އިންތިޚާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އެކި ކައުންސިލް ތަކުން ވަޒީފާތަކަށް އިއުލާންކުރުން އިތުރުވެފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.
އެލްޖީއޯގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވީ މި ދުވަސްވަރު ބައެއް ކައުންސިލްތަކުން މިސްކިތްތައް ފޮޅާ ސާފުކުރާނެ މުވައްޒަފުންނާއި ރަށުތެރެ ސާފުކުރުން ފަދަ މަސައްކަތްތަކަށް މީހުން ހޯދަން އިއުލާންކުރާ އަދަދު އިތުރުވެފައިވާ ކަން ފާހަގަވާ ކަމަށެވެ.
“މިސްކިތްތައް ސާފުކުރަން މުވައްޒަފުން ބޭނުންވެއޭ ބުނީމާ އަޅުގަނޑުމެން އެ ކަމަށް ވަރަށް ބޮޑު އިސްކަމެއް ދެން. އެކަމަކު، އެ ރަށްރަށުން ހަމަ ވަރަށް ގިނައިން ޝަކުވާ އާދޭ އެ ހުއްދައިގެ މަގުސަދާ ޚިލާފަށް އަމަލުކުރާ ކަމަށް. ނާޖާއިޒު ބޭނުން ހިފައިގެން މުވައްޒަފުން މި ދުވަސްވަރު ނަގާ ކަމުގެ ޝަކުވާ އެހާ ގިނަ،” މުހައްމަދު ނިމާލް “މިހާރު” އަށް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު ގެނައި އިސްލާހުގެ ދަށުން ލޯކަލް ކައުންސިލުގެ އުމުރު ހަމަވުމުގެ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތުގައި، ކައުންސިލްތަކަށް މުވައްޒަފުން ނެގޭނީ އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ނިމާލް ވިދާޅުވި އެވެ.
ނަމަވެސް، އެ ހުއްދަ ނުހޯދާ ބައެއް ކައުންސިލްތަކުން ވަޒީފާތަކަށް އިއުލާންކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިމާލް ވިދާޅުވި ގޮތުގައި، މި ދުވަސްވަރު ކައުންސިލްތަކަށް މުވައްޒަފުން ނެގުން އާދަޔާ ހިލާފަށް އިތުރުވެފައި ވިޔަސް އެލްޖީއޭ އިން ހުރިހާ ކައުންސިލްތަކަށް ވެސް އަންގަނީ ސިވިލް ސާވިސް ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށެވެ.
އޭގެ ތެރޭގައި ވަޒީފާތަކަށް މީހުން ނެގުމުގެ ހުއްދަ ސިވިލް ސާވިސް ކޮމިޝަންގެ ލިޔުމަކުން ހޯދުމާއި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމާރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެލްޖީއޭ އިން ހެދި އުސޫލުގައިވާ ގޮތުގައި، ކައުންސިލުގެ އުމުރު ހަމަވުމުގެ އެއް އަހަރު ނުވަތަ އެ އަށް ވުރެ ކުރު މުއްދަތުގައި، ކައުންސިލުގެ އިހުތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ދޫކުރުމާއި ދިނުމާއި ކައުންސިލްތަކުން އެކަށައަޅާފައިވާ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ މަޝްރޫއުތައް ވެސް ހިންގޭނީ އެލްޖީއޭ އާއި މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ.






