކަތް ނުކުރާއިރު، ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންވެ ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްރަށް މޮނިޓާކުރުމުގެ ދައުރު ކައުންސިލަށް ހަވާލުކުރުމަށް ފާސްކޮށް، އެ އަތޮޅުގެ އިހުތިސޯސް ތެރެއަށް ނުވަދެ ހުރި ހުރިހާ ފަޅުތަކާއި ރަށްތަކާއި ފިނޮޅުތައް ހިމެނޭހެން ބެލެހެއްޓުމުގެ ޒިންމާ ކައުންސިލާ ހަވާލުކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.

އަދި ގަވާއިދާ ހިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާމެދު ފިޔަވަޅު އެޅުމަށާއި އެ އަތޮޅުގެ ބަޔޯސްފިއާ ރިޒާވް ކައުންސިލުގެ ދަށުން ހިންގާ ތަނެއްގައި ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެ ގަރާރު ވަނީ ގޮވާލައިފައެވެ.

ގަރާރު ފާސްކޮށްފައިވަނީ ބ. އަތޮޅު ކައުންސިލުގައި ހިމެނޭ ނުވަ މެންބަރުންގެ އިއްތިފާގުންނެވެ.

ޖުމުލަ 82 ރަށުގެ މައްޗަށް އެކުލެވޭ ބ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށް އޮންނަ އިރު، މީހުން ދިރިނޫޅޭ 53 ރަށް އޮވެއެވެ. އަދި 16 ރިސޯޓް ހިންގާ އިރު، ރިސޯޓް ތަރައްގީކުރަން 17 ރަށެއް ދޫކޮށްފައިވެއެވެ. އަދި ދަނޑުވެރިކަމަށް ފަސް ރަށް، އެކުއަކަލްޗާއަށް އެއް ރަށް ދޫކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top