ބ. ކިހާދޫ ސްކޫލުގެ ޕީޓީއޭއިން ކޮންމެ އަހަރަކުވެސް “ދިވެހި ސުފުރާ” ގެ ނަމުގައި ބާއްވަމުން އަންނަ ޑިނަރ ނައިޓްގެ މިއަހަރުގެ އިވެންޓަށް 400 މީހުން ރަށުން ބޭރުން ޒިޔާރަތް ކޮށްފައިވާކަމަށް ބ. ކިހާދޫ ސްކޫލުން ބުނެފިއެވެ.
ބ. އަތޮޅުގެ ސްކޫލްތަކުގެ ޕީޓީއޭ ޑިނަރނައިޓްތަކުގެ ރެކޯޑް އާމްދަނީ ދަމަހައްޓަމުން އަންނަ ކިހާދޫ ސްކޫލުން ބުނީ ރޭގެ ޑިނަރ ނައިޓަށް ޒިޔާރަތް ކުރި މީހުންގެ ރަށުންބޭރާ، ރަށުގެ ރައްޔިތުންނާއެކު ޖުމްލަ އަދަދު ހަތްސަތޭކައާ ގާތްކުރާނެކަމަށާ، އާމްދަނީގެ ފައިނަލް ހިސާބު އަންނަ ހަފްތާގެ ތެރޭގައި އިޢްލާން ކުރާނެކަމަށެވެ. ނަމަވެސް ކިހާދޫ ސްކޫލް ޕްރިންސިޕަލް ހާރޫން ޔޫސުފް އީވީއަށް މިއަދު ދިން އިންޓަވިއުއެއްގައި ވިދާޅުވީ ރޭގެ ޑިނަރ ނައިޓްގެ އާމްދަނީ ނުވަދިހަހާސް ރުފިޔާއަށްވުރެ މަތިވާނެކަމަށް ލަފާކުރާ ކަމަށެވެ.
“މިދިޔަ އަހަރު އަޅުގަނޑުމެންނަށް އެއްލައްކަ ރުފިޔާއަށްވުރެ ގިނައިން ލިބުނު. ރިސޯޓްތަކުން އެކިއކި ސަބަބުތަކާހުރެ އައިމީހުން މިއަހަރު މަދު. އެކަމަކުވެސް ލަފާކުރެވޭ 90000ރ އަށްވުރެ ދަށްުނުވާނެކަމަށް. ރިސޯޓްތަކާ، ރަށުގެ ފިހާރަތަކުން ވިއްކި ޓިކެޓްގެ ހިސާބުތައް އަޅުގަނޑުމެން މިދަނީ ސާފުކުރަމުން. އަންނަ ހަފްތާ ތެރޭގައި ހިސާބުތައް ނިންމާ ފައިނަލް ރިޕޯޓް އިޢްލާން ކުރެވޭނީ” ހާރޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިކާމިޔާބު އިވެންޓް ކޮންމެއަހަރަކުވެސް މިހާ ފުރިހަމަކޮށް ކުރިޔަށް ގެންދެވެނީ މިކަމަށް ކިހާދޫ ރައްޔިތުން ބަހައްޓަވާ ހާއްސަ ސަމާލުކަމެއްގެ ސަބަބުންކަމަށެވެ. އަދި މިއަހަރުގެ އިވެންޓަށް ރައްޔިތުން ދެއްވި އެއްބާރުލުމަށް ހާރޫން ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރިއެވެ.
“ހަފްތާއެއްހާ ދުވަސްކުރިން އަންހެންވެރިން މިކަމަށް މިއަހަރު ތައްޔާރުވާން ފަށައިފި. ވަރަށް ބުރަ މަސައްކަތެއް އެޓީމުން ކުރާނެ. ދެން ފިރިހެން ވެރިން ހާއްސަގޮތެއްގައި އޮޑިވެރިން އަމިއްލަ އޮޑިފަހަރުގައި ހިލޭ ސާބަހަަށް މަސްބާނައި، މަސްކަނޑާ، މަސްފިހެދީ، ކުރުނބާ އަޅައި ކުރުނބާ ފަނި ގިރައިދީ، މިހިރަ މިހިރަ ކަންކަން ފާހަގަކުރާނެ ގޮތެއް އަޅުގަނޑަށް ނުވެސް އެނގޭ. ހިފެހެއްޓުމެއް ނެތި ކިހާދޫ ރައްޔިތުންނަށް އައްސަރިބަހާ ސާބަހޭ ބުނެވޭނީ” ހާރޫންގެ އިހްސާސްތައް ކިޔައިދެއްވިއެވެ.

ކިހާދޫ ސްކޫލް ޑިނަރަ ނައިޓަށް އެރަށު ރައްޔިތުން ތައްޔާރު ވުމުގެ ތެރެއިން / ފޮޓޯ: މުހައްމަދު ޒުބައިރު
ހާރޫން ވިދާޅުވީ 2010 ވަނަ އަހަރުން ފެށިގެން ކިހާދޫ ސްކޫލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މިޑިނަރ ނައިޓް މެދުވެރިކޮށް މިހާތަނަށް އެސްކޫލަށް ހަލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެވެ. އަދި މިފައިސާއިން އެރަށު ސްކޫލްގެ ހުރިހާ ކްލާސްރޫމެއް މަލްޓިމީޑިޔާ ބޭނުންކުރެވޭގޮތް ހަދައި، ފަންސާސް އިންޗީގެ ޓީވީއެއް ބެހެއްޓިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލްގެ ކުރިއެރުމަށް އެރަށު ޕީޓީއޭއިން އަހަރަކު ލައްކައެއްހާ ރުފިޔާ ހަރަދުކުރާ ކަމަށެވެ.